ރިޕޯޓުމިފްކޯ ސަލަމާތް ކުރަންޖެހޭ! ގެންނަންޖެހެނީ އިންގިލާބެއް!

މިފްކޯ ސަލަމާތް ކުރަންޖެހޭ! ގެންނަންޖެހެނީ އިންގިލާބެއް!

އޮޑިވެރިންނާއި މަސްވެރިންގެ ގާބިލުކަން އިތުރުވި އިރު މިފްކޯ ބޮޑެެއް ނުވި. ކުންފުނީގެ މާލީ ރެކޯޑުތަކުން ފެންނަން އޮތީ އަބަދުވެސް ގެއްލުމުގައި ކުންފުނި ހިންގަމުން އަންނަ ތަން. ދޭތެރެ ދޭތެރެއިން މަސްވެރިން ޖެހެނީ ލާރިކޮޅު ހޯދަން އަޑުގަދަ ކުރަން.

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހާލުގައި އޮތް ކުންފުންޏަކީ "ދިވެހީންގެ ލޭނާރު" ކަމަށް ބުނާ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މިފްކޯ އޭ ބުނެވިދާނެ އެވެ.

މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން (އެމްއެފްސީ) ގެ ނަމުގައި 1979 ވަނަ އަހަރު އުފައްދައި، އޭގެ ފަހުން ފިޝަރީޒް ޕްރޮޖެކްޓްސް އިންޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ގެ ނަމުގައި ވެސް ހިންގުމަށް ފަހު 1993 ވަނަ އަހަަރުން ފެށިގެން މިފްކޯގެ ނަމަށް ބަދަލުކޮށް ހިންގަމުން އަންނަ އެ ކުންފުންޏަކީ މިއަދު މާލީ ގޮތުން ބޮޑެތި ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކުންފުންޏެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރީ ދަރަނި ބޮޑުވެ، އިތުރު ލޯނެއް ނުލިބޭ ހިސާބަށް ކަންތައް ދިޔުމުންނެވެ.

މިފްކޯ އެ ހާލުގައި އޮތް ނަމަވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިދިޔަ 30 އަހަރު ތެރޭ ދިވެހި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. މަސްދޯނިތައް ބޮޑެތިވެ، ޒަމާނީވެފައިވާ އިރު ބާނާ މަހުގެ އަދަދުވެސް އިންތިހާއަށް އިތުރުވެެއްޖެ އެވެ.

އޮޑިވެރިންނާއި މަސްވެރިންގެ ގާބިލުކަން އެގޮތުން އިތުރުވި އިރު މިފްކޯ ބޮޑެެއް ނުވި އެވެ. ކުންފުނީގެ މާލީ ރެކޯޑުތަކުން ފެންނަން އޮތީ އަބަދުވެސް ގެއްލުމުގައި ހިންގަމުން އަންނަ ތަނެވެ. ދޭތެރެ ދޭތެރެއިން މަސްވެރިން ޖެހެނީ ލާރިކޮޅު ހޯދަން އަޑުގަދަ ކުރާށެވެ.

މި ހާލަތުން މިފްކޯ ސަލާމަތްކުރަން އެކި ސަރުކާރުތަކުން އެކި ގޮތްގޮތް އެ ކުންފުންޏަށް ހަދައިފި އެވެ. ކުންފުނި ސަރުކާރަށް ނަގައި ބައިބައިކޮށް ވަކިވެސް ކުރި އެވެ. ކުންފުނީގެ ކޭޝްފްލޯ ހަމަޖައްސަން ދައުލަތުން ފައިސާ ވެސް ދެ އެވެ. ނަމަވެސް މިފްކޯ ދަރަންޏަކުން ސަލާމަތެއް ނުވި އެވެ.

ދަރަނިން ސަލާމަތްނުވެ މިފްކޯ ބަނގުރޫޓުވުން

މިފްކޯ އުފެއްދި އިރު ސަރުކާރުގެ ހިއްސާއަކީ ކުންފުނީގެ 90 ޕަސެންޓެވެ. ބާކީ 10 ޕަސެންޓް ހިއްސާ އޭރު އޮތީ އެސްޓީއޯގަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2009 ވަނަ އަހަރު ނިމުނު އިރު މިފްކޯގެ ގެއްލުން 113.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން 6.1 މިލިއަން ރުފިޔާގެ ގެއްލުންވީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށެވެ. އެހެންވެ އޭރުގެ ނެޝަނަލް ޕްލޭނިން ކައުންސިލުގެ ލަފަޔާއެކު 2010 ވަނަ އަހަރު މިފްކޯ ބައިބައިކޮށް ކުންފުނީގެ އެންމެ ބޮޑު ދެ ވިޔަފާރި ކަމަށްވާ ކޫއްޑޫ އާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަކީ އަމިއްލަ ދަރަންޏަށް ޒިންމާވާ ވަކި ދެ ކުންފުންޏަކަށް ބަދަލުކުރި އެވެ. އަދި މިފްކޯ އަކީ ސަރުކާރުން 100 ޕަސެންޓް ހިއްސާވާ މެނޭޖްމަންޓް ކުންފުންޏަކަށް ބަދަލުކުރި އެވެ.

އެ ބަދަލާ ގުޅޭ ގޮތުން 2015 ވަނަ އަހަރު ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ވަކި ކުންފުންޏަކަށް ބަދަލުކުރިފަހުން 2011 އަދި 2012 ވަނަ އަހަރު މިފްކޯއަށް 41 މިލިއަން ރުފިޔާގެ ގެއްލުންވި އެެވެ.

ފެލިވަރު މަސް ފެކްޓްރީ----
ފެލިވަރު މަސް ފެކްޓްރީ----

ފެލިވަރު މަސް ފެކްޓްރީ----

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިފްކޯ ރީސްޓްރަކްޗާކޮށް ކުންފުނީގެ މުދާ ބެހުމުގައި އަދި ދަރަނި މެނޭޖުކުރުމުގައި އޭރުވެސް ބޮޑެތި ގޯސްތަކެއް ހުރީ ހަދައިފަ އެވެ. ޕްލޭނިން ކައުންސިލުން ނިންމި ގޮތާއި ފިނޭންސް މިނިސްޓްރީން އަމަލުކުރި ގޮތާ ތަފާތުވެ ދިމާވި މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން 2013 ވަނަ އަހަރު އަނެއްކާވެސް ފެލިވަރާއި ކޫއްޑޫ އަކީ މިފްކޯގެ ދަށުން ހިނގާ އެކުންފުނީގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ.

ނަމަވެސް އޭރު ކުންފުނި ވެއްޓިފައި އޮތް މާލީ ވަޅުގަނޑުގެ ތެރޭގައި މިފްކޯގެ ބޯޓުތަކާއި އިކުއިޕްމަންޓްތައް މަރާމާތުނުކުރެވި އެތައް ގެއްލުމެއް ދިޔައީ ވަމުންނެވެ. މީގެ ހަތް އަހަރު ކުރިން 2016 ވަނަ އަހަރާ ހަމައަށް ދިޔައިރު މިފްކޯގެ ދަޅު މަސް ބަންދުކުރާ ކާރުހާނާ ހުއްޓި، މަސް ގަނެ ރައްކާކުރަން ހަދާފައިވާ ބޮޑެތި ގުދަންތައް ފަޅުވެ، މިފްކޯ އޮތީ މަސްވެރިންނަށް ދަރައި ބަނގުރޫޓުވުމާ ކައިރިވެފަ އެވެ.

އެސްޓީއޯގެ ދަށަށް ބަދަލުކުރުން

މިފްކޯ ވެއްޓިފައި އޮތް މާލީ އަނދަވަޅުން ސަލާމަތްކުރުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ދަަށަށް މިފްކޯ ގެންދިޔައީ ސެޕްޓެމްބަރު، 2016، ގަ އެވެ. އޭރު މިފްކޯ އޮތީ އެއް ބިލިއަން ރުފިޔާއިން ދަރައިފަ އެވެ. އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައި އޮތީ ތެޔޮ ބިލުތަކަށް އެސްޓީއޯއަށެވެ. އެހެންވެ އެސްޓީއޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ހަމަޖައްސަން ނިންމައި މިފްކޯގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވި އެވެ.

އެސްޓީއޯގެ ދަށުން މިފްކޯ އޮޕަރޭޝަނަށް ގެނައިި ނަމަވެސް ކުންފުނީގެ މާލީ ބަޔާންތަކުން އެނގޭ ގޮތުން 2021 ވަނައަހަރުގެ ނިޔަލަށް މިފްކޯ އަށް ލިބުނު ގެއްލުމުގެ އަގު 1.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުންފުނީގެ ދަރަނި 2021 ވަނަ އަހަރުގެ ނިޔަލަށް 1.9 ބިލިއަން ރުފިޔާއަށް އޮތީ އަރާފަ އެވެ. އެއީ އޭރު މިފްކޯގައި ހުރި ހަރު މުދާ ވިއްކައިގެން ވެސް ސަލާމަތްވެވޭ ވަރަށް ވުރެ ބޮޑު ދަރަންޏެކެވެ. އޭރު ކުންފުނީގައި ހުރި މުދަލުގެ އަގަކީ 961 މިލިއަން ރުފިޔާ އެވެ.

2021 ގެ ނިޔަލަށް މިފްކޯގެ ދަރަނި ހުރި މިންވަރު----
2021 ގެ ނިޔަލަށް މިފްކޯގެ ދަރަނި ހުރި މިންވަރު----

2021 ގެ ނިޔަލަށް މިފްކޯގެ ދަރަނި ހުރި މިންވަރު----

މިފްކޯ އާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން 2021 ވަނަ އަހަރު ތައްޔާރުކުރި އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި މިފްކޯއިން މަސް ގަތުމުގައި އަމަލުކުރަނީ ދުނިޔޭގެ ބާޒާރުގައި މަސް ވިއްކަން ހުރި އަގަށް ރިއާޔަތްކޮށް ދެކޮޅު ޖެއްސޭނެ އަގެއް ހިސާބުކޮށްގެން އެ އަގަކު ނޫނެވެ. ނަތީޖާއެއްގެ ގޮތުން ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދު ދިޔައީ ބޮޑުވަމުންނެވެ.

އެކަން ފޫބެއްދުމަށް ސަރުކާރުން އެކިފަހަރުމަތިން އެ ކުންފުންޏަށް މާލީ އެހީ ދޫކުރަންޖެހުނެވެ. އެގޮތުން 2016 އިން 2021 ގެ ނިޔަލަށް ސަރުކާރުން ދިން އެހީ 701 މިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ އެވްރެޖުކޮށް އަހަރަކަށް 140 މިލިއަން ރުފިޔާ އެވެ. އަދި މިއީ އެ މުއްދަތުގައި މިފްކޯއަށް ލިބުނު ޖުމުލަ ގެއްލުމުގެ ނިސްބަތުން ބަލާއިރުު 65 ޕަސެންޓުގެެ މާލީ އެހީ އެވެ.

އެއީ މިފްކޯ ގެއްލުމުން ސަލާމަތްކޮށް ދަރަނިން މިންޖުކުރަން އެކި ސަރުކާރުތަކުން ކުރި އެކި މަސައްކަތައްފަހު ވެސް ނުކުތް ނަތީޖާ އެވެ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަމިއްލަ ކުންފުނިތަކުން ބޮޑެތި ފައިދާ ނަގައި ވިޔަފާރިތަކެއް ފުޅާކުރަމުންދާއިރު ސަރުކާރުގެ މަސް ކުންފުނި އޮތް ހާލަތެވެ. މި ހާލަތުން މިފްކޯ ސަލާމަތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟

ކެޕޭސިޓީއެއް ނެތް، މަހަށް އަގެއް ވެސް ނުކިޔޭ

މިފްކޯއަށް ގެއްލުންވާ އެންމެ ބޮޑު އެއް ސަބަބަކީ ކުންފުންޏަށް ގަންނަ މަހުގެ ބޮޑުބައި ރޯމެޓީރިއަލްގެ ގޮތުގައި ތައިލެންޑަށް ބޭރު ކުރަން މަޖުބޫރުވުމެވެ.

މިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަދި އޭގެ ކުރިން މިފްކޯގެ ސީއީއޯކަން ވެސް ކުރެއްވި ހުސެން އަމްރު ވިދާޅުވި ގޮތުގައި މިފްކޯއަށް ހިންދެމި ނުލެވިގެން އުޅުމުގެ އެއް ސަބަބަކީ ޒަމާނީ ކުންފުންޏެއްގައި ހުންނަންޖެހޭ ވަރަށް ވަސީލަތާއި ކެޕޭސިޓީ ގާއިމުކުރެވިފައި ނެތުމެވެ. އަދި އެންމެ ބޮޑު ގެއްލުމެއް މިފްކޯއަށް ލިބެނީ ރާއްޖެއިން ގަންނަ މަސް ބޭރުގެ މާކެޓަށް ނުއަގުގައި ވިއްކަން ޖެހިފައި އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު މަސްވެރިން އަތުން 20ރ. އަށް ކިލޯ ގަނެފަ ތައިލެންޑަށް ވިއްކާއިރު އެގައުމުން މަހަށް އަގު ކިޔަނީ. އެގޮތަށް ވިއްކާލީމަ ލިބެނީ 14ރ. ކިލޯއަކަށް. މިފްކޯއަށް ލިބެނީ ގެެއްލުން. ރާއްޖެއަކަށް ނެތް ރާއްޖެއިން ބާނާ މަހަށް އަގު ކިޔެން، އެކަން ފާހަގަވީ 2019 ވަނަ އަހަރު ތައިލެންޑަށް މަސް ވިއްކުން ހުއްޓާލީމަ. ހުއްޓާލީމަ މާކެޓު ރޭޓުގެ އިތުރުން ޕްރިމިއަމްގެ ގޮތުގަ 600 ޑޮލަރު ދޭ ގޮތަށް ގަންނަން ތައިލެންޑުން އައީ. ކުރިން އަދި މިހާރު ވެސް ޕްރިމިއަމްއަށް ތައިލެންޑުން ޕޭކުރަނީ 50 ނުވަތަ 100 ޑޮލަރު. އެހެންވީމަ ރާއްޖޭގެ މަހުގެ އަގު އެބައޮތް، މިކަން ނުވެގެން މިއުޅެނީ ކެޕޭސިޓީ ބިލްޑު ނުކުރެވިގެން،" އަމްރު ވިދާޅުވި އެވެ.

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް ---
ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް ---

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް ---

މިފްކޯގައި އެވަރުގެ ކެޕޭސިޓީއެއް ނެތުމުން މަސް ގަނޑުކޮށްފައި ވަގުތުން ބޭރުކުރަނީ ތައިލެންޑަށެވެ. ރާއްޖޭގައި ބަންދުކުރަނީ ބާނާ މަހުގެ ކުޑަ ޕަސެންޓެކެވެ. ތައިލެންޑަށް އަގު ކުޑަކޮށް ގަނޑުކުރި މަސް ވިއްކުމުން އެގައުމުން އެ ޕްރޮސެސްކޮށް ދިވެހި މަހުގެ ގޮތުގައި ޔޫރަޕަށް މާކެޓުކޮށް ބޮޑު ފައިދާއެއް ދަނީ ހޯދަމުންނެވެ.

އަމްރު ވިދާޅުވި ގޮތުގައި މިފްކޯ އިން ގެއްލުމުގައި މަސް ވިއްކުން މިހާރުން މިހާރަށް ވެސް ހުއްޓާލަންޖެހެ އެވެ. އެކަމަށްޓަކައި މިފްކޯގެ ސްޓޯރޭޖް އިތުރުކޮށް ގަނޑުކުރި މަސް ވިއްކުމުގެ ބަދަލުގައި ހުރިހާ މަހެއް މިފްކޯއިން ޕްރޮސެސްކޮށް ދަޅުގައި ބަންދުކުރެވޭ ގޮތް ހަދަަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ކޮންމެ މާކެޓަކަށް ވިއްކި ނަމަވެސް މިފްކޯއަށް ފައިދާވާން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މިދިޔަ ސަރުކާރުން ބިޔަ މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ. އާ ބޯޓުފަހަރު ގަނެފައިވާއިރު، މަސްވެރިކަމުގެ ފަހި މޫސުމުގައި ކޫއްޑޫއަށް މަސްކިރުން ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފަޅުގެ ޖާގަ ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖަށް 4000 ޓަން އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

ފެލިވަރުގައި މުޅިން އަލަށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި 3500 ޓަނުގެ ކާގޯ ވެސަލް ކައިރިކުރެވޭ ފެންވަރަށް ބަނދަރު ތަރައްގީ ކުރުމާއި މަސް ކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި 100 ޓަނުގެ ކާރުހާނާ ހެދުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ހިންގުން ރަނގަޅުކުރުމަށް ކުންފުނި މަސްވެރިންނަށް ދޫކޮށްލުން

މިފްކޯ އޮތް ހާލަތުން ނަގައި، ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިދިޔަ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރި އެެވެ. މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އެތައް އިންވެސްޓްމަންޓުތަކެއް ކުރި އެވެ. އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏަކަަށް ހެދުމަށް އޭރު ސަރުކާރުން މަޝްވަރާކޮށް އެކަން އިއުލާނު ވެސް ކުރި އެވެ.

މި ސަރުކާރުން ވެސް ބޭނުން ވަނީ މިފްކޯއަކީ ވަކި ކުންފުންޏަކަށް ހަދާށެވެ. މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ވެސް ކުރައްވާފަ އެވެ.

ނަމަވެސް މިފްކޯ އަކީ އަނެއްކާވެސް ސަރުކާރުގެ ވަކި ކުންފުންޏަކަށް ބަދަލުކުރުމުން ކުންފުނި ހިންގުން ރަނގަޅުކުރެވިދާނެ ހެއްޔެވެ؟

ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި އަމްރު ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދަށުގައި އޮވެފައި، އަނެއްކާވެސް ސަރުކާރު ހިއްސާވާ ވަކި ކުންފުންޏެއް ގޮތަށް މިފްކޯ ބަދަލު ކުރުމަކީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި މިފްކޯގެ ހިންގުން ރަނގަޅުކުރެވޭނީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ހަދައި އާއްމުންނަށް ވެސް ހިއްސާވެވޭ ކުންފުންޏަކަށް މިފްކޯ ހަދައިގެންނެވެ.

"އަސްލު ހަގީގަތުގައި ވެސް ސަރުކާރު ބޭރުކުރަންޖެހޭ. އެކަމަކު އެސްޓީއޯ ބޭރުކުރުމެއް ނޫން ޕޮއިންޓަކީ. މީގަ ޕޮއިންޓަކީ އާންމުންނަށް ދޫކޮށްލުން. ޕަބްލިކް ކުންފުންޏަކަށް މިތަން ހަދާލުން. ހާއްސަކޮށް މަސްވެރިން ވެސް ހިއްސާ ގަންނަ ވަރުގެ ކުންފުންޏަކަށް މިތަން ހެދުން. އޭރުން ރަނގަޅަށް މިކަން ހިނގާނީ،" އަމްރު ވިދާޅުވި އެވެ.

އެއާއެކު މިފްކޯގެ ބޮޑު ދަރަންޏަކީ ވެސް ނުލިބޭނެ އެއްޗެއް ކަމަށް ބަލައި ކަނޑާލަންޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ. އެއީ ކުންފުނި ހިންގުމަށް އެ ދަރަނީގެ ހިޔަނި އެޅޭތީ ކަމަށާއި އަމާޒު ހިފަންޖެހޭނީ މިފްކޯ އަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދެއްކޭ ކުންފުންޏަކަށް ހަދައި މަސްވެރިންގެ އަތުން ގަންނަ މަސް ޕްރޮސެސްކޮށް ރަނގަޅު އަގެއް ލިބޭނެ ގޮތެއް ހޯދުން ކަމަށް އަމްރު ވިދާޅުވި އެވެ.

