ސަރުކާރުން ތެޔޮ ގަންނަން ކުރަން ޖެހޭ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި އަންނަ އަހަރުން ފެށިގެން ފިއުލް ހެޖިން ފަށަން ބަޖެޓުގައި ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓު ތަފްސީލު ފޮތުގައިވާ ގޮތުގައި ފިއުލް ހެޖިންއަށް 300 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ބަޖެޓުކޮށްފަ އެވެ. މިކަން ކުރަން ހިމަނާފައި ވަނީ ހާއްސަ ބަޖެޓުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގެ ޔޫޓިލިޓީ އަދި އާންމު ހަރަދު ބައިގެ ދަށުންނެވެ.
ފިއުލް ހެޖިންއަކީ އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ކަނޑައެޅިފައިވާ ވަކި އަގެއްގައި މުސްތަގުބަލުގައި ތެޔޮ ގަންނަން، ތެޔޮ ވިއްކާ ކުންފުނިތަކާ އެކީ ވެވޭ އެއްބަސްވުމެކެވެ. މިހެން އެއްބަސްވެވޭ އަގުތަކުގެ ސަބަބުން، އޭރު ބާޒާރުގައި ހުރި އަގަށް ވުރެ ކުޑަކޮށް ވެސް ބޮޑުކޮށް ވެސް ތެޔޮ ގަންނަން ޖެހިދާނެ އެވެ.
މިފަދަ އެއްބަސްވުންތައް އާންމުކޮށް ބޭނުންކުރަނީ އެއާލައިންތަކާއި ކުރޫޒްލައިނާތައް ފަދަ ގިނަ އަދަދަކަށް ތެޔޮ ބޭނުންކުރާ ކުންފުނިތަކުން, ތެލުގެ ހަރަދުތައް ކުޑަކުރުމަށެވެ.
ފިއުލް ހެޖިންއަށް އިންވެސްޓްކުރަން ސަރުކާރުން ހުށަހަޅާފައި މިވަނީ ތެލުގެ ސަބްސިޑީއަށާއި ކަރަންޓު ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަން ޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން, ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔުމާ ގުޅިގެން ވޭތުވި ދެ އަހަރު ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް މި ދެ ކަމަށް ފައިސާ ހަރަދުކުރަން ޖެހުނެވެ. އަދި މި އަހަރު ވެސް ލަފާކުރި ވަރަށް ވުރެ ބޮޑު ހޭދައެއް ދައުލަތުން ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފަ އެވެ.
އެކަމަކު ފިނޭންސުން މި އަހަރަށް ހުށަހެޅި ބަޖެޓުގައި ވަނީ މި އަދަދުތައް ވަރަށް ބޮޑަށް ދަށް ވާނެ ކަމަށް ލަފާކޮށްފަ އެވެ. އެއީ:
- ކަރަންޓު އަގު ހެޔޮކުރުމުގެ ގޮތުން - 571 މިލިއަން ރުފިޔާ
- ފިއުލް ސަބްސިޑީ - 775 މިލިއަން ރުފިޔާ
އަންނަ އަހަރުގެ ތެރޭގައި ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ފިއުލް ސަބްސިޑީ ދޭން ވެސް މި ސަރުކާރުން ވަނީ މާލީ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފަ އެވެ.













