ޓޫރިސްޓު ވިސާ ހަމަވުމުން ވެސް ފުރައިގެން ނުގޮސް މާލޭ މަގުމަތީގައި އުޅޭ ޗައިނާ މީހާ ފުރުވާލެވެންދެން އިމިގްރޭޝަނުގެ ޑިޓެންޝަން ފެސިލިޓީގައި ބަހައްޓަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އާއްމު ރައްޔިތުންނަށް އުނދަގޫ ވާގޮތަށް މަގުމަތީގައި އުޅޭ އަންހެން މީހާގެ މައްސަލައިގައި އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މީހާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އޭނާގެ އަމަލުތައް އާއްމުންނަށް އުނދަގޫ ވާގޮތަށް ހުރުމުން، ހާއްސަ އިންތިޒާމެއްގެ ދަށުން 30 އޮކްޓޫބަރު 2023 ވަނަ ދުވަހުން ފެށިގެން، އޭނާ ފުރުވާލުމާ ހަމައަށް އޭނާ މި އިދާރާގެ ޑިޓެންޝަން ފެސިލިޓީގައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ އެހީތެރިކަމާއެކު، އޭނާގެ އާއިލާއާ ގުޅިގެން އެ އަންހެން މީހާ ވީހާވެސް އަވަހަކަށް ފުރުވާލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރީގައި އެދިފައިވާ ކަމަށް އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޗައިނާއަށް ނިސްބަތްވާ އެ މީހާގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިމަހުގެ މެދުތެރޭގަ އެވެ. އެއާޕޯޓުގެ ވެއިޓިން އޭރިއާގައި ހުންނަ ގޮނޑިބަރިތަކުގައި ނިދައި، އެތަނަށް ފުރަން ދާ މީހުންނަށް އުނދަގޫ ވާގޮތަށް އޭނާގެ އަމަލުތައް ހުރުމުގެ ސަބަބުން ޓޫރިސްޓު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ މިމަހުގެ 19 ގަ އެވެ.

ފުލުހުން އޭރު ބުނެފައި ވަނީ އެމީހާ އިމިގްރޭޝަނާ ހަވާލު ކުރި ކަމަށެވެ. ނަމަވެސް އިމިގްރޭޝަނުގެ ޑިޓެންޝަން ފެސިލިޓީގައި އަންހެނުން ބެލެހެއްޓުމަށް ހާއްސަ ބައެއް ހެދިފައި ނުވާތީ އެ ވީހާވެސް އަވަހަކަށް ރާއްޖެއިން ފުރައިގެން ދިއުމަށް އޭނާއަށް އިމިގްރޭޝަނުން އެ ދުވަހު އެންގި ކަމަށް މިއަދު އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ އެންގުމަށް ބޯނުލަނބައި އޭނާ ވަނީ މާފަންނުގައި ހުންނަ ފުލުސް އޮފީހުގައި ކޭމްޕު ޖަހައިގެން ހަފުތާއެއްހައި ދުވަހު އެތަނުގައި ވެސް އުޅެފަ އެވެ.












