ރިޕޯޓުރަސްމާލެ ޕްރޮޖެކްޓު: މިއީ އާބާދީ ލާމަރުކަޒުވުމުގެ ނިމުންބާ؟

ރަސްމާލެ ޕްރޮޖެކްޓު: މިއީ އާބާދީ ލާމަރުކަޒުވުމުގެ ނިމުންބާ؟

20 އަހަރު ފަހުން ރަސްމާލެ ގާއިމްވެ މީހުން އާބާދުވާން ފެށުމާއެކު، މާލެ ސަރަހައްދަށް ރާއްޖެ ތެރެއިން މީހުން ހިޖުރަކުރާ ނިސްބަތް އިތުރުވެގެންދާނެ އެވެ. މާލެ ސަރަހައްދު "ސެންޓަރަލައިޒް" ވެ، ރާއްޖޭގެ އާބާދީ މިހާރު ބެހިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާކަން ކަށަވަރެވެ.

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

މާލޭއިން ފުރައިގެން ވާދޫ ކަނޑު ހުރަސްކޮށް ދަތުރުކުރާއިރު، 16 ކިލޯމީޓަރު ދުރުގައި އޮންނަ "ފުށިދިއްގަރު" ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމައި، އިއްޔެ މަސައްކަތް ފަށައިފި އެވެ.

ގާތްގަނޑަކަށް 20 އަހަރު ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކައި، ތަރައްގީކޮށް "ރަސްމާލެ" ގާއިމުކުރަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާއިރު، މި މަޝްރޫއުއާއެކު ރާއްޖޭގެ އާބާދީ ބެހިގެން ދާނެގޮތާއި، ގައުމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ބަލައިލަންޖެހެ އެވެ.

މެދުނުކެނޑި އަށް މަސް ތެރޭގައި 1153 ހެކްޓަރު ހިއްކުމަށް އަޒުމް ކަނޑައަޅައި މަސައްކަތް ފަށާފައިވާއިރު، މިއީ ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ އެވެ. ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކޮށް "ރަސްމާލެ - ޒީރޯ ކާބަން ސިޓީ" ގާއިމުކުރަނީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެ ސިޓީއަށް ހިޖުރަކުރެވޭ ގޮތަށެވެ.

"ރަސްމާލެ - ޒީރޯ ކާބަން ސިޓީ": ސިފަކުރެއްވީ އިކޯ ސިޓީއެއްގެ ގޮތުގަައި

މަޝްރޫއު ފައްޓަވައިދެއްވައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރަސްމާލެ އޮޕަރޭޓް ކުރާނެ ގޮތް ހިއްސާ ކުރެއްވި އެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި، ޒީރޯ ކާބަން، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އިކޯ ސިޓީއަކަށް ރަސްމާލެ ހެދުމަށް ވައުދުވެވަޑައިގަތެވެ.

"މިތަން އަޅުގަނޑުމެން މިތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގަ، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ ވަރަށް ހިއްކައިގެން. ފެހިކަން ގަދަ ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް މިތަން ވާނީ. މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން. އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ،" ފުށިދިއްގަރު ފަޅު ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

titledesc

މި މަޝްރޫއުއިން ތިމާވެއްޓަށް ލިބޭ ގެއްލުން ދަނެގަތުމަށް އެކުލަވާލި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ރިޕޯޓުގައި ވާގޮތުން އިއްޔެ ހިއްކަން ފެށީ 29 ހެކްޓަރެވެ. އެއީ މަޝްރޫއުގެ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ އެންމެ 2.9 ޕަސެންޓެވެ. މަޝްރޫއުގެ ބާކީ 97.1 އިންސައްތަ ބިން ހިއްކަން ފަށާނެ ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.

65،000 ހައުސިން ޔުނިޓް، ދެ ލައްކައިގެ އާބާދީއެއް

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯއާއި އެއްގޮތަށް ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ރަސްމާލެ ސިޓީގައި ގާއިމުކުރެވޭނެ އެވެ. އަދި ސިޓީ ގާއިމްކޮށް ނިމޭއިރު ގާތްގަނޑަކަށް ދެ ލައްކަ މީހުންގެ އާބާދީއަކަށް އެ ސިޓީގައި ދިރިއުޅެވޭނެ އެވެ.

އެންމެ ފަހުން ހިންގި 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމުލަ އާބާދީއަކީ 515،132 މީހުންނެވެ. އެއީ 382،639 ދިވެހި ރައްޔިތުންނާއި 132،493 ބިދޭސީންނެވެ.

