2023: އިގުތިސާދު މަޑުޖެހުމުގެ އަސްލަކަށްވީ މާސިންގާ ދަރަންޏާއި އިސްރާފު ހަރަދުތައް

2023: އިގުތިސާދު މަޑުޖެހުމުގެ އަސްލަކަށްވީ މާސިންގާ ދަރަންޏާއި އިސްރާފު ހަރަދުތައް

މިއަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް މާލީ ގޮތުން ފާހަގަކޮށްލެވޭ ރެކޯޑުތަކެއް ފެނިގެން ދިޔަ އަހަރެކެވެ. މިއީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އިގުތިސާދީ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅި އަހަރެކެވެ. ޓޫރިސްޓުން ރާއްޖެ އަންނަން މިންވަރު އިތުރުވެ ރެކޯޑުތަކެއް މުގުރާލި އަހަރެކެވެ. އަހަރު ފެށުނީވެސް ރާއްޖޭގެ އެންމެ ބޮޑު މާކެޓު ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަލުން އަންނަން ފަށައިގަތުމާއެކު އެވެ.

ނަމަވެސް މި އަހަރުގެ އެންމެ ބޮޑު އެއް ނާކިޔާބަކަށްވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަޅަން ނިންމި ފިޔަވަޅުތައް ތަންފީޒު ނުކުރެވުމެވެ. ރިޔާސީ އިންތިހާބުގެ އަހަރާ ދިމާވިއިރު ހަރަދުތައް ކުޑަނުކުރެވި މި އަހަރު ވެގެންދިޔައީ ދައުލަތުގެ ބަޖެޓަށް އެންމެ ބާރު ބޮޑުވި އަހަރަށެވެ. އިންތިހާބާއެކު ދައުލަތުގެ ކުންފުނިތަކުން އިސްރާފުގެ އެތައް ހަރަދެއް ކުރި އެވެ. ފުލުފުލުގައި ބިޔަ މަޝްރޫއުތައް ފަށައިގަތް އިރު ރާއްޖޭގެ ދަރަނި ރެކޯޑު އަދަދަކަށް ވަނީ އުފުލިފަ އެވެ. ޓޫރިސްޓުންގެ އަދަދުތައް އިތުރުވެ އާ ރިސޯޓުތައް ހުޅުވުނު ނަމަވެސް ޓޫރިޒަމް ވިޔަފާރީގައި މި އަހަރު ރާއްޖެ އޮތީ މުޅި އޭޝިއާ ސަރަހައްދުގެވެސް އެންމެ ފުލުގަ އެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި ހަލުވިކަމާއެކު ކުރިއަރަމުން އައި އިގުތިސޯދީ ދުވެލި ދިޔައީ ދުވަހެއް ދުވަހަކަށް މަޑުޖެހެމުންނެވެ.

އާމްދަނީ އިތުރުކުރުމުގެ މުހިންމު ފިޔަވަޅުތަކެއް

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި އަހަރު ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ޖީއެސްޓީ ރޭޓަށް ގެނައި ބަދަލެވެ. ވަކިން ހާއްސަކޮށް ޓީޖީއެސްޓީ ރޭޓު އިތުރުކުރުމެވެ. އަހަރު ފެށިގެން އައީ މާލީ އިދާރާތުކުގެ ލަފަޔާއެކު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ، އަށް ޕަސެންޓަށް އަދި ޓޫރިޒަމް ސިނާއަތުގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީ، 16 ޕަސެންޓަށް ބޮޑު ކޮށްގެންނެވެ.

ނަތީޖާއެއްގެ ގޮތުން ޑިސެމްބަރު 21 ގެ ނިޔަލަށް، ބޮޑުކުރި ޖީއެސްޓީން 12.2 ބިލިއަނަށްވުރެ ބޮޑު އާމްދަނީ އެއް ދައުލަތަށް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ ނުވަ ބިލިއަނެވެ. ޖީއެސްޓީ އާމްދަނީގެ ބޮޑު ބައެއް ވަނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. އެގޮތުން ޓީޖީއެސްޓީން އެކަނިވެސް 8 ބިލިއަން ރުފިޔާ ލިބުނެވެ.

ޖީއެސްޓީގެ އިތުރުން ފިހާރަތަކުން ގަންނަ މުދާ ލާފައި ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީވެސް މި އަހަރުގެ ޖެނުއަރީ މަހު އެވެ. ފުރަތަމަ މަހު ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް 1.7 މިލިއަން ރުފިޔާ ލިބުނެވެ. ޑިސެމްބަރު 21 ގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 11.8 މިލިއަނަށްވުރެ ބޮޑު އާމްދަނީ އެއް ލިބުނެވެ.

