ނިމިދިޔަ 2023 ވަނަ އަހަރު ފާހަގަވެގެންދިޔައީ މީޑިއާނެޓުގެ އެމް އެސް ވީޑިއޯކްލަބް ހިދުމަތައް ހާއްސަ ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެއް ގޮތުގައެވެ. އެގޮތުން ތަފާތު މޮޅު އަމިއްލަ އުފެއްދުންތަކެއް އެ ހިދުމަތް މެދުވެރިކޮށްވަނީ ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. ދިވެހިން ގަޔާވާފަދަ ފިލްމާއި ސީރީޒް ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ އަދި ފޯނު ސްކްރީންތަކަށްވަނީ ފޯރުކޮށްދީފަ އެވެ.
މިިދިޔައަހަރު މީޑިއާނެޓުން ވަނީ އެމްއެސް ގްލޯބަލް ހިދުމަތް ތައާރަފްކޮށް، ރާއްޖެއިން ބޭރުގައި ތިބެވެސް ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ބަލާލެވޭނެ ފުރުސަތު ދިވެހިންނަށް ތަނަވަސްކޮށްދީފަ އެވެ.
އައު އަހަރަކާ ކުރިމަތިލާއިރު ފާއިތުވި އަހަރުތަކުގެ އެންމެ މަގްބޫލު ފިލްމާއި ސީރީޒްތަކަށް އަލިއަޅުވާލުން މުހިންމެވެ. ވީޑިއޯކްލަބް މެދުވެރިކޮށް ދިވެހިންގެ މެދުގައިއެންމެ ފާހަގަކޮށްލެވޭ ކޮންޓެންޓްތައް:
ދިވެހި ފިލްމު
ހިނދުކޮޅެއް
މީޑިއާނެޓް އޮރިޖިނަލްސް ބެނާގެ ދަށުން ޑާކްރެއިން އެންޓަޓެއިންމަންޓް އިން އުފައްދާފައިވާ "ހިނދުކޮޅެއް" ފިލްމަކީ ލޯބީގެ ވާހަކައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މިހާރު ކުރިއަރަމުން އަންނަ ފަންނާނެއް ކަމުގައިވާ އާޝާ، އަދި އަހަރުގެ އެންމެ މަގްބޫލު ފިރިހެން ތަރިކަމަށްވާ ޝަރަފް މައި ރޯލުތަކުން ފެނިގެންދާ މި ފިލްމު ރިލީޒްކުރީ 2023ގެ އަހަރުގެ މާޗް މަހު އެވެ.
ހެހެސް
ދިވެހި ފިލްމު އިންޑަސްޓްރީގެ އަބަދަށްފެހި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޕްރޮޑިއުސްކޮށް އެކްޓް ކޮށްފައިވާ މި ފިލްމަކީ ވީޑިއޯ ކްލަބްގެ ދެވަނައަށް އެންމެ މަގްބޫލު ފިލްމެވެ.
އުފާވެރި ކައިވެންޏެއްކޮށްގެން އުޅޭ ފިރިހެނެއްގެ ލޯބި ހާސިލްކުރަން އަންހެނަކު ކުރާ މަސައްކަތް މި ފިލްމުން ފެނިގެންދާނެ އެވެ. މި ފިލްމުގައި އެކި ރޯލުތަކުން އަރަމުން އަންނަ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.
ގޮށްރާޅު
މިއުޒިކީ ފަންނާނެއް ކަމުގައިވާ ޒަކިއްޓެ އަދި ބަތަލާ އާޝާ މައި ރޯލުތަކުން ފެނިގެންދާ ގޮށްރާޅަކީ ވީޑިއޯކްލަބްގައި ތިންވަނައަށް އެންމެ މަގްބޫލު ފިލްމެވެ.
ގޭންގްސްޓާރަކާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖެއް ކަމަށްވާ ޒައިނާގެ ލޯބި ހާސިލްކުރަން އައިމަން ކުރާ މަސައްކަތް މި ފިލްމުން ފެނިގެންދާނެ އެވެ.
މިއީ ވެސް ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ.
ބީވީމާ
2023 ވަނަ އަހަރު ވަނީ އައު ފިލްމެއް ކަމުގައިވާ "ބީވީމާ" ވެސް ވީޑިއޯކްލަބަށް ރިލީޒްކޮށްފަ އެވެ. ލަވަކިޔުންތެރިޔާ އަޝްފާ އަދި ތަޖުރިބާކާރު އެކްޓަރު ކޮޕީ އިއްސެ އިސް ރޯލުތަކުން ފެނިގެންދާ މި ލޯބީގެ ފިލްމަށް ގިނަބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
ދިވެހި ސީރީޒް
ދަރަކަ
ވީޑިއޯކްލަބްގެ އެންމެ މަގުބޫލު ސީރީޒް ގޮތުގައި ފާހަގަކޮށްލެވެނީ "ދަރަކަ" އެވެ.
ސިޔާސީ މަގާމެއްގައި ހުރި ފަރާތެއްގެ އަންހެން ދަރިފުޅު ގެއްލިގެން ތަހުގީގީ ނޫސްވެރިއަކު ކުރާ މަސައްކަތް މި ސީރީޒްއިން ފެނިގެންދާ އެވެ.
ޖުމްލަ އަށް އެޕިސޯޑު ހިމެނޭ މި ސީރީޒްގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. މި ސީރީޒްގެ މައި ރޯލުތަކުން އިފްނާޒް ފިރާގް އަދި ވާޝިޔާ ފެނިގެންދާނެ އެވެ.
ޔަސްނާ
މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާފައިވާ ސީރީޒް ޔަސްނާ އަކީ ޖުމްލަ 15 އެޕިސޯޑުގެ މައްޗައް އެކުލެވޭ ސީރީޒްއެކެވެ.
2022 ވަނަ އަހަރު ރިލީޒްކުރި މި ސީރީޒްއިން ފެނިގެންދަނީ ގިނަ ދުވަހު ކިޔެވުމަށް ރަށުން ބޭރުގައި ހުރުމަށްފަހު އަނބުރާ އައިސް ކުރީގެ ލޯބިވެރިޔާ އަނބުރާ ހާސިލްކުރުމަށް ކުރާ މަސައްކަތެވެ.
ބަލްގިސް
ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފަރާތުން އުފައްދާފައިވާ "ބަލްގިސް"، މި ސީރީޒްއަކީ ފަސް އެޕިސޯޑުގެ މައްޗައް އެކުލެވޭ ސީރީޒްއެކެވެ.
ހިތާމަވެރި ހާދިސާތަކެއް ދިމާވާ ކުއްޖެއްގެ ހަޔާތުގެ މައްޗައް ބިނާކޮށް އުފައްދާފައިވާ މި ސީރީޒް ރިލީޒްކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މި ސީރީޒްގެ މައި ރޯލުން ފެނިގެންދާނީ މަގްބޫލު އެކްޓްރެސް ޝިފާއެވެ.
މިދިޔައަހަރު މީޑިއާނެޓު އޮރިޖިނަލްސްގެ ދަށުންވަނީ :"ގަރީނާ" ވެސް ރިލީޒްކޮށްފަ އެވެ. އޮލިމްޕަސް ސްކްރީނުގައި ހާއްސަ ސްކްރީނިންގް އަކާއެކު ރިލީޒްކުރެވުނު މި ސީރީޒްއަށް އަންނަނީ ގިނަ ބައެއްގެ ތަރުޙީބު ލިބެމުންނެވެ.
މީގެ އިތުރުން ކުރިން ރިލީޒްކޮށްފައިވާ ސީރީޒްތައް ކަމުގައިވާ "ގާރލްފްރެންޑްސް" ގެ ސީޒަން ދޭއް، "ލަފްޒު" ސީޒަން ދޭއް، "ލަމްސް ކިޗަން" ސީޒަން ދޭއްގެ އިތުރުން، ރިއަލިޓީ ޝޯވްތައް ކަމުގައިވާ "އައިސް ވޯގް" އަދި "ދެން ބުނެބަލަ" ވެސް ވަނީ 2023 ވަނަ އަހަރު ތެރޭގައި ރިލީޒްކޮށްފަ އެވެ.
މިއަހަރަކީ ވެސް އައު ގިނަ ކޮންޓެންޓްތަކެއް ވީޑިއޯކްލަބަށް އިތުރުވެގެންދާނެ އަހަރެއް ކަމަށް މީޑިއާނެޓުން މައުލޫމާތު ދެއެވެ.










