ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ސިޓީ ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ކްލަބް އާބަންކޯ އިން ސެމީގެ ފުރުސަތު ހޯދައިފި އެވެ.
މުހައްމަދު ޝަރަފްގެ ކޯޗުކަމުގައި ކުޅޭ، ސިޓީ ސްޕޯޓްސް ކްލަބުން ވަނީ ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި ކުޅުނު ފުރަތަމަ މެޗުން ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުން ސިޓީ ސްޕޯޓްސް ކްލަބުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، ސްޕޯޓްސް ކްލަބް ސިޓީ ވެސް ތިން ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ސިޓީ ސްޕޯޓްސް ކްލަބުން ގެންދިޔައީ، 25-18، 25-21 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީ ސްޕޯޓްސް ކްލަބްގެ ނުއެމުހައްމަދު ޓޮކްޓޮއޭފް އެވެ.
ސިޓީ ސްޕޯޓްސް ކްލަބް ސެމީ އަށް ދިޔައީ، ގްރޫޕް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން ދެ ވަނަ ސެމީގައި ކުޅޭނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާ އެވެ.
ފައިނަލް ބުރުގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުން އާބަންކޯ ވަނީ ފަސް ސެޓު ކުޅެގެން ކްލަބް ވެމްކޯ އަތުން ބަލިވެފަ އެވެ. އެކަމަކު، ރޭ ސިފައިން އަތުން ހޯދި މޮޅާ އެކު، އާބަންކޯ ވަނީ ސެމީގެ ފުރުސަތު ހޯދައިފަ އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްގެންނެވެ.
މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާބަންކޯ އިން ރޭ ސިފައިން ބަލިކުރިއިރު، އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.
ޒުވާނުންގެ މަރުކަޒުގައި ކުޅުނު ރޭގެ މެޗުގެ ފުރަތަމަ ސެޓު، 25-11 އިން އާބަންކޯ އިން ގެންގޮސްފައި ވަނިކޮށް، ދެ ވަނަ ސެޓު ފޯރިގަދަ ކުޅުމަކަށް ފަހު، ސިފައިން ވަނީ 25-27 އިން ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު، 25-22 އާއި 25-22 އިން ގެންގޮސް އާބަންކޯ މެޗުން މޮޅުވީ އެވެ.
އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް ކުޅޭނީ މާދަމާ އެެވެ. މާދަމާ ހަވީރު، ވެމްކޯ ކުޅޭނީ ސިފައިންނާ އެވެ. މި މެޗުން ސީދާ ތިން ސެޓުން މޮޅުވެގެން ނޫނީ ސިފައިންނަށް ސެމީ އަށް ނުދެވޭނެ އެވެ. މާދަމާރޭ، ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރާނީ ޕޮލިހާ އެވެ. މިއީ ގްރޫޕް ދޭކުން ސެމީގެ ފަހު ޖާގަ ކަށަވަރުވާނެ މެޗެވެ.












