ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރީ ދޫކުރައްވައި ނުކުމެވަޑައިގެންނެވި އިރު އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް މަރުހަބާ ވިދާޅުވެ، ސިޓީއެއް ދޫކުރައްވައިފި އެވެ.
ޒަމީރަށް އެޑްރެސްކުރައްވައި ފޮރިން މިނިސްޓްރީގައި ބޭއްވެވި ސިޓީގައި މަރުހަބާއަށް ފަހު, ޝާހިދު ވިދާޅުވީ ޒަމީރަކީ ފޮރިން މިނިސްޓްރީ ހިންގުމަށް ގާބިލް، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އައު ފޮރިން މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓްރީއާ ބެހޭ ގޮތުން އާ މިނިސްޓަރު ހަނދުމަފުޅު ބަހައްޓަވަން މުހިއްމު ދެ ނުކުތާއެއް އެ އަށް ފަހު ފާހަގަކުރެއްވި އެވެ. އެއީ އެ މިނިސްޓްރީއަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް ތަނެއް ކަމާއި މިހާރު އެ މިނިސްޓްރީ ހިންގަނީ ވަކި ގާނޫނެެއްގެ ދަށުން ކަމެވެ.

އޭނާ އެ އިޝާރާތްކުރެއްވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ފޮރިން ސާވިސް ގާނޫނަށެވެ.
"...މި ވުޒާރާގެ ވަޒީރުގެ މަގާމަށް މަނިކުފާނަކީ ނުހަނު ގާބިލު އަދި އެހާމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި އަޅުގަނޑު ދެކެމެވެ،" ސޯޝަލް މީޑިއާގައި ވެސް އާއްމުކުރައްވާފައިވާ ސިޓީގައި ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގައި މިވަގުތު ތިބި މުވައްޒަފުންނަށް ސިޓީގައި ޝާހިދު ތައުރީފުކުރެއްވި އެވެ. އެ މުވައްޒަފުންނަކީ ވޭތުވެދިޔަ ފަސް އަހަރު ޕްރޮފެޝަނަލްކަމާއި ގާބިލުކަމާއެކު އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި މުވައްޒަފުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހާރިޖީ ދާއިރާއިން ހޯދިފައިވާ ކާމިޔާބީއާއި ކުރިއެރުން ލިބިފައިވަނީ އެމުވައްޒަފުންގެ ސަބަބުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"..އަޅުގަނޑު ޔަގީންކުރާ ގޮތުގައި މަނިކުފާނުގެ ލީޑަޝިޕާއި އިރުޝާދުގެ ދަށުން ޓީމް ޚާރިޖީ، ދިވެހިރާއްޖެ ބައިނަލް އަގުވާމީ އާ އުސްމިންތަކަށް ގެންގޮސްދޭނެ އެވެ،" ސިޓީގައި ޝާހިދު ވިދާޅުވި އެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ފޮރިން ސާވިސްގެ ތަޖުރިބާކާރެކެވެ.













