މިލާން (ޖެނުއަރީ 7) - މެޗުގެ އިތުރު ވަގުތުގައި ޑަވިޑް ފްރަޓޭސީ ޖެހި ލަނޑާ އެކު، އިޓާލިއަން ލީގުގައި ރޭ ވެރޯނާ އަތުން 2-1 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް އިންޓަ މިލާނުން ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މެޗުގެ 13 ވަނަ މިނިިޓުގައި އެ ޓީމުން ލީޑު ހޯދީ ފޯވަޑް ލަޓާރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ. މެޗުގެ 74 ވަނަ މިނިޓުގައި ވެރޯނާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ތޯމަސް ހެންރީ ޖެހި ލަނޑުންނެވެ.
އިންޓަ މޮޅުވި ލަނޑު ފްރަޓޭސީ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގަ އެވެ. ނޭވާ ހިފަހައްޓައިލަން ޖެހުނު އިތުރުު ވަގުތުގެ 10 ވަނަ މިނިޓުގައި ވެރޯނާ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު، ހެންރީ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ.
އިންޓަ ތާވަލްގެ އެއް ވަނައިގައި އޮތީ 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 43 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އިންޓާގެ ކޯޗު ސިމޯނޭ އިންޒާގީ ބުނީ މިއީ އިންޓާ އަށް ލިބުނު ވަރަށް މުހިންމު މޮޅެއް ކަމަށެވެ.
"މި ކަހަލަ މެޗަކުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށް އުނދަގޫ މެޗެއް މިއީ އެކަމަކު މި ކަހަލަ މެޗުތަކުން މޮޅުވުމަކީ ވަރަށް މުހިންމުކަމެއް،" އިންޒާގީ ބުންޏެވެ.
މެޗަށް ފަހު ވެރޯނާ އިން ވަނީ މެޗުގެ ރެފްރީގެ ބައެއް ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މާލީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ވެރޯނާ އޮތީ ރެލިގޭޝަން ޒޯންގަ އެވެ. މި މަހުގެ ޓްރާންސްފާގައި އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް އެ ކްލަބު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.












