މިދިޔަ އަހަރު ފެށުނުއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ޓިކެޓު ލިބިވަޑައިގަތުމުން އެމަނިކުފާނު ވިދާޅުވީ، އުއްމީދަކީ ޔާމީންއަށް އިންތިހާބުގައި ވާދަ ކުރެއްވުން ކަމަށާއި އެމަނިކުފާނަކީ ބެކަޕް ކެންޑިޑޭޓު ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ބޭނުން ކުރެއްވި ޕޯސްޓަރުތަކާއި ފޮޓޯތަކުން ފެންނަނީ، އެމަނިކުފާނަށްވުރެ ކުރީގައި އަދި ބޮޑުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި މަންޒަރެވެ.
ކެމްޕެއިނު ތެރޭގައި ތަރުކާރުކޮށް އެންމެ ގިނައިން ރައީސް މުއިއްޒު ވެވަޑައިގެން ވައުދަކީ ރައީސް ޔާމީން މިނިވަންކޮށް އިންސާފު ހޯއްދަވައިދެއްވުމެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ދެ ދުވަސް ކުރިން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް، އެ ވައުދެއް ވެވަޑައިގެންނެވި ގޮތަށް ފުއްދަވާނެ ކަމަށެވެ.
އެކަމަކު މިއަދު، ރައީސް މުއިއްޒުގެ ވެރިކަމަށް 48 ދުވަސް ފާއިތުވިއިރު ވެސް ޔާމީން ގެންދަވަނީ، ރިޝްވަތު ނެގުމާއި މަނީ ލޯންޑާ ކުރުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޔާމީން ކުށްވެރިއެއްގެ ގޮތުގައި، ހުކުމެއްގެ މަތީގައި ހުންނެވި ނަމަވެސް، އެއީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ކުރީ ޔާމީން ސިޔާސީ މައިދާނުން އެކަހެރި ކުރުން ކަމަށް މުއިއްޒު ކެމްޕޭނު ތެރޭގައި ވިދާޅުވި އެވެ. އެ މަނިކުފާނުގެ އެއްވެސް ކުށެއް ނެތް ކަމަށް މުއިއްޒު އޭރު ވިދާޅުވި އެވެ.

ޔާމީން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގައި ހުންނެވިއިރު ބޭއްވި ރަސްމިއްޔާތުގައި މިހާރުގެ ސަރުކާރުގެ އިސްވެރިން ޔާމީނާ އެކު ބައިވެރިވެވަޑައިގަންނަވަނީ. މި ހުރިހާ ބޭފުޅުން ވެސް ޔާމީނާ އެކު ސިޔާސީ މަސައްކަތެއް މިހާރު ނުކުރައްވާ --- ފޮޓޯ: އަދަދު ފައިލް
ސަރުކާރުން މިހާރު ބުނަނީ "ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި" ކަމަށެވެ.
ޔާމީން މިނިވަން ކުރުމުގެ ފޯރިއެއް މިހާރަކު ނެތް
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ގޮތަށް ޔާމީންއާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަން ފެށި އެވެ. އެމަނިކުފާނަށް އަމާޒުވި ތުހުމަތުތަކަކީ، އެމްއެމްޕީއާރްސީން ހިންގި ބޮޑު ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތެވެ.
ޔާމީން ޖަލަށްލުމަށް އެންމެ ފުރަތަމަ ހުކުމް ކުރީ ނޮވެމްބަރު 8، 2019، ގަ އެވެ. އެފަހަރު ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ވޮޑަމުލާ ނަމަކަށް ކިޔާ ރަށެއް ސަރުކާރުން ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނެގި ކަމަށް ސާބިތުވެގެންނެވެ.
