ރިޕޯޓުޑެންގޫ ހުމާއި އެ ބަލީގެ ފަރުވާ

ޑެންގޫ ހުމާއި އެ ބަލީގެ ފަރުވާ

ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ފަޅޯ ފަތް ފަދަ ތަކެތީގެ ފެން ބޮއެގެން ޕެލެޓްލެޓް ކައުންޓް ރަނގަޅު ކުރަން މަސައްކަތް ކުރުމަށް ވުރެ، ސަމާލުކަން ދޭންވީ ދިޔައި ތަކެތި ބުއިން ގިނަކޮށް ޑީހައިޑްރޭޓް ވިޔަ ނުދިނުމެވެ.

ޑެންގޫ ހުމާއި އެ ބަލީގެ ފަރުވާ

ރާއްޖޭގައި އެންމެ ގިނައިން ފެތުރޭ ބަލިތަކުގެ ލިސްޓުގައި ޑެންގޫ ހިމެނެ އެވެ. ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި އިތުރުވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަކޮށްފައިވާ މި ބައްޔަށް ސެޕްޓެމްބަރު މަހު އެކަނި ވެސް 288 މީހުން ޕޮޒިޓިވްވި އެވެ.

އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޑެންގޫ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސްވެ އެވެ.

ޑެންގޫ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، ބަލި ފަތުރަމުން ދެ އެވެ.

ޑެންގޫ ހުމުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ބޮލާއި ގައިގައި ރިއްސުން އަދި މޭ ނުބައި ކުރުމެވެ.

ހުމާއެކު އިތުރު އަލާމާތްތައް ނުފެނުނު ކަމުގައިވީ ނަމަވެސް ހުން އަންނަތާ ތިން ދުވަސްވުމުން ޑޮކްޓަރަށް ދެއްކުމަށް ސިއްހީ ހިދުމަތްތެރިން ލަފާ ދެއްވަ އެވެ. ޑެންގޫ ހުމަކީ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް ވެސް ދިމާވެދާނެ ބައްޔެކެވެ.

ޑެންގޫގެ ނުރައްކާތެރި އަލާމާތްތައް

  • ކުޑަކަމުދެވޭ މިންވަރު މަދުވުން
  • މާބޮޑަށް ވަރުދެރަވުން
  • ތުއްތު ކުދިންނަށް ގާތުން ނުބޮވުން
  • ބަނޑުގައި ރިއްސުން
  • ގިނައިން ހޮޑު ލެވުން
  • ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން
އައިޖީއެމްއެޗްގެ ނަރުހެއް; ވިއްސާރަ މޫސުމުގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވޭ; މިއީ ފުރާނައަށް ނުރައްކާވާ ހާލަތަށް ވެސް ދާ ބައްޔެއް
އައިޖީއެމްއެޗްގެ ނަރުހެއް; ވިއްސާރަ މޫސުމުގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވޭ; މިއީ ފުރާނައަށް ނުރައްކާވާ ހާލަތަށް ވެސް ދާ ބައްޔެއް

ޑެންގޫ ފަތުރާ އީޑީޒް މަދިރިއެއް ލޭ ބޮއެ ބަނޑު ފުރާލައިގެން: ވިއްސާރަ މޫސުމުގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވޭ

ފަރުވާ

ޑެންގޫ ހުމަށް ވަކި ހާއްސަ ފަރުވާއެއް ނުދެ އެވެ. ބަލީގެ އަލާމާތްތަކަށް އާންމުކޮށް ދެނީ ޕެރެސެޓަމޯލް އެވެ. އަދި ޑޮކްޓަރުން ލަފާ ދެއްވަނީ ގިނަގިނައިން ދިޔައި ތަކެތި ބޭނުން ކުރުމަށެވެ.

ޑީހައިޑްރޭޓްވުމުން ދުރުވުމަށް, ޑޮކްޓަރުން ލަފާ ދެއްވަނީ ކޮފީ އާއި ކެފެއިން އެކުލެވޭ ބުއިންތަކާއި މައިލޯ، ކަރާ ފަނި ފަދަ ކުލަ ގަދަ އަދި ރަތް ކުލަ ހުންނަ ބުއިންތައް ބޭނުން ނުކޮށް، ލޮނު ޕެކެޓު، ކުރުނބާ ފަނި އަދި ޖޫސް ފަދަ ތަކެތި ބޭނުން ކުރުމަށެވެ.

ޑެންގޫ ހުމަކީ މާބޮޑު ޑޮކްޓަރީ ފަރުވާއެއް ނެތް ބައްޔަކަށްވީ ނަމަވެސް, ބަލި ޖެހޭ މީހުންނަށް ފަޅޯފަތުގެ ޖޫސް ދީ އުޅެ އެވެ. އެއީ ޑެންގޫ ހުމުގައި އެންމެ ބޮޑަށް މޮނިޓާ ކުރަންޖެހޭ އެއްޗެއްގެ ގޮތުގައި އެނގިފައި އޮންނަ ލޭގެ ޕްލެޓްލެޓް ކައުންޓު މަތި ކުރުމަށެވެ.

ނަމަވެސް ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ފަޅޯ ފަތް ފަދަ ތަކެތީގެ ފެން ބޮއެގެން ޕެލެޓްލެޓް ކައުންޓް ރަނގަޅު ކުރަން މަސައްކަތް ކުރުމަށް ވުރެ، ސަމާލުކަން ދޭންވީ ދިޔައި ތަކެތި ބުއިން ގިނަކޮށް ޑީހައިޑްރޭޓް ވިޔަ ނުދިނުމަށެވެ.

އެންމެ މުހިންމީ ބަލި މީހާގެ އަލާމާތްތައް ދެނެގަތުމެވެ. ޑެންގޫ ޖެހިގެން ލޭ އައުން ފަދަ ކަންކަން ދިމާވަނީ ޕެލެޓްލެޓް ކައުންޓް ދަށް ވެގެން ނޫން ކަމަށާއި، ލޭ އައުމުގެ ފުރުސަތު ބޮޑުވަނީ ބްލަޑް ޕްރެޝާ ދަށްވެ، ޝޮކަށް ގޮސް، ފަރުވާ ލިބުން ލަސްވެގެންދާ ދަނޑިވަޅުގައި ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

ޑެންގޫއަށް ގިނަ ފަހަރު ސަމާލުކަން ދެވެނީ ބަލިވުމުންނެވެ. ނަމަވެސް އެ ބައްޔަށް އޮތް އެންމެ ބޮޑު ފަރުވާއަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. މަދިރިން ރައްކާތެރި ވުމަށް "މޮސްކިޓޯ ރިޕެލެންޓް" ބޭނުން ކުރުމާއި މަދިރިި އުފެދޭ ތަންތަން ނައްތާލުމެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox