މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުން ކްލަބް އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބުން ފުރުސަތު ހޯދައިފި އެވެ.
ސިޓީ ސްޕޯޓްސް ކްލަބުން ފައިނަލް ބުރަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. އާބަންކޯ އިން ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ.
ފައިނަލް ބުރުގައި ސިޓީ ސްޕޯޓްސް ކްލަބާއި އާބަންކޯ އިން ކުޅެން ޖެހޭނީ ކްލަބް ވެމްކޯ، ޕޮލިސް ކްލަބް، ކްލަބް ވެމްކޯ އަދި އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އެވެ.
ޕްރިލިމިނަރީ ބުރުގެ ސެމީ ފައިނަލުގައި ސިޓީ ސްޕޯޓްސް ކްލަބުން މިއަދު ހަވީރު ވަނީ ސީދާ ތިން ސެޓުން އައްޑޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ގޮސްފައިވަނީ 25-22، 25-13 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ސިޓީ ސްޕޯޓްސް ކްލަބްގެ މުހައްމަދު ރިމާޒް އެވެ.
ކުއާޓާ ފައިނަލުގައި ސިޓީ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ސިޓީ ސްޕޯޓްސް ކްލަބް، މި ފަހަރުގެ މުބާރާތުގައި ބަލިވީ ގްރޫޕް ސްޓޭޖުގައި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް (އާއި ސްޕޯޓްސް ކްލަބް) އަތުންނެވެ.
މެޗަކުން ބަލިނުވެ، ސެމީން ފުރުސަތު ހޯދި އާއި ސްޕޯޓްސް ކްލަބް އަތުން މިރޭ އާބަންކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
ގައުމީ ފިރިހެން ވޮލީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ އާބަންކޯ އިން މިރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-14، 25-15 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯގެ ޝަމާއިލް ހުސެއިން އެވެ.
އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރު ފަށާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.