ޔާމީން ޖަލަށްލުމާއެކު، އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މުޒާހަރާ ކުރަން ފެށި އެވެ. ނަމަވެސް ސަރުކާރުން އޮތީ ދޫ ދޭ ގޮތަކަށް ނޫނެވެ. އެކަމަކު، އެ މައްސަލައިގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން ނޮވެމްބަރު 30، 2021، ގައި ހުކުމް ކުރީ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އޭގެ ފަހުން އަނެއްކާ ވެސް ހަމަ ރަށެއް ކުއްޔަށް ދިން މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރި އެވެ. މިފަހަރު ކުރީ ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑާ ކުރުމުގެ ދައުވާ އެވެ. އެ މައްސަލަ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ޑިސެމްބަރު 25، 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ހ. ދޫވެހި ކުރިމަތީގައި އުފާ ފާޅުކުރުމަށް ބޭއްވި އިވެންޓުގައި ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ --- ފޮޓޯ: އަދަދު ފައިލް
ޔާމީން މިވަގުތު ތަންފީޒު ކުރަމުންދަނީ އެ މައްސަލައިގެ ހުކުމެވެ. އެ ހުކުމް އެމަނިކުފާނުގެ މައްޗަށް ކުރުމާއެކު އިދިކޮޅުން ބުނަމުންދިޔައީ އެއީ "ހަރާމް ހުކުމެއް" ކަމަށެވެ. އަދި ޔާމީން މިނިވަން ކުރުމަށް ގޮވާލަން ފަށައި މުޒާހަރާތަކެއް ވެސް ބޭއްވި އެވެ. ހުކުމް ކުރިތާ ދެ ދުވަސް ފަހުން މުޅި ރާއްޖޭގައި ވެސް އެފަދަ މުޒާހަރާތަކެއް ބޭއްވި އެވެ.
"ނުވައެއް ޖަހާއިރަށް ތާވަލުކުރި ޝަރީއަތް 11:30 ވަންދެން ލަސް ކުރީ ކީއްވެގެންކަން މި އެނގުނީ ދެންމެ އަޅުގަނޑުމެންނަށް އިވިގެން ދިޔަ ހުކުމުން. އިންޑިއާއިން ބޭނުންވި ގޮތަށް ހުކުމް އެ ބަދަލު ކުރީ. މިއީ އިންސާފުވެރި ހުކުމެއް ނޫން. މިއީ ނުހައްގު ހުކުމެއް. މިއީ ހަރާމް ހުކުމެއް. މި ހުކުމް ޕީޕީއެމް-ޕީއެންސީއަކުން ބަލައެއް ނުގަންނަން،" ކްރިމިނަލް ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެއިރު އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެ އެވެ.
އެއިރު އިދިކޮޅުގައި ތިބި ބޭފުޅުން މިހާރު ސަރުކާރު ހިންގުމާ ހަވާލުވެ ހުންނެވިއިރު ޔާމީން އަދިވެސް ހުންނެވީ އެ ހުކުމުގެ މަތީގަ އެވެ. ނަމަވެސް ޔާމީން މިނިވަން ކުރުމަށް އެއިރު ދެއްކި ފޯރި މިހާރަކު ނުފުނެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އޮކްޓޯބަރު 2، 2023 ގައި ސަޕޯޓަރުންނާއެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު އެދިވަޑައިގަތީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ނުކުރުމަށެވެ.
"އެކަން [މުޒާހަރާ] ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން،" މުއިއްޒު ވިދާޅުވި އެވެ.
ޔާމީންއާ ގުޅޭ ގޮތުން ދައްކަމުން އައި ވާހަކަތަކުގެ ރާގު ބަދަލުވީތަ؟
ޔާމީން "މިނިވަން" ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ. އެތައް ޕްލެޓްފޯމެއްގައި އެންމެ ބާރަށް ދެއްކި ވާހަކައަކީ ޔާމީން މިނިވަން ކުރުމުގެ ވާހަކަ އެވެ. ނަމަވެސް ވެރިކަން ލިބުނު ފަހުން ސަރުކާރުގެ ރާގު ބަދަލުވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަން ފަށައިފި އެވެ.
ޔަމީން މިނިވަން ކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒުގެ ރާގު ބަދަލުވެއްޖެތޯ ބެލުމަށް، ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކަށް ބަލައިލަންޖެހެ އެވެ. އެ ވާހަކަތަކަށް ބަލައިލުމުން އެނގެނީ، ރައީސް މުއިއްޒުގެ ވާހަކަ ބައްޓަން ކުރައްވާފައި ވަނީ ތިން ނުކުތާއެއްގެ މައްޗަށް ކަމެވެ.
- ފުރަތަމަ ކަމަކަށް ރައީސް ވިދާޅުވަމުން ގެންދެވީ، ރައީސް ޔާމީންއަށް ކުރި ހުކުމަކީ ސިޔާސީ ނުފޫޒާއެކު ކުރި ހުކުމެއް ކަމަށެވެ.
- ރައީސްގެ ދެ ވަނަ ނުކުތާއަކީ ވެރިކަން ލިބިވަޑައިގެންފި ނަމަ ޝަރީއަތަށް އަތް ބޭނުން ސަރުކާރުން ހުއްޓާލާނެ ކަމަށެވެ.
- ދެން ރައީސް ވިދާޅުވަމުން ގެންދެވީ ސަރުކާރުން ޝަރީއަތަށް އަތް ބޭނުން ހުއްޓާލުމުން ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ.

ދ. މީދޫގައި ބޭއްވި ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ޔާމީނަށް ހާއްސަކޮށްފައިވާ ގޮނޑިކޮޅު ކައިރީގައި ރައީސް މުއިއްޒު. ކޮންމެ ޖަލްސާއެއްގައި ޔާމީނަށް ހާއްސަ ހުސް ގޮނޑިއެއް ބަހައްޓާފައި ހުރި --- ފޮޓޯ: އަދަދު ފައިލް
ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސްގައި އެމަނިކުފާނު ދެއްކެވި ވާހަކައިން އެ ނުކުތާތައް ވަރަށް ސާފުވާނެ އެވެ. އެ ބަހުސްގައި ރައީސް މުއިއްޒު ވިދާޅުވީ:
"އަޅުގަނޑަށް ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކުރާ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް އަތް ބޭނުން ނިމުމަކަށް އަންނާނެ ދުވަސް. އެ ދުވަހު ރައީސް ޔާމީން މިނިވަން ވާނެ އިރާދަކުރެއްވިއްޔާ. ރައީސް ޔާމީން އެ ހުރީ ސިޔާސީ ނުފޫޒާ އެކީގައި ނުހައްގު ހުކުމެއް ކޮށްފަ. އެމަނިކުފާނަކީ މައުސޫމު ބޭފުޅެއް. އެހެންވީމަ އެމަނިކުފާނު މިނިވަންވެގެން އަންނާނެ ސިޔާސީ ނުފޫޒު ނިމުމަކަށް އަންނަ ދުވަސް."
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އޮކްޓޯބަރު 2، ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވެސް، ޔާމީންއާ ގުޅޭ ގޮތުން ރައީސް މުއިއްޒުގެ ވާހަކަތައް ބައްޓަން ކުރެއްވި ގޮތް ސާފުވާނެ އެވެ. އެރޭ ރައީސް ވިދާޅުވީ:
"އަޅުގަނޑު މި ދަންނަވަނީ 17 ވަނަ ދުވަހަށް [ނޮވެމްބަރު 17] ދާއިރުގައި މިހާރު އޮތް ޕްރޮސެސްއިން އެ މަނިކުފާނު މިނިވަން ނުވާ ކަމަށް ވަންޏާ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަކަ ށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަންވާނެ."
ރައީސް މުއިއްޒުގެ ވެރިކަމުގެ މިހާތަނަށް ވެސް ޔާމީން މިނިވަން ނުވާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ސަރުކާރުގެ ފަރާތުން ވަނީ، ރައީސް ކުރިން ވެވަޑައިގެންފައިވާ ވައުދުގެ ހުލާސާ ތަރުޖަމާއެއް ދީފަ އެވެ.
"މާނައަކީ ސަރުކާރަކުންނެއް ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ވާހަކަ އެ ދުވަހު [ރައީސް] ވިދާޅުވީ، އެހެންވީމަ އޭގެފަހުން ހުކުމެއް ދެން އައިމަ އެއް ނޫންތޯ އިނގޭނީ،" ޑިސެމްބަރު 17، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނަކަށް އެއިރު ހުންނެވި މުހައްމަދު ޝަހީބު ވިދާޅުވި އެވެ.
އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތައް އިތުރަށް ޝަހީބު ތަފުސީލުކޮށްދެއްވި އެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން. މުޅި ކެމްޕޭނުގައި ވެސް އެންމެ ފާޅުކަން ބޮޑުކޮށް ފެންނަން ހުރީ ޔާމީނުގެ ފޮޓޯ --- ފޮޓޯ: އަދަދު ފައިލް
"ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޑިސެމްބަރު 28، ގައި ޝަހީބު ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުން މިހާރު ބުނާ ވާހަކައިގެ ހުލާސާއަކީ، ސަރުކާރުން ޔާމީން މިނިވަން ކުރުމަށް އެއްވެސް އިރެއްގައި ރައީސް މުއިއްޒު ވައުދުވެވަޑައިނުގަންނަވާ ކަމަށެވެ. ސަރުކާރުގެ ނުކުތާއަކީ، ރައީސް މުއިއްޒުގެ ވައުދަކީ، އަބަދުވެސް، ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ވެސް ޔާމީން މިނިވަން ކުރެވިދާނެ
ކުރީގެ ރައީސް ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް އެމަނިކުފާނު ނިންމެވި އެންމެ ބޮޑު ނިންމެވުމަކީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިޔާ އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކޮށްފައިވާ 20 އަހަރުގެ ޖަލު ހުކުމުން އޭނާ ސަލާމަތްކޮށް، މިނިވަން ކުރުމެވެ.
ރައީސް ސޯލިހު، އަދީބު މިނިވަން ކުރެއްވީ، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް ދީފައި އެބަހުއްޓެވެ.
އަދީބު މިނިވަންކޮށްފައިވާ ގޮތުގެ ތަފުސީލު ސަރުކާރުން ހާމަ ނުކުރި ނަމަވެސް ބެލެވޭ ގޮތުގައި ސަރުކާރުން ބޭނުން ހިފީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ނ. އެވެ. އޭގެ ދަށުން އަދީބު ތަންފީޒު ކުރަމުން އައި 20 އަހަރުގެ ހުކުމް މަދު ދުވަސްތަކަކަށް ކުރުކޮށްލީ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ "ޖިނާއީ ކުށުގެ ހުކުމް އިއްވާފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާގެ ހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި އޭނާގެ އަދަބު ލުއިކޮށްދިނުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވޭ" ކަމަށެވެ.

ޔާމީން ގެބަންދަށް ބަދަލުކުރި ދުވަހު އެމަނިކުފާނުގެ އެންމެ އަރިހުގައި ހުންނެވީ އޭރުގެ އިންތިހާބީ ރައީސް ޑރ. މުއިއްޒު. ނަމަވެސް, ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވަނީ މި ސަރުކާރުން ޔާމީންގެ ބަންދަށް އެއްވެސް ލުޔެއް ނުދޭ ކަމަށް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
އެ މާއްދާއަށް ބަލާއިރު ތިން ގޮތަކަށް ބަލާފައި ކުށްވެރިއަކު މިނިވަން ކުރެވިދާނެ އެވެ. އެއީ:
- ކުށްވެރިޔާގެ އުމުރަށް ރިއާޔަތް ކުރުމަށްފަހު
- ކުށްވެރިޔާގެ ހުރި ބައްޔަކަށް ބެލުމަށްފަހު
- ކުށްވެރިޔާ ހޯދަމުންދާ ފަރުވާއަކަށް ބެލުމަށްފަހު
- ކުށްވެރިޔާގެ ވަގުތާއި ހާލަތަށް ބެލުމަށްފަހު
- އިންސާނިއްޔަތުގެ ނަޒަރަކުން ބެލުމަށްފަހު
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ރައީސްގެ އަމިއްލަ އިސްނެންގެވުމަށް ކުރީގެ ރައީސް ޔާމީންގެ އަދަބު ލުއިކޮށްދޭން އިންތިހާ ފަސޭހަވާނެ ކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެ އެވެ.
"އެ މާއްދާގެ ދަށުން ޕެރޯލް ބޯޑަށް ވެސް ހުށަނާޅައި ރައީސްގެ އިސްނެންގެވުމަށް އަދަބު ލުއިކޮށްދެވިދާނެ. ރައީސް ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމުގެ މުއްދަތު މިސާލަކަށް ކުރުކޮށްލެވިދާނެ އެއް ދުވަހަށް ނުވަތަ ދެ ދުވަހަށް. އެއިރުން އެ މުއްދަތު ހަމަވަމުން ޔާމީން މިނިވަންވާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.
ޔާމީންއާ ގުޅޭ ގޮތުން ރައީސް ދެއްކެވި ބައެއް ވާހަކަތައް
ޖެނުއަރީ 26، 2023
"ފާޑުފާޑު ޕޯލްތައް ހަދާނެ ކަމެއްނެތް. އަހަރުމެންގެ ކެނޑިޑޭޓަކީ ރައީސް ޔާމީން!"
މެއި 5، 2023
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން. މިއާ ހިލާފަށް އަޅުގަނޑާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ހަބަރަކީ ހަގީގަތެއް ނޫން. ހަބަރެއް އިވުމުން އެ ހަބަރެއްގެ ތެދު ދޮގު ނުބަލަކާ ފެތުރުމަކީ ފިތުނަވެރިކަމެއް. އެކަން ނުކުރެއްވުމަށް އެކަން ކުރާ ފަރާތްތަކަށް ނަސޭހަތްތެރިވަން."
މެއި 21، 2023
"ދިވެހިންގެ ހިތްތަކުގެ ރައީސް، ޕީޕީއެމްގެ ރައީސް އަދި ރައްޔިތުންގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އަބްދުاللہ ޔާމީން އަބްދުލް ގައްޔޫމަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަން. މާތްاللہ އެ މަނިކުފާނު އަނިޔާވެރިންގެ އަނިޔާވެރިކަމުން ސަލާމަތްކުރައްވައި ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ތަނަވަސްކޮށް ދެއްވާށި. އާމީން!"

ޔާމީނަށް ތައުރީފްކޮށް އއ. ފެރިދޫގައި ދަމާފައިވާ ބެނާއެއް. ރައީސް މުއިއްޒު ކުރެއްވި ކެމްޕޭނުގައި އެންމެ ގިނަ ރައްޔިތުން އެދުނީ ޔާމީން މިނިވަން ކުރުމަށް އަދި ޔާމީނަށް އޮތް ތާއީދު މުއިއްޒު ވަޑައިގެންނެވި ކޮންމެ ރަށަކުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާނެ ގޮތަށް ބެނާ އާއި ޕޯސްޓަރު ދަމާފައި ހުރި. --- ފޮޓޯ; އަބްދުالله އިޔާން/އަދަދު
ޖޫން 12، 2023
"ރައީސް ޔާމީންއާ މެދު މި ސަރުކާރުން ދެމުންދާ އަނިޔާގެ އިންތިހާއަށް މި ވަނީ ގޮސްފައި. ރައީސް ޔާމީންއާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ފިލުވާލެވޭނެ ކަމަށް ހީކޮށް ކުރާ މިފަދަ ފިނޑި، ނާތަހުޒީބު އަމަލުތަކުން އިންޝާﷲ އެމަނިކުފާނަށް އޮތް ތާއީދު ދާނީ އިތުރުވަމުން."
ޖޫން 27، 2023
"ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮ ދަރުމަ އާއި ސަވާބު ލޮބުވެތި ރައީސް، ރައީސް ޔާމީނަށް މިންވަރު ކުރައްވާށި! މާތް ﷲ ހައްގަށް ނަސްރު ދެއްވަވާ، ރައީސް ޔާމީނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާތަކުން އެ މަނިކުފާނު ސަލާމަތް ކުރައްވަވާ، އެ މަނިކުފާނަށް އިންސާފު ޤާއިމްކޮށްދެއްވަވާފާނދޭވެ! އާމީން!"
ޖުލައި 26، 2023
"ރައީސް ޔާމީނަށް އަޅުގަނޑުގެ ތާއީދު އަޅުގަނޑުގެ ސަޕޯޓަކީ މިއަދަކު އިއްޔެއަކު އޮތް އެއްޗެއް ނޫން. އެއީ މީގެ އެތައް އަހަރެއް ކުރީން ފެށިގެން އަޅުގަނޑު ގަބޫލުކުރާ އަޅުގަނޑު ލޯބިވާ ޝަހުސިއްޔަތެއް. އެމަނިކުފާނުގެ ހައްގުގައި އެމަނިކުފާނަށް އަޅުގަނޑުގެ ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަނެއް ނޯންނާނެ. އަންޑިވައިޑެޑް ސަޕޯޓެއް އަޅުގަނޑުގެ އޮންނާނީ."
"މި ސަރުކާރުން ރައީސް ޔާމީން ހައްޔަރުކޮށްގެން އުޅެނީ ސިޔާސީ ބޭނުމެއްގައި. ރައީސް ޔާމީނަކީ މި ގައުމުގައި ހުރި އެންމެ ވަރުގަދަ ޝަހްސިއްޔަތުކަމަށް ވާތީ، ގައުމީ ލީޑަރުގެ ގޮތުގައި ވާތީ."
"މިވަގުތު ވެސް އެމަނިކުފާނު މިނިވަންވުމަކީ އަޅުގަނޑު އެދޭ އެދުން. ކުރާ ދުއާ. އިރާދަކުރެއްވިއްޔާ އެކަން ވެގެން ދާނެ. މިއަދު މި ގައުމަށް އެންމެ ބޭނުންވަނީ އެމަނިކުފާނުގެ ލީޑާޝިޕް."
"މިއަދު ގައުމު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމުގައި ހުރިހާ ގޮތަކުންވެސް ބޭނުންވަނީ ރައީސް ޔާމީންގެ ލީޑާޝިޕް. ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އަޅުގަނޑު އެކި ގޮތުން ގޮތުން އެންމެ ފުޅާ މިނުގައި ހިތް ހަމަ ޖެހުމާއި އުފަލާއެކީ ހިތުގެ އަޑިން ގަބޫލު ކުރާތީ މި އަންނަނީ ބައިވެރިވަމުން. ޕީޕީއެމްގެ ހުރިހާ މެންބަރުންގެ އަޒުމަކަށް ވާން ޖެހޭނީ ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް,"

ރައީސް މުއިއްޒުގެ ގިނަ ކެމްޕޭން ފޮޓޯތަކުގެ ފަހަތުން ފެންނަނީ ޔާމީން. ޔާމީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ނިމިދިޔަ އިންތިހާބުގައި ރައީސް މުއިއްޒު ހޮވުމަށް ވޯޓު ދިން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
އޯގަސްޓު 3، 2023
"އޮގަސްޓް 7، ގެ ޑެޑްލައިން ހަމަވުމުގެ ކުރިން އަޅުގަނޑުމެންގެ އުންމީދަކީ އެދުމަކީ އަދި ދުއާއަކީ އަދި ޖުޑިޝަރީއަށް ގޮވާލާ ގޮވާލުމަކީ ރައީސް ޔާމީނަށް ހައްގު އިންސާފު ގާއިމުކޮށް ދެއްވާ އެމަނިކުފާނު މިނިވަންކޮށް ދެއްވުން. އެމަނިކުފާނަށް އަރުވާފައިވާ ރިޔާސީ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން."
އޯގަސްޓް 5، 2023
"މާތް ﷲ ގެ އިރާދަފުޅާ ވާގިފުޅުން ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ. ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީ.އެން.ސީ ގެ ކެނޑިޑޭޓެއް ހޮވުމަށް ޕީ.އެން.ސީ ސެނެޓުގައި ބޭއްވުނު އިންތިޚާބުގައި އަޅުގަނޑު ހޮވުމުން، އަޅުގަނޑުގެ ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކޭ ހިނދު، އަޅުގަނޑުގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުސައިން މުހައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތައުލީމީ، ގާބިލް ހިދުމަތްތެރިއެއް."
"އަޅުގަނޑުގެ ދުއާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން."
ރައީސް ކުރިން ދެއްކެވި ވާހަކަތަކުގައި ރައީސް މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެ އެވެ. ޔާމީން މިނިވަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުން ކަމަށް ސީދާ ވިދާޅުނުވި ނަމަވެސް ރައްޔިތުން އަދި ޔާމީންގެ ސަޕޯޓަރުން އުއްމީދުކޮށްގެން ހުރީ އެކަމަށެވެ. ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަކީ ޔާމީން މިނިވަންވާނެކަމުގެ ގެރެންޓީއެއް ނޫނެވެ.