ޕަބްލިކް ކުރިއަސް ދަރާފައި އޮތް ކުންފުންޏެއްގެ ހިއްސާ ގަންނާނެ ބަޔަކު ވާނެތަ؟

މިފްކޯގެ ދަރަނީގެ ތެރޭގައި ސަރުކާރުން ދީފައި ހުރި އެތައް ޒަމާންވީ ލޯނުތައް ވެސް އެބަ ހުއްޓެވެ. އެސްޓީއޯއަށް ވެސް ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އަދި ބަޖެޓު ސަޕޯޓަށް ސަރުކާރުން ދޭ ފައިސާގެ ބަދަލުގައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެސްޑީއެފްސީން މިފްކޯއަށް ނަގާފައިވާ ބޮޑު ލޯނެއް ވެސް އެބަ އޮތެވެ. ޖުމްލަކޮށް ބަލާއިރު މިފްކޯގެ ދަރަނި 2021 ގެ ނިޔަލަށް ހުރީ 1.9 ބިލިއަން ރުފިޔާގަ އެވެ. ލިބޭ އާމްދަނީއަށް ވުރެ ކުންފުނީގެ ހަރަދު ބޮޑުއިރު، މިހާ ބޮޑު ދަރަންޏެއް އޮތް ކުންފުންޏަކަށް އިންވެސްޓަރުން ހޯދުން ފަސޭހައެއް ނުވާނެ އެވެ.

މިފްކޯގެ އެންމެ ރަންޒަމާނުގައި ކުންފުނި ހިންގެވި އާދިލު ސަލީމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތުގެ ވިޔަފާރިއަށް ވަންނަންޖެހުނީ އޭރު ޕްރައިވެޓް ސެކްޓާގައި އެ ފެންވަރު ނެތުމުންނެވެ. ނަމަވެސް މިފްކޯއަށް ވުރެ މާ ފަހުން ދާއިރާއަށް ނުކުތް އަމިއްލަ ކުންފުނިތައް ތިބީ މިފްކޯއަށް ވުރެ އެތައް ގުނައެއް ކުރީގަ އެވެ. އެހެންކަމުން މަސްދޯނިތަކުގައި މަސް ގަނޑުކުރެވޭ ވަރަށް ދޯނިތައް ބޮޑުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ސިޔާސީ ސަބަބުތަކާހެދި މިފްކޯގައި ބަގުޑިބައްދައިގެން ސަރުކާރުން ތިބީމަ އޭގެ ގެއްލުން މަސްވެރިންނަށް ލިބެނީ. އެކަން ފޫބެއްދުމަށްޓަކައި މިކުރެވޭ ކަމަކީ ޓެކްސްޕޭޔާ ފައިސާ ނަގާފައި ސަބްސިޑީ ދެނީ. ސަބްސިޑީ މަސްވެރިޔާ އަށް ދީ މަސްވެރިން ހަމަޖައްސާލާފަ މިފްކޯގެ މިސް މެނޭޖްމަންޓާއި ނާގާބިލުކަމުގެ ތެރެއިން ވަރަށް ބޮޑަށް ކޮސްޓް ބޮޑުވެގެން ދަނީ،" އާދިލު ވިދާޅުވި އެވެ.

އާދިލު ވިދާޅުވި ގޮތުގައި މަސްވެރިންނާއި ބާޒާރާ ދޭތެރެއަށް ސަރުކާރު ކުންފުންޏެއް ވަދެ ކުންފުނީގެ ހަރަދު ބޮޑުކުރުމުގެ ބޭނުމެއް ނެތެވެ. އަދި މިފްކޯއަކީ މިހާރުގެ މަސްވެރިކަމާ ނުގުޅޭ މޮޑެލެއް ކަމަށާއި މިފްކޯގެ ފެކްޓްރީތައް ހަދާފައި ހުރި ތަންތަނުގެ ތެރެއިން ކޫއްޑޫ ފިޔަވައި ދެން މަސްވެރިކަން ކުރާ ސަރަހައްދެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ. ނަތީޖާއެއްގެ ގޮތުން ދެކުނުން މަސްގަނެގެން ފެލިވަރަށް މަސް ގެންދިއުމުގައި ވެސް މިފްކޯއިން ބޮޑު ހަރަދެއް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިފްކޯއަކީ އިންޑަސްޓްރީއާ ނުގުޅޭ ނުބައި މޮޑެލެއެއްގައި އިން ތަނެއް. އިންޑަސްޓްރީއާ ނުގުޅޭ ތަނެއްގަ އިނދެގެން ދޯނިތައް އެތަނަށް ޖަމާކޮށްގެން އެތަނުގަ ފްރީޒްކޮށްގެން ބޮޑު ލޭންޑް ބޭސްޑް އޮޕަރޭޝަނެއް ހިންގަނީ. މަހުގަ އަތްލާ ކޮންމެ ޕޮއިންޓަކީ ހަރަދު ބޮޑުވާ ކަމެއް، ކޮލިޓީ ވެއްޓޭ ކަމެއް. މަސްދޯނިތައް ބޮޑުކުރަންވީ ދެން. ދޯނީގައި މަސް ގަނޑުކުރެވޭ ގޮތަށް. ބޯޓުތައް ދާންޖެހޭނީ މަސްބާނާ ސަރަހައްދަށް މަސް ގަންނަން. އަޅުގަނޑުގެ ލަފަޔަކީ މިފްކޯ އަވަހަށް އުވާލުން، ޕްރައިވެޓައިޒް އެއް ނުކުރެވޭނެ. ދަރަނި މާ ބޮޑު. ވެލިއުއެއް އޮތް އެއްޗެއްތާ މީހުން ގަންނާނީ. މިހާރު ގޮސް ގަންނަންޖެހޭނީ ގެއްލުން،" އާދިލް ވިދާޅުވި އެވެ.

ސިޔާސީ ކުންފުންޏަކުން ވިޔަފާރިކުރާ ކުންފުންޏަކަށް ހެދުން

މިފްކޯއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަނާއި ނުފޫޒެވެ. މިފްކޯ އުފެދިގެން އައީވެސް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތަށް ފަހު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށްގެންނެވެ. މިފްކޯގެ 30 އަހަރުގެ ދަތުރުގައި ވެސް މުޅިން ވެސް އަޑު އިވެނީ ކޮރަޕްޝަނާއި ކުންފުނީގެ ފައިސާ އާއި ލިޔެކިޔުންތައް މިސް މެނޭޖު ކުރުމާއި ސިޔާސީ ނުފޫޒުން ކުންފުނި އަރަައިނުގަނެވިގެން އުޅޭ ވާހަކަތަކެވެ.

މިފްކޯގެ އެކި އޮޑިޓްތަކުން ވެސް އެކަން ފާހަގަވެ އެވެ. ކުންފުންޏަށް 30 އަހަރު ވީއިރުވެސް މިފްކޯއަށް ފައިދާއެއް ނުވަނީ ސިޔާސީ ނުފޫޒާއި ކުންފުނި ހިންގުމުގައި ސަރުކާރުތަކުން ގެންގުޅުނު ދޯދިޔާ ސިޔާސަތު ކަމަށް ތަޖުރިބާކާރުން ވެސް ގަބޫލުކުރެ އެވެ.

ރާއްޖޭގެ މާލީ އިދާރާތަކުގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އަދިވެސް މިފްކޯ ނަގައި ކޮޅަށް ޖެހިދާނެ އެވެ. އެކަމަށްޓަކައި މިފްކޯ އަކީ ސިޔާސީ ފަރާތްތަކުން ބޭނުންކުރާ ޓޫލް އަކަށްވުރެ ބޮޑަށް ވިޔަފާރި ކުންފުންޏަކަށް އެތަން ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިފްކޯގެ ކުރިއެރުވޭނީ ކުންފުނީގެ ދަރަނި ރީސްޓްރަކްޗާކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އެކީ އެކަށްޗަކަށް ކުރިއަރުވާ ކުންފުންޏަކަށް ހަދައިގެން ކަމަށް އޭނަ ވިދާޅުވި އެވެ.

"ކޮލިޓީ ހިފެހެއްޓީގެން އަގުބޮޑުކޮށް ވިއްކޭނީ، މަސް ބާނާ ވަގުތުން ފެށިގެން އެ ރާއްޖޭން ބޭރުން އެ ގަންނަ ފަރާތާ ހަމަޔަށް ފޯރުކޮށްދެވެންދެން އޭގެ ކޮލިޓީއާ ދޭތެރޭ ވިސްނަންޖެހޭ. އެ ގްރޭޑް ކުރެވި އޭގެ ފްރެޝްކަން ހިފަހައްޓަންޖެހޭ. މަސްވެރިން ވެސް މިފްކޯ ވެސް މި ޕްރޮސެސްއަށް ހޭނެންޖެހޭ. މިފްކޯއަކީ ހަމައެކަނި ސިޔާސީ ގޮތުން މަސްވެރިން ރުއްސުމަށް އޮންނަ ކުންފުންޏަކަށްވުރެ ބޮޑަށް ވިޔަފާރި ނަޒަރަކުން އޭތި އެނބުރެންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރިގޮތުގައި މިފްކޯއަކީ ހަމައެކަނި މަސްކިރުވުމާއި އެކްސްޕޯޓުކުރާ ކުންފުންޏެއްގެ ބަދަލުގައި މުޅި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރާ ކުންފުންޏަކަށް ވާންޖެހެ އެވެ. އަދި ކުރިން ސަރުކާރުން އަމަލުކުރި ގޮތައް މިފްކޯ ތިންބަޔަށް ބައިކޮށް އެކި ކުންފުނިތަކުން މިފްކޯގެ މަސައްކަތް ބަހާލައިގެން ހަރުދަނާ ސިޔާސަތެއްގެ ދަށުން ދުރު ރާސްތާއެއްގެ ޕްލޭނަކާއެކު ކުރިއަށްގެންދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަސްވެރިން ތަމްރީނުކުރުމާއި މަސް ދޯނިތައް ތަރައްގީކުރުމާއި މަސް ކިރުމާއި ސްޓޯކޮށް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރުކުރުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު އެއޮތީ ވަރަށް ބައިވަރު ކަންތައް ތަކެއް ތެރޭގަ. އޭގެ ތެރޭގަ ޒަމާންވީ ކޮރަޕްޝަންވެސް އެބައޮތް. މިފްކޯގެ ވެރިންވެސް ވިސްނަންޖެހޭ ކޮސްޓިންއާ، އިގުތިސޯދީ ގޮތުން މާކެޓުތަކަށް އަންނަ ބަދަލުތައް ދެނެގަތުމާއި މިކަހަލަ ބޮޑެތި ބަދަލުތައް ގެނެސްގެން ކުރިމަގު ފުޅާކޮށް ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ކުރި މަގަށް މިހުރީ ހުސް ކުރެވިދާނެ ކަންކަމެވެ. ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ ސިޔާސީ ކަސްތޮޅުން މިފްކޯ މިނިވަން ކުރަންޖެހޭ ކަމެވެ. ޒަމާނީ ކުންފުންޏަކަށް ކުންފުނި ހަދައި އިސްރާފުވާ ފައިސާ މަދުކުރަންޖެހޭ ކަމެވެ. މަހުގެ ކޮލިޓީ ހިފަހައްޓައި ރާއްޖޭގެ މަސް ޕްރޮސެސްކޮށް ވިއްކުމުގެ ބާރު އެހެން ގައުމުތަކަށް ދިނުން ހުއްޓާލަން ޖެހެ އެވެ. އެކަމަކު އެކަން ކުރެވޭނެ ދުވަހެއް ފެންނާނެ ހެއްޔެވެ؟

މުހައްމަދު ޖަމްޝަތު ވަހީދު

ޖާނަލިސްޓް

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox