ދިވެހި ފުލުހުންގެ ހިދުމަތުގެ އެކްޓިން ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު ރިޓަޔާކުރެއްވުމުން، އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ ހަމަޖެއްސެވި އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި މަންނާނު އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަންކުރެއްވުނީ، މިދިޔަ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް އޭރުގެ ކޮމިޝަނަރު މުހައްމަދު ހަމީދު ރިޓަޔާކުރެއްވުމުންނެވެ.
އެހެންވެ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފުލުސް އޮފީހުގެ އެންމެ އިސްވެރިޔަކަށް ހުންނެވީ މަންނާނެވެ.
އޭގެ ދެ ދުވަސް ފަހުން މަންނާނު ރިޓަޔާކުރައްވަން ހުށަހެޅުއްވުމުން، އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު އައްޔަނުކުރެވުނެވެ. ނަމަވެސް ދެ ދުވަސް ފަހުން، އަނެއްކާ ވެސް މަންނާނަށް އެކްޓިން ކޮމިޝަނަރުކަން ދިނެވެ. އޭރު ބެލެވިފައި އޮތީ ދާއިމީ ކޮމިޝަނަރެއް ހަމަޖެއްސެންދެން މަންނާނުގެ ރިޓަޔާމަންޓް ފަސްކޮށް އޭނާ ކޮމިޝަނަރުގެ މަގާމުގައި ހުންނަވާނެ ކަމަށެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ މެންދަމު 12 ޖެހުމާ އެކު، މަންނާނު އާއި އަލީ ރަޝީދު ވަނީ ރިޓަޔާކުރައްވައިފަ އެވެ. އެއާ އެކު އެކްޓިން ކޮމިޝަނަރަށް އަނެއްކާ ވެސް ފަރުހާދު އައްޔަނުކުރެވުނީ އެވެ. އެކަން ފުލުހުންގެ އިސްވެރިޔަކު ވަނީ "އަދަދަ"ށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މީގެ 29 އަހަރު ކުރިން ފުލުހުންގެ ވަޒީފާއާ ގުޅިވަޑައިގެންނެވި މަންނާނަކީ އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީން ތަމްރީންވެ އޭގެ ފަހުން އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ އޮފިސަރެކެވެ. އޭނާއަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އަދި ޔޫތު ކްރިމިނަލް ޖަސްޓިސްގެ ދާއިރާގައި މިވަގުތު އެންމެ ތަޖުރިބާކާރު އެއް އިންވެސްޓިގޭޓަރު ވެސް މެ އެވެ.
އެކްޓިން ކޮމިޝަނަރަކަށް ހަމަޖެއްސި ފަރުހާދަކީ، އޭނާގެ މައްޗަށް އޮތް މައްސަލައަކާ ގުޅިގެން ފުލުހުންގެ ވަޒީފާ އިން ވަކިކުރަން 2021 ވަނަ އަހަރު ޕޮލިސް ބޯޑުން ނިންމި އޮފިސަރެކެވެ. ނަމަވެސް އޭނާ ހިމެނޭހެން އިތުރު ހަތް އޮފިސަރުންގެ މައްޗަށް ބޯޑުން ނިންމި ނިންމުން ބާތިލްކުރުމަށް މިދިޔަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފުކުރުމާ ގުޅިގެން ހައި ކޯޓުން ވަނީ، އެ މަރުހަލާ ނިމެންދެން ސިވިލް ކޯޓުގެ އެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވެ އެވެ.
ފަރުހާދުގެ މައްޗަށް އޮތީ ތަހުގީގުކުރަމުން ދިޔަ ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހުމަތެވެ. އެއީ ފުލުހުންގެ ތަހުގީގަށް އަތުލާފައި އޮތް ފޯނެއްގައި ހުރި ފޮޓޯތަކެއް ނައްތާލުމާ ގުޅިގެންނެވެ.
އާ ޕޮލިސް ކޮމިޝަނަރަކަށް މި ސަރުކާރުން އައްޔަންކުރައްވާނެ ކަމަށް ބެލެވޭ އަހުމަދު މުހައްމަދު (ޓޫފޯ) އަކީ ވެސް އެ ފަހަރު ޕޮލިސް ބޯޑުން، މަގާމުން ވަކިކުރި އޮފިސަރެކެވެ. އޭނާ ވަކިކުރީ ފުލުހުންގެ ލޯންޗުފަހަރު ރާއްޖޭން ބޭރުން މަރާމާތުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ.
ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި އޮންނަ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކުރިމަތިލުމަށް ހުޅުވާލަން ޖެހެ އެވެ. އަދި ކުރިމަތިލާ ފަރާތްތައް ޕޮލިސް ބޯޑުން އިންޓަވިއުކޮށް ފެންވަރު ވަޒަން ކުރަން ޖެހެ އެވެ. އިންޓަވިއު ކުރުމަށް ފަހު، އެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފައެއް އަރުވަން ޖެހެ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ އިހުތިޔާރު އަދިވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ފުލުހުންގެ ބެލެނެވެރިޔާ، މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވެފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ކުރިއަށްދާ ކަމަށެވެ.
"ގާނޫނުގައި އެބަ އޮތް 45 ދުވަހުގެ މުއްދަތެއް ވެސް، މިހާރު ވެސް ގާނޫނީ މަސައްކަތްތައް އެބަ ހިނގާ،" އޭނާ "އަދަދަ"ށް ވިދާޅުވި އެވެ.
މުހިއްމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން












