މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުތަކުން އައްޑޫ ސްޕޯޓްސް ކްލަބް، ރަންވެލި ސްޕޯޓްސް ކްލަބް، ކްލަބް އާބަންކޯ އަދި ގުޑީސް ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެރޭ މުބާރާތް ފެށީ ގްރޫޕް ބީގެ މެޗަކުންނެވެ. އައްޑޫ ސްޕޯޓްސް ކްލަބުން ވަނީ ޕިނަކްލް ސްޕޯޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 25-16، 25-23 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައްޑޫ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ޝަރީފް އެވެ.
އެ ގްރޫޕްގެ ދެ ވަނަ މެޗު މިއަދު މެންދުރު ކުޅެފައިވާއިރު، ވަރުގަދަކޮށް އޮތް އާބަންކޯ އިން ވަނީ އައްޑޫ ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އާބަންކޯގެ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) މޮޅު ކުޅުންތެރިއަކަށް ހޮވުނު މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ، 25-10، 25-18 އަދި 25-14 އިންނެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗުތަކަށް ބަލާއިރު، ރަންވެލި ސްޕޯޓްސް ކްލަބް ވަނީ ތިން ސެޓުން، ބްރަދާހުޑް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެއީ، 25-21، 25-12 އަދި 25-22 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ރަންވެލިގެ މުހައްމަދު މަދީހު އެވެ. އެ ގްރޫޕްގެ ދެ ވަނަ މެޗުގައި ކްލަބް ހާފް ލައިން ލިންކްއޭޖް އިން ވަނީ ތިން ސެޓުން ޔޫތު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ހާފްލައިންގެ ސިރްހާން އަބްދުލް ސައްތާރު މޮޅު ކުޅުންތެރިއަކަށް ހޮވުނު މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ، 25-16، 25-21 އަދި 25-16 އިންނެވެ.
މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ މެޗުން ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާ އަތުން ގުޑީސް ސްޕޯޓްސް ކްލަބް މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-25، 11-25، 25-22 އަދި 18-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގުޑީސްގެ މުހައްމަދު އަހުސަން އެވެ.
މުބާރާތުގައި މާދަމާ ވެސް ހަތަރު މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ގްރޫޕް އޭގައި ރަންވެލި އާއި ހާފްލައިން ކުޅޭ މެޗާއި ގްރޫޕް ބީގައި ޕިނަކްލް އާއި ޑަބްލިއު ސްޕޯޓްސް ކުޅޭ މެޗާއި ގްރޫޕް ސީގައި ބީޖީ ސްޕޯޓްސް ކްލަބާއި ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރާ މެޗުގެ އިތުރުުން ގްރޫޕް ޑީގައި ސިޓީ ސްޕޯޓްސް ކްލަބް އަދި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބްް ވާދަކުރާ މެޗެވެ.
އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަން ފަށާނީ މި މަހު ނުވަ ވަނަ ދުވަހު އެވެ. އެ މުބާރާތް ކުރިއަށްދަނީ 12 ޓީމެއް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.












