އިނގިލި ބުރިކޮށްލިޔަސް އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދޭނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރު މަޖިލިސް މެމްބަރުން އެބަ ތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 13 މެމްބަރަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ސޮއި ނުކުރެއްވި ނަމަވެސް އެމަނިކުފާނާއެކު އިތުރު އެމްޑީޕީ މެމްބަރުން އަދިވެސް އެބަ ތިބި ކަމަށެވެ.
"އެކިއެކި ސަބަބުތަކަށްޓަކައި، މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައި ނުގަތަސް، އަޅުގަނޑަށް ޕާސަނަލީ، އަމިއްލަ ހައިސިއްޔަތުން އެނގޭ، ހަމަ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިއްބެވި އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޑު ކުރައްވައިގެން ތިއްބެވި ބޭފުޅުން ވެސް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށާއި "އިނގިލި ބުރިކޮށްލިޔަސް" އެމަނިކުފާނާ ދެކޮޅަށް އެ މެމްބަރުން ވޯޓު ނުދޭނެ ކަމަށެވެ.
އެމްޑީޕީން ވަކިވެ ޕީއެންސީއަށް ސޮއި ކުރެއްވީ:
- މަރަދޫ އިބްރާހިމް ޝަރީފް
- ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
- މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
- އިސްދޫ ދާއިރާގެ އަލީ ހަމީދު
- ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
- ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
- މަތިވެރި ހަސަން ޒަރީރު
- މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
- ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
- މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
- ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
- ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު
"އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތް ކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިބި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިތުރު އެމްޑީޕީ މެމްބަރުން ޕީއެންސީއާ ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ޔަގީން ކުރަނީ ތިޔަ ބޭފުޅުން ތިޔަ ނިންމެވި ނިންމެވުމާއެކު ހިތްވަރު ލިބިގެން އަދިވެސް ގިނަ މަޖިލިސް މެމްބަރުން މި ސަފަށް، ގައުމީ ސަފަށް އަރުއްވާނެ ކަމަށް. އެކަމުގެ އުއްމީދުގައި އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އުއްމީދަކީ މިރޭ ސޮއި ކުރެއްވި މެމްބަރުންގެ ފަރާތުން ހިތްވަރު ލިބިގެން އިތުރު މެމްބަރުން ޕީއެންސީއާ ގުޅުން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަން ވާނީ ގައުމަށްޓަކައި ތިމަންނާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ. ތިބޭފުޅުން ތި ހިޔާރު ކުރެއްވީ އެ މަގު. ފަށްފަށުން ޝުކުރު ދަންނަވަން ޝުކުރިއްޔާ،" އެމަނިކުފާނު ވިދާޅުވި އެވެ.














