ރިޕޯޓުތަމްސީލުކުރި، އެކަމަކު ދެކޮޅަށް: ކިހިނެއްވާ ކަމެއް؟

ތަމްސީލުކުރި، އެކަމަކު ދެކޮޅަށް: ކިހިނެއްވާ ކަމެއް؟

މައްސަލަ ހުށަހެޅީ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އައްޔަންކުރެއްވި ސަރުކާރު ހިންގާ ޕާޓީންނެވެ. ބަންޑާރަ ނައިބަކީ ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ، ވަޒީރުންގެ މަޖިލީހުގައި އިންނަވާ ވަޒީރެކެވެ.

ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

ވަކީލުން ޝަރީއަތުގައި ވަކާލާތުކޮށްދޭނީ މުވައްކިލުގެ ހައްގުގަ އެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން މުވައްކިލަށް އެންމެ ރަނގަޅު ގޮތެއް ހޯދައިދިނުމެވެ. އާންމު ގޮތަކީ އެއީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކާ ދެކޮޅަށް އެމްޑީޕީން ސުޕްރީމް ކޯޓުގައި ދައުވާކޮށްފައިވާ ދުސްތޫރީ މައްސަލާގައި މަޖިލިސް ތަމްސީލުކުރީ ބަންޑާރަ ނައިބު (އެޓާނީ ޖެނެރަލް) އޮފީހުންނެވެ. އެކަމަކު ޝަރީއަތުގައި ވަކާލާތު ކުރެއްވީ މަޖިލީހުގެ އިދާރާގެ ނިންމުމާ ދެކޮޅަށެވެ. މައްސަލަ ހުށަހެޅި އެމްޑީޕީއާ އެއް ކޮޅަށެވެ.

އިއްޔެ ނޫސްތަކުގެ ސުރުހީއަށް ވެސް އައި އެއް ވާހަކައަކީ އެއީ އެވެ. ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރި ބަންޑާރަ ނައިބުގެ އޮފީހުން އެ މަޖިލީހާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރުމެވެ. އޭގެ ކަންބޮޑުވުން މައްސަލައަށް ތަދައްހުލުވި، ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވާ ޕީޕީއެމް/ޕީއެންސީގެ ވަކީލުންގެ ވެސް އޮތެވެ.

"ޖުލައި މަހުން ފެށިގެން މަޖިލިސް ހިނގަމުން އައީ މި ގޮތަށް، އެ ނިންމުންތަކުގެ މަތީގައި، ރިޔާސީ އިންތިހާބެއް މި ނިންމީ، މަޖިލީހުގެ އެ ނިންމުން އެ ގޮތުގައި އޮވެގެން، މަޖިލީހުން ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފުވިއޭ ބުނާ ހިނދު ކުރި ކަމެއް ނެތް،" ވަކީލު އާޒިމާ ޝަކޫރު ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ ސްޓޭންޑަކީ ވެސް މަޖިލީހުގެ އިދާރާއިން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމެވެ. މައްސަލަ ހުށަހެޅީ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އައްޔަންކުރެއްވި ސަރުކާރު ހިންގާ ޕާޓީންނެވެ. ބަންޑާރަ ނައިބަކީ ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ، ވަޒީރުންގެ މަޖިލީހުގައި އިންނަވާ ވަޒީރެކެވެ.

މިފަދަ ހާލަތެއްގައި މަޖިލިސް ތަމްސީލް ކުރުމަށް ބަންޑާރަ ނައިބަށް ލިބިދޭ ބާރުގައި މަޖިލީހާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހަމަޖެހޭ ހަމައެއް ހެއްޔެވެ؟ ދައުލަތް ތަމްސީލުކުރުމަކީ ބަންޑާރަ ނައިބުގެ ޒިންމާއަކަށްވީ ނަމަވެސް މިފަދަ ތަފާތު ހާލަތެއްގައި އަމަލު ކުރެވޭނެ ގާނޫނީ އެހެން ހަމައެއް ނެތް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރެވެ. މުޅި ދައުލަތް އެ މައްޗަކަށް އަމަލުކުރަން ލާޒިމު ގާނޫނުތަކާއި، ސަރުކާރާއި މުއައްސަސާތައް ޖަވާބުދާރީކުރުމަކީ މަޖިލީހުގެ ބާރެވެ. މަޖިލިސް ހިމެނޭހެން، ދައުލަތުގެ އެކި އިދާރާތައް ޝަރީއަތުގައި ތަމްސީލް ކުރަން މި އޮންނަނީ ބަންޑާރަ ނައިބަށެވެ.

ޕްރޮސެކިއުޓަަ ޖެނެރަލް ދައުލަތް ތަމްސީލު ކުރަން ޖެހޭ މައްސަލަތައް ނުވަތަ ޖިނާއީ މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލައެއްގައި ދައުލަތް ތަމްސީލު ކުރަނީ ބަންޑާރަ ނައިބެވެ. މަދަނީ މައްސަލަތަކުގެ އިތުރުން ދުސްތޫރީ މައްސަލަތަކުގައި ވެސް އެ ކަން އޮންނަނީ އެ ބީދައިންނެވެ.

titledesc

ބަންޑާރަ ނައިބުގެ އޮފީހުގައި ވެސް މީގެ ކުރިން މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައެއްގައި މަޖިލީސް ތަމްސީލުކުރި ގޮތުގައި ގޯހެއް ނެތެވެ. އޭނާ ފާހަގަކުރައްވަނީ ބަންޑާރަ ނައިބަށް ދީފައިވާ ބާރުތަކުގެ މާއްދާ އެވެ.

ބަންޑާރަ ނައިބު މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކަށް ތަބާވުމުުގެ އިތުރަށް އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ބަންޑާރަ ނައިބުގެ މައްޗަކަށް ނުހިނގާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާ އެވެ.

"ބަންޑާރަ ނައިބު ވެސް އޭނައަށް ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދު މާނަކުރެވުނު ގޮތެއް ގާނޫނު އަސާސީއާއި ގަވައިދުން ފެންނަން އޮތް ކަމެއް މި ބެލީ، އޭގައި މަޖިލީހުގެ ސްޓޭންޑަކަށް ބަންޑާރަ ނައިބު ބަލަން ނުޖެހޭ ކަން ގާނޫނު އަސާސީގެ އެ މާއްދާއިން ބުނެދެނީ،" މި ވަގުތު ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ، ނަން ނުޖެހުމަށް އެދި ވަކީލުގެ ހިޔާލު ހިއްސާކޮށްދެއްވި އެވެ.

ގާނޫނު އަސާސީން ބަންޑާރަ ނައިބުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތަކަށް ވާތީ، ޝަރީއަތަށް ވަޑައިގެން ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރަން ޖެހޭނެ ކަމަށް ވެސް، މިހާރު އަމިއްލަ ގޮތުން ޕްރެކްޓިސްކުރަމުން އަންނަ ވަކީލު ވިދާޅުވި އެވެ.

"ބަންޑާރަ ނައިބުގެ ވަކީލު ވަކާލާތު ކޮށްދެއްވީ، ތަމްސީލުކޮށްދެއްވީ މުޅި ދައުލަތް، ބަންޑާރަ ނައިބުގެ ގާނޫނީ ނުކުތާއަކީ މިއީއޭ، ދެން އެހެންވިޔަސް މަޖިލީހުން މި ގޮތަށް އެބަ ދެކެޔޭ، މި ގޮތަށް ވާހަކަ ވެސް ދެއްކެވީ، ދެން މަޖިލީހުގެ ކައުންސިލަ ޖެނެރަލް އަރިހުގައި އިންނެވި،" ވަކީލު ކިޔައިދެއްވި އެވެ.

މީގެ ކުރިން ޝަރީއަތަށް މައްސަލަ ނުދަނީސް މާލީ ވަޒީރަށް ވެސް ބަންޑާރަ ނައިބު ގާނޫނީ ލަފާ ދެއްވީ އެ މޭރުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް އޮއްވައި، ބަޖެޓު ހިމެނޭހެން އެއްވެސް ކަމެއް މަޖިލީހުގައި ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް އެ ގަރާރު ހިނގާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނެ ކަމަށެވެ.

އެހެންކަމުން ދެން ބަންޑާރަ ނައިބުގެ އެ ގާނޫނީ ލަފައާ ދެކޮޅަށް އެ އޮފީހުގެ ވަކީލަކު ވަކާލާތު ކުރުން ވެސް ވާނީ އަދި މުޅީން ހަމަޖެހޭ ކަމަކަށް ނޫނެވެ. މަޖިލިސް ތަމްސީލުކުރަން ޖެހުމުން، ކުރިން ދިން ގާނޫނީ ލަފައާ ދެކޮޅަކަށް ވެސް އަދި ވަކާލާތެއް ނުކުރެވޭނެ އެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ހިޔާލު ކޮންމެ ވެސް ވަރަކަށް މި ކަމުގައި ތަފާތެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރަން ޖެހޭ ވަގުތު ބަންޑާރަ ނައިބުގެ އޮފީހުން މަޖިލީހުގެ މަޝްވަރާއި މަޖިލީހުގެ ނިންމުމުގެ ދިފާއުތައް ވެސް ބަލަން ޖެހޭނެ އެވެ.

"ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރަންޏާ، މަޖިލީހުގެ ފަރާތުން ގޮސް ގާނޫނީ ވާހަކަ ދައްކަންޏާ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އެކު މަޝްވަރާކޮށް، [އެއްބަސްވެވޭ] ހައްލުތަކެއް ހޯދައިގެން ތިބެން ވާނީ،" މުނައްވަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން "ކަނޑައެޅިގެން" ގާނޫނު އަސާސީއާ ހިލާފުވެއްޖެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފެނުނު ނަމަ އެ ކަމެއް މަޖިލީހަށް ކުރިއާލާ އަންގަވަން ވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. ބަންޑާރަ ނައިބު ކަން ކުރައްވާފައިވާ އާޒިމާ ވެސް އެ ގޮތަށް ޝަރީއަތުގައި ވަކާލާތު ކުރައްވާފައިވެ އެވެ.

ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަނީ ބަންޑާރަ ނައިބު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދައުލަތް ތަމްސީލު ކުރުމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ވަކީލުންނަށް އެ ފުރުސަތު ދިނުމަށް ވެސް ގާނޫނު އަސާސީ ހުރަހެއް ނާޅަ އެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އަހުމަދު އުޝާމްގެ ގާނޫނީ ނުކުތާއަކީ އެވެ.

"އެންމެ މަސްލަހަތު ހުރި ގޮތަކީ ވެސް އެއީ، ބަންޑާރަ ނައިބަށް އޭގެ ގާނޫނީ ހުރަހެއް ވެސް ނެތް، ބަންޑާރަ ނައިބަށް ކަނޑައެޅުއްވޭނެ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނިންމުމާއި ބަންޑާރަ ނައިބުގެ ގާނޫނީ ލަފައާ ތަފާތުވީމަ އެ ފުރުސަތު މަޖިލީހުގެ ވަކީލުންނަށް ދޭން،" އެމްއެންޕީގެ ނައިބު ރައީސް އުޝާމް ވިދާޅުވި އެވެ.

އެހެންވިޔަސް އުޝާމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓާއި ބަންޑާރަ ނައިބުގެ އޮފީހުން އަމަލު ކުރި ގޮތް ވެސް މުޅިން ގޯހެއް ނޫނެވެ. މިފަދަ ދުސްތޫރީ މައްސަލަތަކުގައި މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ބަންޑާރަ ނައިބު މައްސަލަ ތެރެއަށް ތަދައްހުލުކޮށްފައި އެބަ ހުއްޓެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންވާނެ، މީގައި ގޮތެއް ނިންމެވުމުގެ ކުރިއަށް، މި ފަހަރު ހަމަޖެއްސި އިންތިޒާމުން، ފަނޑިޔާރުން ސުވާލުކޮށްގެން ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ އަދި މަޖިލީހުގެ ދިފާއުތައް ވެސް ސާފުކުރެވިގެން އެބަދޭ،" އުޝާމް ތަފްސީލުކޮށްދެއްވި އެވެ.

ގިނަ ގާނޫނީ ތަޖުރިބާކާރުންގެ ނަޒަރުގައި ބަންޑާރަ ނައިބުގެ އޮފީހާއި ސުޕްރީމް ކޯޓުން އަމަލު ކުރި ގޮތުގައި މާ ބޮޑު މައްސަލައެއް ނެތެވެ. ނަމަވެސް ބައެއް ވަކީލުން ދެކެނީ "ތަމްސީލުކުރުން" އެއީ މަޖިލީހަށް ދޫކޮށްލާފައި ވެސް ބަންޑާރަ ނައިބު މައްސަލައަށް ތަދައްހުލުވެ ގާނޫނީ ނުކުތާތައް ފާހަގަ ކުރެވޭނެ އެވެ. މަޖިލީހުގެ ވަކީލުންނަށް އެކަން ދޫކޮށްލުމަކީ ބަންޑާރަ ނައިބަށް ހުރަސް އޮތް ކަމެއް ވެސް ނޫނެވެ. އަދި މަޖިލިސް ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ދެކޭނަމަ ކުރިއާލާ ފިޔަވަޅުތަކެއް އަޅަން ވެސް ޖެހޭނެ އެވެ.

ކޮންމެ ގޮތެއް ވިޔަސް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ވަޒީރެއް ގޮތަށް ހުންނަވާ ބަންޑާރަ ނައިބަށް، ދައުލަތުގެ ދެ ބާރުގެ ދެމެދުގައި އުފެދޭ ދެބަސްވުންތަކުގައި ދައުލަތް ތަމްސީލުކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެ އެވެ. ބަންޑާރަނައިބަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ވަޒީރަކަށްވާއިރުވެސް، ވަކި މީހަކު އަންގާ ގޮތަށް ނުބަލައި ހަމައެކަނި ގާނޫނު އަސާސީއާއި ގާނޫނީ ހަމައަށް ބެލުން ބަންޑާރަނައިބަށް ލާޒިމުކޮށްފައި އޮތީ މިފަދަ ހާލަތެއް މެދުވެރިވެދާނޭތީ އެވެ. ބަންޑާރަނައިބުގެ ‘މުވައްކިލު’ ގެ ރައުޔު ހާމަކުރެއްވުމާއެކުވެސް މިފަހަރު ސުޕްރީމްކޯޓުގައި އިސްކުރެެއްވީ ބަންޑާރަނައިބަށް ގަބޫލުފުޅުކުރެއްވޭ ގާނޫނީ ހަމަ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox