ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު, ޑރ. އަހުމަދު ފައިސަލް ދާދި ފަހުން އެކްސްގައި ހިއްސާކުރެއްވި މައްސަލަ އެކެވެ; އުމުރުން ފަސް އަހަރުން ދޮށީ ކުދިން ބަރުވާ މިންވަރު އަހަރެއް އަހަރަކަށް އިތުރުވަމުންދާ ކަމަށް ޔުނިސެފުން ހެދި ދިރާސާއަކުން ދެއްކީ އެވެ.
ކުޑަކުދިންގެ ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުން ނުވަތަ ފަލަ ބަލި (އޮބީސިޓީ) އަކީ މުޖުތަމައުގައި މާބޮޑު ސަމާލުކަމެއް ދެވޭ ކަމެއް ނޫނެވެ. އެކަމަށް ސަބަބުތަކެއް ވެސް ހުރެ އެވެ. މުޖުތަމައުގައި ކުޑަކުދިންގެ ބަރުދަނާމެދު ދެކޭ ގޮތާއި, އާދަކާދަތައް ހުންނަ ގޮތާއި, ކަސްރަތު ނުކުރުން އަދި މާހައުލަކީ މިކަމުގައި ދައުރެއް އަދާކުރާ ކަންތަކެވެ.
ކެއުމުގެ އާދަކާދައާއި ހެލިފެލިވެ އުޅުން
"އަޅުގަނޑުމެން ރޫޓިން ކަންތަކަށް ވަރަށް ބޮޑު ބަދަލެއް އައިސްފި. ކުރިން ވެއްޖިއްޖާ ކުދިން ސްކޫލަށް ދާނީ ބައިސްކަލުގައި ނޫނީ ހިނގާފައި. މިހާރު ދަނީ ސައިކަލުގައި،" ޑރ. ފައިސަލް ވިދާޅުވި އެވެ.
މުޖުތަމައުގައި އާދަކާދަ ހުންނަ ގޮތުން, ކުރިއާ އަޅާބަލާއިރު ހަރަކާތްތެރިވާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. އަދި, ސިއްހަތަށް ގެއްލުންދެނިވި ކާނާ ކެއުން އާއްމުވެފަ އެވެ.
ތަރުކާރީ އާއި މޭވާގެ ބަދަލުގައި ކުދިން ހިތްގަޔާވާ އެއްޗެއްގެ ގޮތުގައި ހުންނަނީ ޗޮކުލެޓާއި, ފޮނި އެއްޗެހި އަދި ސޮފްޓް ޑްރިންކްސް އާއި އެކި ޒާތްޒާތުގެ 'ލުއި ކާނާ' އެވެ. ޕާޓީއެއް ބޭއްވިޔަސް, އެއްވުމެއް ބޭއްވިޔަސް ހުންނަނީ އެ ތަކެއްޗެވެ. ސްކޫލުގެ އިންޓަވަލް ގަޑިއަށް ގެންދަނީ ވެސް އެ ތަކެއްޗެވެ. ކުއްޖަކަށް ކަމެއްް ހާސިލުވެއްޖެ ނަމަ އެކަމެއްގެ އަގުވަޒަން ކުރުމުގެ ގޮތުން ވެސް ދީ އުޅެނީ ފޮނި ކާއެއްޗެއްސާއި ލުއި ކާނާއޭ މިކިޔާ ތަކެއްޗެވެ.
ކަސްރަތު ކުރުމަކީ އާއްމުކޮށް ދިވެހިން ދުރު ކަމެކެވެ. ބޮޑެތި މީހުން ވެސް ކަސްރަތު ކުރުމާ އެހާ ދުރުއިރު, ކުޑަކުދިން ކަސްރަތު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ މީހުން އިންތިހާއަށް މަދެވެ. ބޮޑެތި މީހުން ކަސްރަތު ކުރުމަސް އަހަންމިއްޔަތުކަން ނުދޭތީ ކުޑަކުދިންނަށް ވެސް އޭގެ މުހިންމުކަން ނުވިސްނި, ހެލިފެލިވެ އުޅުމާއި ކަސްރަތާ ދުރުވެވެ އެވެ. އެގެ ބަދަލުގައި ގޭތެރޭގައި ޓީވީ ބަލަން ނުވަތަ ގޭމް ކުޅެން އިނުމަކީ އެ ކުދިން މާ ހިތް އުފާވާ ކަމެކެވެ.
"މައްސަލަ މި ޖެހެނީ ކެލޮރީ އިންޓޭކް އިތުރުވެ, ކެލޮރީ ބާންކުރާ މިންވަރު ދަށްވީމަ،"
ސިއްހަތަށް ނުރަނގަޅު މާހައުލު
ދެން އެންމެ ބޮޑު އެއް ރޯލެއް އަދާކުރާ ކަމަކީ މާހައުލީ ކަންކަމެވެ. 'އޮބީސޯޖެނިކް އެންވާރަމަންޓް' އެއްގެ ސިފަތައް ހުރުމެވެ. ސިއްހަތަށް ރަނގަޅު ކާނާ އަގުބޮޑުވެ, ލުއި ކާނާގެ އަގު ދަށަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ކާނާގެ އަގުގެ ބަދަލުތަކުން, ސިއްހަތަށް ފައިދާ ކުރުވަނިވި ތަރުކާރީއާއި މޭވާ ފަދަ ކާނާ ތަކަކީ މާލީ ގޮތުން ފުދުންތެރި މީހުންނަށް ނޫނީ އަތްނުފޯރާނެ ފަދަ ތަކެއްޗެވެ.
"ހަކުރުން ޓެކްސް ނަގާއިރު, މިއޮންނަނީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުން ޓެކްސް ނަގަން. އެކަމަކު އާންމުކޮށް މި ބޭނުންކުރާ ސޮފްޓް ޑްރިންކްސްތައް ރާއްޖޭގައި އުފައްދަންޏާ, އެ ތަކެތި އެބަ ލިބޭ އަގުހެޔޮކޮށް. ފްރެޝް ޖޫސްތައްޓަކަށް ވުރެ ސޮފްޓް ޑްރިންކްސް އަގުހެޔޮ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
ހަމައެއާއެކު, ރެސްޓޯރެންޓުތަކުގައި, ކާއެއްޗެހީގެ ޕޯޝަން ނުވަތަ މިންވަރު އިތުރުވުމާއި, ލުއި ކާނާ ވިއްކާ ރެސްޓޯރެންޓުތައް ހުންނަ ތަންތަނަކީ ވެސް ޑައެޓަށް އަސަރުކުރާ ކަންކަމެވެ. މިސާލެއް ނަގާނަމަ, ކަސްރަތު ކުރަން ހާއްސަކޮށްފައިވާ ތަންތަނާ އިންވެގެން ލުއި ކާނާ ވިއްކާ ތަންތަން ހުރުމަކީ, ކަސްރަތު ކުރަންދާ މީހުންނަށް އެ ރެސްޓޯރަންޓަށް ވަދެ, ކާން އިތުރަށް ހިތްވަރު ލިބޭ ކަމެކެވެ.
އެހެން ކުދިންނާއި އަޅާކިއުމުގެ އާދަ
"މުޖުތަމައުގައި ބަރުދަން އިތުރުވުން މި ބަލަނީ ރަނގަޅު ސިއްހަތެއްގެ ނިޝާނެއްގެ ގޮތުގައި. ގިނަ ފަހަރަށް ބަރުދަން ބަހައްޓަންވާ އަސްލު މިންގަނޑަށްވުރެ ބޮޑަށް ބެލެނީ ކައިރި ގެއެއްގެ ކުއްޖަކު ނުވަތަ ރައްޓެއްސެއްގެ ކުއްޖަކު ގައިގައި ހުންނަ ބަރުދަން ދަމަހައްޓަން،" ޑރ. ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން މީހުންގެ ކުދިންނާ އަޅާކިއުމަށްވުރެ, ބަރުދަން, ސިއްހީ ގޮތުން ރަނގަޅު މިންވަރެއްގައި ބެހެއްޓުމަކީ މާ މުހިންމު ކަމެކެވެ. އެގޮތުން, ކުއްޖަކު ލިބުމުން ނުވަތަ ކުއްޖާ ވަކި ވަރަކަށް ބޮޑުވުމުން ކަސްރަތުކޮށް, ރަނގަޅު އާދަކާދަތައް ދަމަހައްޓަން މަޑުކުރުމުގެ ބަދަލުގައި ކުރިއާލާ އެކަންތައްތައް ކުރުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވަ އެވެ.
ނުރަނގަޅު ނަތީޖާ މިހާރުވެސް އެބަފެނޭ, ފަރުވާއަށްވުރެ މުހިންމީ ރައްކާތެރިކަން
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މިހާރު މި ފެންނަ ކަންތައްތަކުގެ ސަބަބުން ސިއްހަތަށް ކުރާނެ ނުރަނގަޅު އަސަރު މިހާރުވެސް މިދަނީ ފެންނަމުންނެވެ.
"ކުރިން ވެއްޖިއްޔާ ހަކުރު ބައްޔާއި ހިތުގެ ބަލިތަކަކީ ވަކި އުމުރަކަށް ދިއުމުން ޖެހޭ ބަލިތައް, އެކަމަކު މިހާރު ވަރަށް ޒުވާން ކުދިންގެ ވެސް މި ބަލިތައް ހުރޭ،" އޭނާ ވިދާޅުވި އެވެ.
މިހާރު ޒުވާނުންގެ މެދުގައި ހިތުގެ ބަލިތަކާއި ހަކުރު ބަލި އަދި ކޮލެސްޓްރޯލް މައްސަލަ އާއްމުކޮށް ފެންނައިރު, ކަކުލު ހުޅުގެ މައްސަލަތަކާ ހެދި ގޮނޑީގައި އިނދެ ނަމާދު ކުރަން ޖެހޭ ހާލަތަށް ވެސް ޒުވާނުން ވަނީ ގޮސްފަ އެވެ.
"ޒުވާނުން މިދަނީ ދުވަހެއް ދުވަހަކަށް ބަލިވަމުން"
ބަރުދަން އިތުރުވުމާއި, ފަލަ ބަލި ޖެހުން އިތުރުވަމުން ދާއިރު, ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެސް ހާލަތު އެންމެ ގޯހީ ރާއްޖޭގަ އެވެ. މިކަމަށް ބޭސްފަރުވާ ކުރަންޖެހެނީ ބޮޑު ހޭދައެއްކޮށްގެންނެވެ.
"ބޭސްފަރުވާއަށް ކުރަންޖެހޭ ހަރަދަށްވުރެ, ރައްކާތެރިވުމަށް ކުރަންޖެހޭ ހަރަދު ދަށް،" ޑރ. ފައިސަލް ވިދާޅުވި އެވެ.
އޭނާ އިލްތިމާސް ކުރެއްވީ, ބަރުދަން ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް ކަސްރަތު ކުރުމާއެކު ސިއްހަތަށް ރަނގަޅު އާދަކާދަތައް އަދި ރަނގަޅު ކާނާ ކެއުން ކުރިއާލާ ފެށުމަށެވެ. ހަކުރު ބައްޔާއި, ހިތުގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް އެ ބަލިތަކުގެ ހިރާސް ކުޑަ ކުރެވެން އޮތީ މި މަގުން ހިނގައިގެން ކަމަށް ވާތީ އެވެ.