މި އާބާދީގެ 41 ޕަސެންޓު މިހާރު ވެސް ދިރިއުޅެނީ މާލެ ސަރަހައްދު [މާލެ، ވިލިމާލެ، ހުޅުމާލެ] ގަ އެވެ. ރަށްރަށުގައި 46 އިންސައްތަ މީހުން ދިރިއުޅޭއިރު، ރިސޯޓުތަކުގައި 10 ޕަސެންޓު އަދި ސިނާއީ ރަށްރަށުގައި ރާއްޖޭގެ ޖުމުލަ އާބާދީގެ ތިން ޕަސެންޓު މީހުން ދިރިއުޅޭ ކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިން ހިއްކައި ނިންމައި 20 އަހަރުގެ ތަރައްގީގެ މަޝްރޫއު ވެސް ނިމުމުން، އެ އަދަދުތައް ބަދަލުވެގެންދާނެ އެވެ. ރަސްމާލެ މަޝްރޫއުއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ ސަރަހައްދަށް މީހުން ހިޖުރަކޮށް އާބާދުވާނެ ކަމަށް ލަފާކުރެވެ އެވެ.

ބޯހިމެނުމުގެ ނަތީޖާގެ އަދަދުތަކަށް ބަލާނަމަ، ރާއްޖޭގެ އާންމުކޮށް ދިރިއުޅޭ ދިވެހިންގެ ތެރެއިން 46 އިންސައްތައަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހިޖުރަކޮށްފައިވާ މީހުންނެވެ.

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތައް

  • ތައުލީމު ހޯދުމަށް - 20 ޕަސެންޓު މީހުން ހިޖުރަ ކުރި
  • ވަޒީފާ ހޯދުމަށް - 19 ‍‍‍ޕަސެންޓު މީހުން ހިޖުރަ ކުރި
  • އާއިލާ ހިޖުރަކުރުމުން އާއިލާއާއެކު ދިރިއުޅުމަށް - 19 ޕަސެންޓު މީހުން ހިޖުރަ ކުރި

އޭގެ ތެރެއިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދަށް ބަލާނަމަ، ތައުލީމު ހާސިލުކުރުމަށް މާލެއަށް އެކަނި ވެސް 37 ޕަސެންޓު މީހުން ވަނީ ހިޖުރަކޮށްފަ އެވެ. އަދި އާއިލާއާއެކު ދިރިއުޅުމަށް 21 ޕަސެންޓު، ވަޒީފާ ހޯދުމަށް 14 ޕަސެންޓު މީހުން އަހަރެއްގެ ތެރޭގައި މާލެ އަންނަކަމަށް ބޯހިމެނުމުން ދައްކަ އެވެ.

މީގެ ހަތަރު ކުރިން 2019 ވަނަ އަހަރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް" އިން އިންދާޒާކޮށްފައިވާ ގޮތުގައި 2014 އިން ފެށިގެން 2054 ވަނަ އަހަރުގެ ނިޔަލަށް މާލެ އަދި މާލެ ކައިރީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ 39 ޕަސެންޓުން 54 ޕަސެންޓަށް އިތުރުވާނެ އެވެ. އެއީ 171،165 އިން 529،101 އަށެވެ.

ރަސްމާލެ މަޝްރޫއުއާއެކު އެ އަދަދު މިއަށްވުރެ އިތުރު ވާނެ ކަމަށް ބެލެވެ އެވެ. މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލޭގައި މިހާރު ވެސް 212،138 މީހުން ދިރިއުޅޭ ކަމަށް 2022 ގެ ބޯހިމެނުމުން ދައްކާއިރު، ގާތްގަނޑަކަށް ދެ ލައްކައިގެ އާބާދީއަކަށް ދިރިއުޅެވޭ ގޮތަށް ގާއިމްކުރާ ރަސްމާލެއާއެކު މި އަދަދު ދެގުނަ ވެގެންދާނެ ކަން ކަށަވަރެވެ.

އެއާއެކު ރާއްޖެ ތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ދަށްވެ، މާލެ ސަރަހައްދު "ސެންޓްރަލައިޒްޑް" ވާނެ ކަމަށް ބެލެވެ އެވެ.

އާބާދީ އެއްފަސް ކުރުމާއި މަރުކަޒު ކުރުމުގެ ވިސްނުން

ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު މަރުކަޒީ ސިޔާސަތެއްގެ ދަށުން އޭރުގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، މައި ސަރުކާރުގެ ދަށަށް ގެންނަން ކުރި މަސައްކަތްތަކުގެ ހިޔަނި އެންމެ ބޮޑަށް އެޅިފައިވާ ބޭފުޅަކީ އެމަނިކުފާނެވެ.

ރާއްޖޭގެ ހައުސިން މިނިސްޓަރުގެ މަގާމު 2012 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް ރައީސް މުއިއްޒު އަދާކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ އާބާދީއާ ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ އަދަދު ދެބައިކުޅަ އެއްބައި މަދުކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އާބާދީ އެއްފަސްކުރުމަށް މަސައްކަތް ވެސް ކުރެއްވި އެވެ.

"އަޅުގަނޑުމެން އެކުލަވައިލާފައިވާ ސިޔާސަތުގެ މައްޗަށް ބަލާނަމަ ރާއްޖޭގައި މިހާރު މީހުން ދިރިއުޅެމުން އަންނަ ރަށްރަށުގެ އަދަދު ދެބައި ކުޅަ އެއްބަޔަށް އެންމެ މަދުވެގެން މަދުކުރަން އެބަޖެހޭ. މިކަމީ އެއް ދުވަހަކުން ދެ ދުވަހަކުން ހާސިލް ވާނެ ކަމެއް ނޫން. ހަގީގަތުގައި މިކަން ކުރަން 10 ވަރަކަށް އަހަރު ނަގާފާނެ. ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެސް ނަގާފާނެ،" މީގެ 11 އަހަރު ކުރިން 2012 ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އިރު، އެމަނިކުފާނާއި ދެކޮޅަށް ވާދަވެރި ފަރާތްތަކުން އެކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި އެވެ.

ނަމަވެސް އޭރުވެސް ރައީސް ވަނީ އެމަނިކުފާނު އަދާކުރެއްވީ އޭރު ތަމްސީލު ކުރެއްވި ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ދަށުން ހަވާލުކުރެވުނު ޒިންމާތައް ކަމުގައި ވިދާޅުވެފަ އެވެ. އަދި ކުރެއްވުނު އެންމެ ފުރިހަމައަކަށް އެ މަސައްކަތްތައް ކުރެއްވުމުން، ލާމަރުކަޒީ ނިޒާމާ ދެކޮޅު މީހެއްގެ ގޮތުގައި ސިފަކުރުމަކީ ބޭއިންސާފެއް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމިއްލަ ކަމެއް، އަޅުގަނޑު މިވެނި ގޮތަކަށް ކަން ކުރަން ބޭނުންވެގެން ކޮށްފައި ހުރި މަސައްކަތެއް ނުހުންނާނެ. އަޅުގަނޑާ ހަވާލުކުރާ މަސައްކަތެއް ކުރުން، އެއީ އަޅުގަނޑުގެ ޒިންމާއަކަށް ވާނީ،" މޭޔަރު ކަމަށް ވާދަކުރެއްވި އިރު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ވާދަކުރެއްވި އިރު ރައީސް ވަނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ގިނައިން ކަންތައްތައް ކޮށްދޭނީ އާބާދީ ބޮޑު ތަންތަނަށް ކަމަށް ވިދާޅުވެފަ އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ޕީޕީއެމް/ޕީއެންސީން ހދ. ނޮޅިވަރަމްގައި އޮގަސްޓު 12، ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިސާލެއްގެ ގޮތުގައި ރައީސް މުއިއްޒު ނެންގެވީ ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮތް ނޮޅިވަރަމެވެ.

އެދުވަހު އެމަނިކުފާނު ވިދާޅުވީ ހދ. އަތޮޅުގައި ކުޅުދުއްފުށި ފިޔަވާ އެންމެ އާބާދީ ބޮޑީ އެރަށުގައި ކަަމަށާއި އެހެންވީމާ ސަރުކާރަކުން ކަންތައްތައް ކޮށްދިނުމުގައި އެރަށަށް ވުރެ އިސްކަން ދޭންޖެހޭ އެހެން ރަށެއް އޮތް ކަން ގަބޫލުނުކުރައްވާ ކަމަށެވެ. ކުޅުފުއްފުށި އެމަނިކުފާނު އިސްތިސްނާ ކުރެއްވީ އެއީ ސިޓީއެއް ކަމަށްވާތީ އެވެ.

ނޮޅިވަރަމްގެ މަގުތައް ނުހެދި ހުރި އިރު އެއަށް ވުރެ މާ އާބާދީ މަދު ރަށްތަކުގެ މަގުތައް ސަރުކާރުން ހަދަމުން އަންނަ ކަމަށާއި އެކަމުގައި ތަރުތީބުގެ އޮޅުމެއް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑެތި އާބާދީތަކަށް އިސްކަންދޭނެ ކަމަށް ރައީސް މުއިއްޒު ކެމްޕެއިން ތެރޭގައި ވިދާޅުވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ. ފާޑުކިޔުންތަކާއި ގުޅިގެން އެމަނިކުފާނު ވަނީ ކުދި ރަށްތައް ބާކީ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ރަސްމާލެ މަޝްރޫއުއާއެކު ފެންނަނީ ހަމަ އެ މަންޒަރެވެ. އެ ވިސްނުމެވެ. މާލެ ސަރަހައްދަށް މީހުން ޖަމާކޮށް، މަރުކަޒުކުރުމުގެ ސިޔާސަތެވެ. މިފަދަ ބޮޑު އާބާދީއެއް އެކުލެވޭ މަޝަރޫއުއަކާއެކު ގާއިމުކުރާ ހުރިހާ ވަސީލަތްތަކަކީ، ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތަކުގެ ހައްލެވެ.

މީގެ 20 އަހަރު ފަހުން ރަސްމާލެ ގާއިމްވެ މީހުން އާބާދުވާން ފެށުމާއެކު، މާލެ ސަރަހައްދަށް ރާއްޖެ ތެރެއިން މީހުން ހިޖުރަކުރާ ނިސްބަތް އިތުރުވެގެންދާނެ އެވެ. މާލެ ސަރަހައްދު "ސެންޓަރަލައިޒް" ވެ، ރާއްޖޭގެ އާބާދީ މިހާރު ބެހިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާކަން ކަށަވަރެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox