އިޒްރޭލަށް ވާގިވެރިވާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް މާލޭ ގާކޮށީގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާހަޓް ރެސްޓޯރަންޓަށް ބަޔަކު މިރޭ ކަޅު ތެޔޮ ޖަހައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ކޭއެފްސީ އާއި ޕިއްޒާހަޓަށް ކަޅުތެޔޮ ޖަހާފައިވާ މައްސަލައެއް ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޭއެފްސީ އާއި ޕިއްޒާހަޓު ބޮއިކޮޓު ކުރަން ގޮވާލައި އެތަނުގެ ބޭރުގައި، ލިޔުންތައް ހަރުކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
މި ދެ ބްރޭންޑަކީ ވެސް އިޒްރޭލަށް ވާގިވެރިވާ ބްރޭންޑުތަކާއި އިޒްރޭލުގައި ވިޔަފާރިކުރާ ބްރޭންޑުތަކާއި ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވާލާ ބޮއިކޮޓް، ޑައިވެސްޓްމަންޓް، ސެންްކްޝަންސް (ބީޑީއެސް) ހަރަކާތުން ބޮއިކޮޓް ކުރާ ލިސްޓުގައި ހިމެނޭ ވިޔަފާރިތަކެވެ. ބީޑީއެސްއަކީ ފަލަސްތީނު ރައްޔިތުން އިސްވެ ހިންގާ ހަރަކާތެކެވެ.
ފްރެންޗަައިޒް އުސޫލުން ހިންގާ މި ދެ ރެސްޓޯރަންޓު ވެސް ރާއްޖޭގައި ހިންގަނީ ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއި އިންޑިއާގެ ގަމާ ޕިއްޒާކްރާފްޓް އޯވާސީސް ލިމިޓެެޑެވެ.













