ނިމި ދިޔަ ބޮޑު އީދު ދުވަހު ފަތިހު މަޖީދީ މަގުން ހިނގާފައި ދަނިކޮށް، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އަލީ ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލާގައި ސައިކަލު ދުއްވި މީހާ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ވަޒީފާ އަދާ ކުރާ، އުމުރުން 50 އަހަރުގެ ހަފީޒުގެ ގައިގައި ސައިކަލުން ޖެހުނީ ހީނާމާގެ ޕާކިން ޒޯނު ކަންމަތީގައި ހުންނަ މަސްޖިދުލް އާދިލުން ފަތިސް ނަމާދުކޮށް އެތަނުން ފައިބައިގެން ރެޑްވޭވް ފިހާރައަށް ވަނުމަށް މަގު ހުރަސް ކުރި ވަގުތެވެ
މިހާރު ބޭރުން ފަރުވާ ހޯދަން ޖެހިފައިވާ ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ ވެސް ލައިސަންސް ނެތް މީހެކެވެ. ސައިކަލު ދުއްވަން އިން ރ. އިނގުރައިދޫ ލެގޫން ވިއު، ޝަމްއާން އަބްދުލްޝަކޫރުގެ މައްޗަށް އުފުލާފައި ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ޝަމްއޫން ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ގާނޫނުގައި ކުށުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. ނަމަވެސް ހަޒީފަށް ލިބިފައިވާ އަނިޔާގެ ގެއްލުން ބޮޑު ކަމަށް ކަނޑައެޅުމަށް ފަހު ތިން ދަރަޖަ މަތިކޮށް، ކުށަށް އިއުތިރާފުވުމުން އިތުރު ދެ ދަރަޖަ ދަށްކުރި އެވެ. އޭރަށް އޭނައަށް ކަނޑައެޅޭ އަދަބަކީ ދެ އަހަރު ދުވަހަށް ޖަލަށް ލުން ކަމަށް ހުކުމުގައިވެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަމްއޫން ހައްޔަރުކޮށް ބަންދުގައި ހުންނަ މުއްދަތު އުނިކުރުމުން ހުކުމުން ތަންފީޒު ކުރަން ޖެހެނީ އެއް އަހަރާއި 10 މަހާއި 29 ދުވަހުގެ ބަންދު މުއްދަތެވެ.












