މިލާން (ޖެނުއަރީ 14) - އިޓާލިއަން ލީގުގައި ރޭ މޮންޒާ އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު، އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިިންޓުގެ ލީޑެއްނަގައިފި އެވެ.
އެއް ވަނައިގައި އޮތް އިންޓަ އަށް ވަނީ 20 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ދެ ވަަނައިގައި އޮތް ޔުވެންޓަސް އަށް 19 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.
އިންޓަ އިން 12 ވަނަ މިނިޓްގައި ލީޑުނެގީ ހަކާން ޗަނޮނޮގްލޫ ޖެހި ޕެނަލްޓީންނެވެ. އޭގެ ދެ މިނިޓް ފަހުން، ލަޓާރޯ މާޓީނޭޒް ވަނީ ގޯލެއް ޖަހައި އިންޓަގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޗޮނޮގްލޫ އިންޓަގެ ތިން ވަނަ ގޯލު ޖެހިއިރު، މިއީ އޭނާ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖެހި 10 ވަނަ ގޯލެވެ.
މޮންޒާ އިން ވަނީ މެޗުގެ 69 ވަނަ މިނިނިޓްގައި ޕެނަލްޓީ އަކުން ލަނޑެއް ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ މަޓެއޯ ޕެސީނާ އެވެ.
މެޗު ނިމުމުގެ ކުރިން އިންޓަ އިން ވަނީ ރަނގަޅު ކުޅުން ދަމަހައްޓައި، އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، 84 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން މާޓީނޭޒް، އިންޓަގެ ހަތަރު ވަނަ ގޯލު ޖެހި އެވެ. އެ ޓީމުގެ ފަހު ގޯލު މެޗުގެ 88 ވަނަ މިނިޓްގައި ޖެހީ މާކަސް ތުރާމް އެވެ.
އިންޓަ އަށް ދެން އޮތީ ސައުދީ އަރަބިއްޔާގައި ހޯސްޓްކުރާ އިޓާލިއަން ސުޕަ ކަޕް އެވެ. އެ މުބާރާުތުގެ އެއް ސެމީގައި އިންޓަ އިން ލާޒިއޯއާ ކުޅޭއިރު، އަނެއް ސެމީގައި ފިއޮރެންޓީނާ ބައްދަލުކުރަނީ ނަޕޯލީއާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ ވަނީ ރޭ ފަހަތުން އަރައި، ސެލަނިޓާނާ އަތުން 2-1 އިން މޮޅުވެފަ އެވެ. ލީގުގެ ފުލުގައި އޮތް ސެލަނިޓާނާ އިން ލީޑުނެގީ އެންޓޯނިއޯ ކަންޑްރޭވާ ޖެހި ގޯލުންނެވެ. ނަޕޯލީ ފަހަތުން އަރައި މޮޅުވީ، މަޓެއޯ ޕޮލިޓާނޯ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ޕެނަލްޓީންނާއި މެޗުގެ އިތުރު ވަގުތުގައި، އާމިރު ރަހްމާނީ ޖެހި ގޯލުންނެވެ.
ނަޕޯލީ އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ އެއް ވަނައިގައި އޮތް އިންޓަ އަށް ވުރެ 20 ޕޮއިންޓް ފަހަތުގަ އެވެ. ނަޕޯލީ އަށް 20 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.












