ރިޕޯޓުއާއިލީ ރެސިޕީ ވިޔަފާރިއަކަށް، "ވަން މޯ ބައިޓް" ގެ ބްރައުނީ މިކްސް

އާއިލީ ރެސިޕީ ވިޔަފާރިއަކަށް، "ވަން މޯ ބައިޓް" ގެ ބްރައުނީ މިކްސް

އާއިލީ ބްރައުނީ ރެސިޕީގެ ބޭނުންހިފައި 22 އަހަރުގެ ޔޫހާ ފެށީ ތަފާތު ކުޑަ ވިޔަފާރިއެކެވެ. ބްރައުނީ އަޅައި ވިއްކުމުގެ ބަދަލުގައި ދިވެހި ބާޒާރަށް އޭނާ ތައާރަފުކުރީ ދިވެހިންގެ ރަހަތަކާއި ގުޅޭ ބްރައުނީ މިކްސްއެކެވެ.

ޔޫހާ ޖަވާދް، ވަން މޯ ބައިޓްގެ އޯނާ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ޔޫހާ ޖަވާދް، ވަން މޯ ބައިޓްގެ އޯނާ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އާއިލީ ބްރައުނީ ރެސިޕީގެ ބޭނުންހިފައި 22 އަހަރުގެ ޔޫހާ ފެށީ ތަފާތު ކުޑަ ވިޔަފާރިއެކެވެ. ބްރައުނީ އަޅައި ވިއްކުމުގެ ބަދަލުގައި ދިވެހި ބާޒާރަށް އޭނާ ތައާރަފުކުރީ ދިވެހިންގެ ރަހަތަކާއި ގުޅޭ ބްރައުނީ މިކްސްއެކެވެ. ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ޔޫހާގެ ވިޔަފާރި "ވަން މޯ ބައިޓް އެމްވީ" ގެ ބްރައުނީ މިކްސް ހަދާފައި ހުންނަނީ ވަގުތުން ބޭނުންކުރެވޭ ގޮތަށެވެ.

ޏ. ފުވައްމުލަކަށް ނިސްބަތްވާ ޔޫހާގެ "ވަން މޯ ބައިޓް އެމްވީ" އިންސްޓަގްރާމް ޕޭޖެއްގެ ގޮތުގައި ފެށުމުގެ އަސްލަކީ ކުޑައިރުއްސުރެ އޭނާގެ ހިތުގައި ކެއްކުމާއި ބޭކް ކުރުމަށް ޖެހިފައިވީ ލޯތްބެވެ. "އަދަދު" އަށް ދިން ހާއްސަ އިންޓަވިއުއެއް ގައި ޔޫހާ ކިޔައިދިން ގޮތުގައި އޭނާގެ އާއިލާގެ ގިނަ މެމްބަރުންނަކީ އަބަދުވެސް ކޭކު އެޅުމާއި، ކެއްކުމަށް ލޯބިކުރާ ބައެކެވެ. ބްރައުނީ މިކްސްއެއް ހަދައި ވިއްކުމުގެ ހިޔާލު ލިބުނީވެސް އާއިލާގެ ފަރާތުންނެވެ.

"މިއަހަރު ކުރީ ކޮޅު ވިޔަފާރި ފަށަންވެގެން ބްރައުނީ އަޅާފަ ވިއްކަން ވިސްނީ. ދައްތަ ދިން ހިޔާލެއް އެއީ ބްރައުނީ މިކްސް ހަދައިގެން ވިއްކުމަކީ،" އޭނާ ބުންޏެވެ.

ޔޫހާ އަދަދު އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ޔޫހާ އަދަދު އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ޔޫހާ އަދަދު އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އާއިލާގެ ބްރައުނީ ރެސިޕީއާ އެއްގޮތަށް ޔޫހާ ތައްޔާރުކުރާ ބްރައުނީ މިކްސްގައި އެކުލެވޭ އެންމެ ހާއްސަ އެއްޗަކީ ޔޫހާ ދެކޭ ގޮތުގައި ޗޮކްލެޓް ޗިޕްސް އެވެ. ގަންނަ މީހުން ވެސް އެކަން ފާހަގަކުރެ އެވެ.

ބްރައުނީ މިކްސް އަޅަން ޔޫހާ ބޭނުންކުރާ ޕައުޗްގެ ބޭރުގައިވާ ޑިޒައިނަކީ ވެސް އޭނާގެ އަމިއްލަ އުފެއްދުމެކެވެ. އޭގެ ފަހަތުގައި ބްރައުނީ އެޅުމަށް ދެން އަމަލުކުރަންޖެހޭނެ ގޮތާއި ބޭނުންވާ އިތުރު ތަކެތި އަދި އޭގެ އަދަދު ވެސް ލިޔެފައި އޮވެ އެވެ.

ވަން މޯ ބައިޓްގެ ބްރައުނީ މިކްސް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ވަން މޯ ބައިޓްގެ ބްރައުނީ މިކްސް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ވަން މޯ ބައިޓްގެ ބްރައުނީ މިކްސް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ވަން މޯ ބައިޓްއަށް އުފެއްދުންތައް އިތުރުކޮށް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުން ޔޫހާ ގެ އެބަހުއްޓެވެ. މަފިން މިކްސް އަދި ޕޭންކޭކް މިކްސް ފަދަ އުފެއްދުންތައް ވަރަށް އަވަހަށް ބާޒާރަަށް ނެރޭނެ އެވެ.

"އަޅުގަނޑުމެން މި ރާވަނީ އަންނަ އަހަރު ތެރޭގަ ޕޭންކޭކް މިކްސް، މަފިން މިކްސް ފަދަ ޕްރޮޑަކްޓްސް އިންޓްރޮޑިއުސް ކުރަން،" ޔޫހާ ހިއްސާކުރި އެވެ.

މި ކުޑަ ވިޔަފާރި ހިންގުމުގައި ޔޫހާއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަގުތު މެނޭޖުކުރުމެވެ. މަތީ ތައުލީމު ހާސިލް ކުރަމުން ވިޔަފާރިއެއް ހިންގަން ދަތިވިޔަސް، އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު ކުރިއަށް ދިޔުމަށް އިތުރު ހިތްވަރެއް ލިބޭ ކަން އޭނާ ފާހަގަކުރި އެވެ.

ވަން މޯ ބައިޓް އެމްވީ އާއި މެދު ޔޫހާ ހުވަފެންތަކެއް ދެކެ އެވެ. އިންސްޓަގްރާމް ޕޭޖެއްގެ ސިފައިގައި މިހާރު އޮތް ވިޔަފާރި ކުރިއަރައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފިހާރަތަކުން އޭނާގެ އުފެއްދުންތައް ލިބެން ހުންނާނެ ދުވަހަކީ ޔޫހާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.

"އަސްލު ވަރަށް ބޭނުންވޭ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަން މޯ ބައިޓްގެ ޕްރޮޑަކްޓްސް ފެންނަން. ފިހަރާތަކުންނާ ހޯލްސޭލްކޮށް. އެއީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ،" މުސްތަގުބަލާއި މެދު އޭނާ ކުރާ އުންމީދު ޔޫހާ ކިޔައިދިނެވެ.

ޔޫހާ ދެކޭ ގޮތުގައި ވަން މޯ ބައިޓް އެމްވީގެ މަސައްކަތް ފެށުމުގެ އަސްލަކީ ފަސްނުޖެހި ކުރިއަށް ދިއުމަށް އޭނާއަށް ލިބުނު ހިތްވަރެވެ. އޭނާ ފަދައިން ވިޔަފާރިއެއް ފަށަން ބޭނުންވާ ކުދިންނަށް ޔޫހާ ދޭން ބޭނުންވާ ނަސޭހަތަކީ ވެސް އެއީ އެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox