އޭޝިޔާގެ ފުޓުބޯޅައިގެ މައި އިދާރާއިން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "އޭޝިޔަން ކަޕް" އިއްޔެ ފަށައިފި އެވެ.
މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްވެސް ބޭއްވި ގަތަރުގަ އެވެ. މި މުބާރާތުގެ ފާހަގަކޮށްލެވޭ ބޮޑުތި މެޗުތައް މީޑިއާނެޓު މެދުވެރިކޮށް އައިސް ނެޓްވޯކުގެ ޗެނަލްތަކުން ދިވެހިންނަށް ބެލޭނެ އެވެ.
މުބާރާތުގެ ފާހަގަކޮށްލެވޭ ޓީމުތަކާއި ކުޅުންތެރިން އަދި ގްރޫޕްތައް
ގްރޫޕް އޭ
ގްރޫޕް އޭ ގައި އެންމެ ފާހަގަކޮށްލެވޭ ޓީމަކީ މުބާރާތް ބާއްވާ ގައުމު އަދި އެންމެ ފަހު ވޯރލްޑް ކަޕުގައި ވެސް ވާދަކުރި ގަތަރެވެ. ވޯލްޑް ކަޕުގައި އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނު ކަމުގައި ވީނަމަވެސް ގަތަރުން އަންނަނީ ފުޓުބޯޅަ ކުރިއަރުވާ އައު ހަރުފަތްތައް ގިރާކުރަމުންނެވެ.
ގަތަރަކީ އެންމެ ފަހުގެ އޭޝިޔަން ކަޕް ޗެމްޕިއަނުންކަންވެސް ފާހަގަކޮށްލެވެ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ 1984 އަދި 2004 ވަނަ އަހަރު ރަނަރަޕްކަން ހޯދި ޗައިނާގެ އިތުރުން ތަޖިކިސްތާން އަދި ލެބަނަން އެވެ.
ގްރޫޕް ބީ
ގްރޫޕް ބީ އިން ކުރި ހޯދާނެކަމަށް ގިނަ ބަޔަކު ލަފާކުރަނީ ގިނަ ތަރިންތަކެއް ހިމެނޭ އަދި މި މުބާރާތާއި ވޯލްޑްކަޕުގައި ވެސް ކާމިޔާބީތަކެއް ހޯދާފައިވާ އޮސްޓްރޭލިއާ ޓީމެވެ. އޮސްޓްރޭލިއާ އިން ވަނީ 2015 ވަނަ އަހަރު ޗެމްޕިއަންކަން އަދި 2011 ވަނަ އަހަރު މި މުބާރާތުގެ ރަނަރަޕްކަން ހޯދާފަ އެވެ.
މި ގްރޫޕުގައި އަވަށްޓެރި އިންޑިއާ ވެސް ހިމެނެ އެވެ. ސައުތު އޭޝިޔާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ސުނިލް ޗެތުރީގެ ހުނަރު މި މުބާރާތުގައި ފެންނާނެ މިއީ އެންމެ ފަހު އަހަރު ކަމުގައިވުން ވެސް އެކަށީގެންވެ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސީރިއާ އަދި އުޒްބެކިސްތާނެވެ.
ގްރޫޕް ސީ
މުބާރާތުގެ ތާރީހަށް ބަލާއިރު އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ އީރާން ހިމެނެނީ މި ގްރޫޕުގަ އެވެ. އީރާނުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފަ އެވެ. ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އަންނަ މެހްދީ ތަރޭމީ އަދި އިނގިރޭސި ވިލާތުގެ ބްރެންޓްފޯޑަށް ކުޅެމުން އަންނަ ސަމަން ގުދުސް ފަދަ ކުޅުންތެރިން މި ޓީމުގައި ހިމެނެ އެވެ.
ގިނަ ދިވެހިންގެ ލޯބި ލިބިފައިވާ ގައުމެއް ކަމަށްވާ ފަލަސްތީނުގެ ޓީމުވެސް ހިމެނެނީ މި ގްރޫޕުގަ އެވެ. މި މުބާރާތަކީ ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތުކަމެއް ނެތް އަމަލުތަކާއި ދެކޮޅަށް އަޑުއުފުލާނެ މުބާރާތެއް ކަމުގައި ލަފާކުރެވެ އެވެ. ކުޅިވަރުގެ ޒަރިއްޔާއިން ދުނިޔޭގެ ލޮލަށް މުހިއްމު މެސެޖުތަކެއް ދޫކޮށްލާނެ މުބާރާތެއް ކަމަށް ބެލެވެ އެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ހޮންގް ކޮންގް އެވެ.
ގްރޫޕް ޑީ
މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ފުޓުބޯޅައިގެ ގަދަ ބާރު ޖަޕާން ހިމެނެނީ މި ގްރޫޕުގަ އެވެ. ޔޫރަޕުގެ ބޮޑެތި ކްލަބުތަކަށް ކުޅޭ ލިވަރޕޫލްގެ ވަޓަރު އެންޑޯ، ބްރައިޓަން ގެ ކައޯރު މިޓޯމާ އަދި މޮނާކޯގެ މިނަމިނޯ ފަދަ ގިނަ ކުޅުންތެރިން މިޓީމުގައި ހިމެނެ އެވެ.
މި ގްރޫޕުގައި 2007 ވަނަ އަހަރުގެ ޗެމްޕިއަން އިރާގުވެސް ހިމެނެ އެވެ. އޭގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ވިއެތްނާމް އަދި އިންޑޯނީޝިއާ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މި މުބާރާތުގެ ގްރޫޕް އޮފް ޑެތް އެވެ.
ގްރޫޕް އީ
ދިވެހިންނަށް ފަރިތަ ނަންތަކެއް ކަމަށްވާ ޓޮޓްނަމްގެ ސޮން ހުއިންގް މިންގް، ވުލްވްސްގެ ހްވަންގް ހީ ޗަން އަދި ޕީއެސްޖީގެ ލީ ކަންގް އިން ފަދަ ވަރުގަދަ ކުޅުންތެރިން ހިމެނޭ ސައުތު ކޮރެއާ ޓީމަކީ މި މުބާރާތުގެ ފޭވަރިޓުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ސައުތު ކޮރެއާ އިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފަ އެވެ. އަދި ރަނަރަޕް ކަން ހަތަރު ފަހަރު ހޯދާފަ އެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ މެލޭޝިއާ، ޖޯޑަން އަދި ބަހްރެއިން އެވެ.
ގްރޫޕް އެފް
އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ވަރުގަދަ އާޖެންޓީނާ ބަލިކުރި ސައުދީ އަރަބިއްޔާގެ ޓީމު ހިމެނެނީ މި ގްރޫޕުގަ އެވެ. ވަރުގަދަ ލީގަކާއެކު މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުމަށްފަހު ސައުދީ ޓީމުން މި މުބާރާތައް ކުރިމަތިލަނީ ތަށި ހޯދުމުގެ ފޮނި އުންމީދާއެކު އެވެ.
ސައޫދީ އިން ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށް ތިން ފަހަރު ރަނަރަޕްކަން ހޯދާފަ އެވެ.
ޖުމްލަ 24 ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ފެބްރުއަރީ 10، އާއި ހަމައަށެވެ. މީޑިއާނެޓު ކަސްޓަމަރުންނަށް މި މުބާރާތުގެ މެޗުތައް ޓީވީ އިން އަދި އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ފޯނުގެ ޒަރިއްޔާއިން ވެސް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ބެލޭނެ އެވެ.
މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ފުޓުބޯޅަ ލީގު ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.