ޗައިނާ މާކެޓު އެނބުރި އައުމާއި 1.8 މިލިއަން ޓޫރިސްޓުންގެ އަމާޒު

އަހަރު ފެށިގެން އައީ ޓޫރިޒަމް އިންޑަސްޓްރީއަށް ހެޔޮ ފާލަކާ އެކީ އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އަލުން އެގައުމުން ޓޫރިސްޓުން އަންނަން ފެށުމެވެ. މިއީ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް މި އަހަރު ލިބުނު އެންމެ ބޮޑު ތަސައްލީ އެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާކެޓުގެ އެންމެ އުހަށް ޗައިނާ އެރި އިރު މުޅި އަހަރު ތެރޭ 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ހިފި އަމާޒު ހާސިލު ކުރެވުނެވެ. ޗައިނާގެ އިތުރުން ދެން އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ އިންޑިއާ އާއި ރަޝިޔާއިން އައި ޓޫރިސްޓުންގެ އަދަދުތައްވެސް ވީ އިތުރެވެ.

ޓޫރިސްޓުން ތަކެއް ވީއައިއޭގައި. ޗައިނާ މާކެޓާއެކު މިއަހަރު 1.8 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި
ޓޫރިސްޓުން ތަކެއް ވީއައިއޭގައި. ޗައިނާ މާކެޓާއެކު މިއަހަރު 1.8 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި

ޓޫރިސްޓުން ތަކެއް ވީއައިއޭގައި. ޗައިނާ މާކެޓާއެކު މިއަހަރު 1.8 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި

އަދަދުތަކަށް ބަލާއިރު ޓޫރިޒަމް އިންޑަސްޓްރީން ދައުލަތަށް ލިބުނު އާމްދަނީވެސް ބޮޑުތަނުން އިތުރުވި އެވެ. އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ރާއްޖޭގައި ހުންނަ ކޮންމެ ދުވަހަކަށް ނަގާ ގްރީން ޓެކުހާއި ޓީޖީއެސްޓީ ފަދަ ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީވެސް ހުރީ ރެކޯޑު އަދަދުތަކެއްގަ އެވެ. ޑިސްމަބަރު 21 ގެ ނިޔަލަށް ގްރީން ޓެކުހުން އެކަނިވެސް 936.5 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ގްރީން ޓެކުހުން ލިބުނު އާމްދަނީއަށްވުރެ 16 މިލިއަން ރުފިޔާ އިތުރު އަދަދަކެވެ.

ޓޫރިސްޓު އެރައިވަލް އިތުރު، އެކަމަކު ވިޔަފާރި ދަށަށް

ރާއްޖެއަށް ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައި ނަމަވެސް މި އަހަރަކީ ޓޫރިސްޓް ވިޔަފާރިތަކަށް މާ ކާމިޔާބު އަހަރެއް ނޫނެވެ.

ލަންޑަނުގައި ހުންނަ ހޮސްޕިޓަލިޓީ އެޑްވައިޒަރީ ކުންފުނި ވައިޓްބްރިޖް އިން ނޮވެމްބަރު މަހު އާންމުކުރި އޭޝިއާ ޕެސިފިކް ހޮޓެލްސް މޮނިޓާ ރިޕޯޓުގައި ބުނެފައިވާ ގޮތުން މުޅި އޭޝިއާ ޕެސިފިކް ސަރަހައްދުގައިވެސް ވިޔަފާރީގައި އެންމެ ދަށް ނަތީޖާތަކެއް ނެރުނީ ރާއްޖޭގެ ހޮޓަލްތަކާއި ރިސޯޓްތަކުންނެވެ. އެގޮތުން ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި "ގްރޮސް އޮޕަރޭޓިން ޕްރޮފިޓް ޕާ އެވޭލަބަލް ރޫމް" ރޭޓިންގައި ރާއްޖެއަށް ލިބުނީ 11.8- ޕަސެންޓެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އޮފް ސީޒަންގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖެ އަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި އޮތީ އޮޕަރޭޓިން ހަރަދު ބޮޑުވުމެވެ.

މި ހޯދުންތަކަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބިނާކޮށް ވައިޓްބްރިޖް އިން ތައްޔާރުކުރި ރިޕޯޓެކެވެ.

ބިޔަ މަޝްރޫއުތަކެއްގެ ފެށުމާއި ރެކޯޑު ދަރަންޏެއް

އަހަރު ފެށިގެން އައީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކަކާއެކު އެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން 2022 ވަނަ އަހަރު ނިމިނިމި އޮއްވައި ހަވާލުކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް ބިން އިތުރުކޮށް، ޓޫރިޒަމް ތަރައްގީކޮށް އިގްތިސާދު ކުރިއެރުވުމަށް ފެށި ބިޔަ މަޝްރޫއެކެވެ. ބިލިއަނެއްހައި ރުފިޔާގެ މި މަޝްރޫއަކީ އިންޑިއާގެ އެކްޒިމް ބޭންކުގެ ލޯނަކުން ފަންޑުކުރާ މަޝްރޫއެކެވެ.

މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ 458 މިލިއަން ރުފިޔާގެ މަޝްރޫއާއި ހަނިމާދޫ އެއާޕޯޓުގެ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއަކީވެސް އިންޑިޔާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދާ މަޝްރޫއުތަކެވެ.

މިއާއެކު މާލެއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ގިރާވަރުފަޅާއި ގުޅީފަޅާއި ހުޅުމާލެއިން ބިން ހިއްކުމުގެ މަޝްރޫއުތައްވެސް މީގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.

ބޭރުގެ ލޯނުތަކާއި އެކިއެކި ފައިނޭންސިން ފެސިލިޓީތަކުން ބިޔަ މަޝްރޫއުތަކެއް ފެށިއިރު ކުރިން ހުރި ދަރަނިތަކާއެކު ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނި މި އަހަރުތެރޭ 118.9 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

އޭގެ އިތުރުން މިއަހަރު ނޮމިނަލް ޖީޑީޕީ 12 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ސަބަބުން މި އަހަރު ތެރޭގައި ޖީޑީޕީގެ ނިސްބަތުން ދަރަނި، 98.4 އިންސައްތައަށް އަރާނެ ކަމަށް ބެލެވުނެވެ.

މިއާއެކު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އަދާކުރަން ޖެހޭ ބޭރު ދަރަނި ބޮޑުވުން އަދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ޑޮލަރުން ހުރި ފައިސާ މަދުވުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ނުވަތަ ދަރަނި ދެއްކުމުގެ ގާބިލުކަން ހުރި މިިންވަރަށް ބަލައި، ފިޗުން މިއަހަރު ވެސް ރާއްޖެއަށް ދިނީ "ބީ ނެގެޓިވް" ރޭޓިން އެކެވެ.

އިންތިހާބާއެކު ދައުލަތުގެ އިސްރާފު ހަރަދު އިންތިހާއަށް

މި އަހަރު ހަރަދު ބޮޑުވުމާއި ދަރަނި އިތުރުވުމުގެ އެންމެ ބޮޑު އެއް ދައުރެއް އަދާކުރި ސަބަބަކަށްވީ ރިޔާސީ އިންތިހާބެވެ. މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި މި ތާރީހީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން 84 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެއީ ފުރަތަމަ ބުރަށް 63 މިލިއަން އާއި ދެވަަނަ ބުރަށް 21.6 މިލިއަން ރުފިޔާ އެވެ.

އިންތިހާބާއެކު ސަރުކާރު ކުންފުނިތަކުން ސިޔާސީ އެކި ބޭނުމަށް އެތައް މިލިއަން ރުފިޔާ ހަރަދުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ ބަޖެޓުތަކާއި ނުބައްދަލު އަދަދުތަކަށް މުވައްޒަފުން ނެގުމާއި ބޮޑު އަގުގައި އެކި އެކި މަޝްރޫއުތައް ހިންގުން ފަދަ އެތައް ކަމެއް ފެނިގެން ދިޔަ އެވެ.

ދައުލަތުގެ ބަޖެޓަށް މި އަހަރު ފުރަތަމަ ފާސްކުރީ ވެސް 42.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ހަރަދުތައް އިތުރުވެ އަހަރު ނިމެން ތިން މަހަށް ވެފައިވަނިކޮށް އެ ބަޖެޓު ހުސްވެދާނެތީ ސަޕްލިމެންޓްރީ ބަޖެޓެއް ގޮތުގައި އިތުރު 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އެވެ. މިއާއެކު މި އަހަރުގެ ޖުމްލަ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މިނިސްޓްރީތަކުގެ ހަރަދަށް ބަލާއިރުވެސް މި އަހަރު ފެންނަން ހުރީ ރެކޯޑު އަދަދުތަކެވެ. އެންމެ ބޮޑު ހަރަދެއް ކުރި އެއް މިނިސްޓްރީއަކީ ޕްލޭނިން މިނިސްޓްރީ އެވެ. އެ މިނިސްޓްރީން އެކަނިވެސް ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މުޅި ދައުލަތުގެ ހަރަދަށް ބަލާއިރު 21 ޑިސެމްބަރުގެ ނިޔަލަށް ރިކަރަންޓު ހަރަދަށް 30 ބިލިއަން ރުފިޔާ، އޮފީސްތަކުގެ ކެޕިޓަލް ހަރަދަށް 14.5 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ އަކީ 31.6 ބިލިއަން ރުފިޔާ އެވެ.

