ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަކޮށްޓަށް ޒިޔާރަތް ކުރައްވައި ސިފައިންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި އެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުއިއްޒު ބަންޑާރަކޮށްޓަށް ވަޑައިގެންފައި ވަނީ ދިވެހި ސިފައިންގެ ހަތްކޮޅުގަ އެވެ. އެމަނިކުފާނު ސިފައިންގެއަށް ވަދެ ވަޑައިގަތުމުން އެތަނުން އިސްތިގުބާކު ކުރައްވައި މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އިފް ޑިފެންސް ފޯސްގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ބާރަ އޮފިސަރުންނެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ބަންޑާރަކޮށްޓަށް ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ސިފައިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައި ރައީސްގެ ޝަރަފުގައި އޮނާ ގާޑެއް އަރުވައިފަ އެވެ.
ބަންޑާރަކޮށްޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް މުއިއްޒު ވަނީ އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ސިފައިންނާ ބައްދަލު ކުރައްވައިފަ އެވެ.
މިދިޔަ ހުކުރު ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ބުރޫލެއް އެރިޔަ ނުދީ ދޫންޏެއް އޭގެ ހާލި ހިމާޔަތް ކުރާ ފަދައިން ގައުމު ހިމާޔަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.














