މާރާމާރީތަކާ ގުޅިގެން ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ހަތިޔާރުތަކެއް އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މާރާމާރީތަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ގޭންގުތައް އެއްވެ އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާކަމަށެވެ. ހަތިޔާރުތައް ފެނިފައި ވަނީ ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
"މި އޮޕަރޭޝަނުގައި، ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާއިރު މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވެއެވެ." ފުލުހުން ބުނެ އެވެ.
އައްޑޫގައި ހިންގި ބޮޑު މާރާމާރީއެއްގައި މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައި ވެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ ދެ މީހުންނާއި، 20 އަހަރުގެ ތިން މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ ތިން މީހުންނެވެ.
އެ 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެ ވެސް ޝަރީއަތް ނިމެންދެއް ބަންދުކުރަން ވަނީ ނިންމާފަ އެވެ.














