ސައޮ ޕައޮލޯ، ބްރެޒިލް (ޖެނުއަރީ 8) - ސައޮ ޕޯލޯގެ ކޯޗުގެ ގޮތުގައި ހުރި ޑޮރިވާލް ޖޫނިއާ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ބްރެޒިލްގެ ގައުމީ ޓީމުން މި ފަހުން ނެރިފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން، އެ ޓީމުގެ ކޯޗުކަމުން ފެނާންޑޯ ޑިނީޒް ވަނީ ވަކިކޮށްފަ އެވެ.
ބްރެޒިލްގެ ކޯޗުކަމާ ޑޮރިވާލް، 61، ހަވާލުވެފައިވާކަން އެންމެ ފުރަތަމަ އިއުލާންކުރީ މިހާރު އޭނާ މަސައްކަތްކުރާ ކްލަބު ކަމަށްވާ ސައޮ ޕޯލޯ އިންނެވެ. ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ޓީމުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ގެންނަން ވެސް މަޝްވަރާތަކެއް ކޮށްފަ އެވެ.
"މިއީ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތްވުން،" ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމާ ގުޅިގެން ޑޮރިވާލް ބުންޏެވެ.
ކޯޗިން ކެރިއަރުގައި ޑޮރިވާލް ވަނީ މިހާތަނަށް 20 ކްލަބެއްގައި މަސައްކަތްކޮށްފަ އެވެ. ޑޮރިވާލް ވަނީ 2022 ވަނަ އަހަރު ފްލަމެންގޯއާ އެކު ކޮޕާ ޑި ބްރެޒިލް އަދި ދެކުނު އެމެރިކާގެ ސަރަހައްދީ ކްލަބު މުބާރާތް ކަމަށް ކޮޕާ ލިބެރްޓަރޯރެސް ކާމިޔާބުކޮށްފަ އެވެ.
ސައޮ ޕޯލޯ އަށް ބަދަލުވެ، އެ ކްލަބާއެކު ވެސް ޑޮރިވާލް ވަނީ 2023 ވަނަ އަހަރުގެ ކޮޕާ ޑި ބްރެޒިލް ކާމިޔާބުކޮށްފައެވެ.
ކޯޗިން ކެރިއަރު 2015 ވަނަ އަހަރު މެދުކަނޑާލުމަށް ފަހު، ޑޮރިވާލް ވަނީ ޔޫރަޕަށް ދަތުރުކޮށް، ރެއާލް މެޑްރިޑާއި ޗެލްސީ އާއި ރޯމާ އަދި ބަޔާން މިއުނިކް ފަދަ ކްލަބުތަކުގެ ޓްރެއިނިންތައް ބަލައިފަ އެވެ. އަދި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާގެ ޓްރެއިނިން އުކުޅުތައް ދިރާސާކުރުމަށް އޭނާ މެހެއްހާ ދުވަސް ހޭދަކުރި އެވެ.
ޑޮރިވާލް ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވީ އުނދަގޫ ދަނޑިވަޅެއްގަ އެވެ. ނޮވެމްބަރު މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗުން ބްރެޒިލް ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މި ވަގުތު އޮތީ ހަ ވަނައިގަ އެވެ.












