މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ އަދި އަލްމާ ސްޕޯޓްސް ކްލަބުން ގްރޫޕްތަކުގެ އެއް ވަަނައިގެ ގޮތުގައި ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޕޮލިސް ކްލަބުން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގްރޫޕް އެކެއްގެ އެއް ވަނަ ހޯދައިފަ އެވެ. އެ ގްރޫޕްގެ ދެ ވަނަ ދިޔައީ ހަ ޕޮއިންޓް ހޯދި ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް އެވެ. ތިން ވަނަ އަށް ދިޔަ ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމާލީ ޕޮއިންޓެއް ވެސް ނުހޯދުނު ވޮލީބޯލް އެކެޑަމީ އެވެ.
ގްރޫޕް ދޭއް އަދި ގްރޫޕް ތިނެއްގެ ފަހު މެޗުތައް ކުޅެފައިވަނީ އިއްޔެ އާއި ރެޔެވެ.
ގްރޫޕް ދޭއްގެ އެއް ވަނަ ހޯދި ކުޅުނު ތިން މެޗުން ވެސް މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އެވެ. ސްޕޯޓްސް ކްލަބް ހޯކްސް އަތުން، ވެމްކޯ މޮޅުވީ 25-15، 25-04 އަދި 25-09 އިން ސެޓުތައް ގެންގޮސްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު އެވެ. މި ގްރޫޕްގެ އަނެއް މެޗުން އަސްދިގާ ސްޕޯޓްސް ކްލަބުން ވަނީ 3-1 ސެޓުން، ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށް ދެ ވަނަ ހޯދައިފަ އެވެ. މި ގްރޫޕުން ތިން ވަނަ ދިޔައީ ހޯކްސް އެވެ. އަދި ހަތަރެއްގައި ނިންމީ ލޮރެންޒޯ އެވެ.
އަލްމާ ސްޕޯޓްސް ކްލަބުން ވަނީ ތިން ސެޓުން، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން މޮޅުވެ، ގްރޫޕް ތިނެއްގެ އެއް ވަނަ ހޯދައިފަ އެވެ. އަލްމާ އިން ސެޓުތައް ގެންދިޔައީ، 25-19، 25-14 އަދި 25-17 އިންނެވެ.
މި ގްރޫޕްގެ އަނެއް މެޗުން، ޔޫތު ނިއު ޖެނެރޭޝަން އިން ވަނީ ތިން ސެޓުން، ހުޅުމާލެ ފްރެންޑްސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ، 25-14، 25-23 އަދި 25-19 އިންނެވެ.
ކުއާޓާ ފައިނަލުގައި ކުޅޭނީ ޕޮލިސް، ވެމްކޯ، އަލްމާގެ އިތުރުން، ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް، އަސްދިގަ ސްޕޯޓްސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އަދި ޔޫތު ނިއު ޖެނެރޭޝަން އެވެ.