ޑޮލަރުގެ ތާށިކަން މިއަަހަރުވެސް ދެމި އޮތް

ޓޫރިޒަމުން ރާއްޖެއަށް ލިބެމުންދިޔަ ޑޮލަރުގެ އާމްދަނީ ޕެންޑެމިކްއާއެކު ހުއްޓި، ކުރިމަތިވި ޑޮލަރުގެ ތާށިކަން މިދިޔަ ދެ އަހަރުވެސް އޮތީ ދާދި އެއްވަރެއްގަ އެވެ. ޓޫރިސްޓުންގެ އަދަދުތައް އިތުރުވި ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ވިއްކުމަށް ކަނޑައެޅި ލިމިޓް ދަމަހައްޓާފައިވުމުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަކަށް ނުދެ އެވެ.

މުޅި އަހަރު އެވްރެޖް ކޮށް ކަޅު ބާޒާރުން ޑޮލަރު ލިބެމުން ގޮސްފައިވަނީ 18 ރުފިޔާގެ ރޭޓުންނެވެ. މިހާރުވެސް ޑޮލަރުގެ އަގު އުޅެނީ 18.50 ރުފިޔާގައެވެ. އޭގެ ސަބަބުން މުދާ އެތެރެކުރަން ކުރަންޖެހޭ ހޭދަ ބޮޑުވެ، ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލައި ސަރުކާރުގެ ބޮންޑެއް ސްޓޮކް އެކްސްޗޭންޖަށް

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2020 ވަނަ އަހަރުގެ އޭޕްރީލް އިން ފެށިގެން އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ނުވަތަ ޕަބްލިކް ބޭންކު އެކައުންޓުން ފައިސާ އޯވަޑުރޯ ކުރަމުން އައިސް އެންމެ ފަހުން އެކަން ހުއްޓާލީ މި ޑިސެމްބަރު މަހުގަ އެވެ.

އެއާއެކު ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ސަރުކާރުގެ ބޮންޑެއް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ސަރުކާރުގެ ސެކިއުރިޓީއެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން 5.5 ޕަސެންޓްގެ ކޫޕަން ރޭޓުގައި ބޮންޑަކަށް 1،000ރ. ގެ ރޭޓުން ޖުމްލަ 50،000 ބޮންޑް ވަނީ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފަ އެވެ.

ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރި މި 50 މިލިއަންގެ ބޮންޑަކީ ޑޮމެސްޓިކް ސެކިއުރިޓީޒް މާކެޓް ތަރައްގީކުރުމާ ދިމާލަށް ސަރުކާރުން އެޅި ތާރީހީ ފިޔަވަޅެކެވެ.

ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުނުވެ އިގުތިސާދީ ދުވެލި މަޑުޖެހުން

މި އަހަރު ފެށިގެން އައި އިރު ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު ކަމަށް ވޯލްޑް ބޭނުކުން ލަފާކުރި އެވެ. އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދިޔައީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން ދިއުމެވެ. ބައިނަލްއަގުވާމީ މާލީ އިދާރާއިން ފުރަތަމަ ލަފާކުރީ މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 12.4 ޕަސެންޓުގައި ހުންނާނެ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ އިގުތިސާދުތައް ދިރާސާކުރުމަށްފަހު ބައިނަލްއަގުވާމީ މާލީ އިދާރާއިން ޖެނުއަރީ މަހު ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައި ވަނީ މި އަހަރު ހުންނާނެ ކަމަށް ކުރިން ލަފާކުރި އަދަދު 8.2 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ. އެއާއެކުވެސް ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖެ ކަމަށް އޭރު ވޯލްޑް ބޭންކުން ލަފާކުރި އެވެ.

ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު އެ ޖަމިއްޔާއިން އާންމުކުރި ދެކުނު އޭޝިއާ ޑިވެލޮޕްމަންޓް ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން އޭޝިއާއިން މި އަހަރު އެންމެ ކުރިއެރި ގައުމަކީ އިންޑިއާ އެވެ. ރާއްޖެ އޮތީ މި ލިސްޓުގެ ދެވަނައިގަ އެވެ. ވޯލްޑް ބޭންކުން ލަފާކުރާގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރާ މިންވަރު ހުންނާނީ 6.5 ޕަސެންޓުގަ އެވެ. އަދި އަންނަ އަހަރު އެ އަދަދު 5.2 ޕަސެންޓަށް ދަށްވާނެ ކަމަށާއި 2025 ވަނަ އަހަރު 5.5 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox