މާލެއަށް ދިމާވެފައިވާ ތޮއްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ނިމިދިޔަ ސަރުކާރުން ހިއްކި ތަންތަނުގައި އާބާދުވާން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ލަސްވާތީ އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކައި ގޯތި ވެސް ދީފައިވާއިރު އެތަންތަނަށް އާންމުންނަށް ދެވޭނެ ގޮތް ހަމަޖައްސައި ނުދީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ހުވެފެނެއް ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް ކަމަށެވެ.
އާޒިމް ސިފަކުރެއްވި ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކުމަކީ ދައުލަތުން މިވަގުތަށް ކުރާ ބޮޑު އިސްރާފެކެވެ. އަދި ވިދާޅުވީ ސަރުކާރުން އިސްކަންދޭންޖެހޭނީ ބޯހިޔާވަހިކަން ފަދަ ހައްސާސް މައްސަލަތައް ވީހާ ވެސް އަވަހަކަށް ހައްލުކުރަން ކަމަށެވެ. ދައުލަތުގެ ފައިސާ އިތުރު މަޝްރޫއަކަށް އިސްރާފުކޮށްލުމުގެ ބަދަލުގައި އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ގުޅިފަޅު، ގިރާވަރު އަދި އުތުރު ތިލަފަޅު ތަރައްގީކޮށް، އަސާސީ ހިދުމަތް ގާއިމްކުރުމާއެކު އެތަންތަން އާބާދުކުރުން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އެމްޑީޕީ ސަރުކާރުން ހިއްކި ގޯތިތަކަށް ދެވޭނެ އިންތިޒާމަކީ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސަން ޖެހޭ ކަމެއް. އެކަން ހުއްޓުވަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް އިންސާނިއްޔަތުކަން ކުޑަ އަމަލެއް. އިންސާނިއްޔަތު ކަމެއް ހުރިއްޔާ ވީހާވެސް އަވަހަކަށް ޖެހޭ މިހާރު ލިބިފަ ހުރި ބިންތަކާއި ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދޭން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅުގަ ބުރިޖަކުން ގުޅާލެވުނަސް ފުށިދިއްގަރުފަޅަށް ބުރިޖު އެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެތަން ހިއްކުމާއި ޝޯ ޕްރޮޓެކްޝަނަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަދި މިއުޅެނީ ހުޅުމޭލޭގެ ފޭސް 2ވެސް އެއްކޮށް ނިންމާނުލެވިގެން. މަގުތަކެއްވެސް ނެހެދޭ ކަރަންޓެއްވެސް އެއްކޮށް ނެތް، ފެނެއް ނެތް، ސްކޫލުތައްވެސް ރަނގަޅަށް ނުނިމޭ، އެހެންވީމަ މިހާރު ހުރި ފައިސާއިން މި ތަންތާ ދިރިއުޅޭ މީހުންނަށް ރަނގަޅު ގޮތެއް ހަދައިދިނުމަށް ނޫންތޯ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރީ. އަނެއްކާ އެބޭފުޅާގެ ހުވަފެން ހަގީގަތަކަށް ހަދާކަށް ނޫން އިންތިހާބު ކުރީ، ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދަން އިންތިހާބު ކުރީ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހުން ހުއްޓުވުމަށް ގްރޭޓާ މާލެ ސަރަހައްދު އެކީ ތަރައްގީ ކުރަންޖެހޭ ކަމަށާއި މާލެ ހިތްފަސޭހަ ތަނަކަށް ހެދޭނީ މާލޭގެ އެހެން ސަރަހައްދުތަކަށް މީހުން ބަދަލުވުމުން ކަމަށެވެ. އަދި މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ މިހާރު ވެސް ހިއްކާފައި ހުރި ތަންތަން ތަރައްގީކުރަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.













