މާލޭ ފިހާރައެއް ތެރެއަށް ވަދެ، އެ ތަނުގެ ކައުންޓަރުގައި ހުރި ބިދޭސީ މީހާގެ ކަރުގައި ވަޅި އެޅި ކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާ ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލާގައި އޮކްޓޯބަރު 7، ގައި ހައްޔަރު ކުރީ 29 އަހަރުގެ އަންހެނެކެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޮކްޓޯބަރު 8، ވަނަ ދުވަހު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖެހި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ނޮވެމްބަރު 7، ގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އަކުން ފެންނަ ގޮތުގައި އަންހެން މީހާ ފިރިހެނަކަށް ވަޅިން ހަމަލާ ދިނީ ފިހާރައެއްގެ ތެރޭގަ އެވެ. ހަމަލާ އަމާޒުކުރިތަން ފެންނަނީ އެ މީހާގެ ކަރަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.













