ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ބާއްވަންޖެހޭ މަޖިލީހުގެ ޖަލްސާ ހިމެނޭ ގޮތަށް އެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެފި އެވެ.
ނަޝީދު މަގާމުން ވަކި ކުރަން ހުށަހެޅި ގަރާރުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރުމަށްފަހު ވެސް ކެންސަލް ކުރީ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނާ އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގަތުމުންނެވެ. ނަމަވެސް އެމްޑީޕީން ބުނަނީ، ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވި ނަމަވެސް ގަވާއިދުގެ ތެރެއިން އެހެން މެމްބަރަކު އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނެ ކަމަށެވެ.
މަޖިލީުގެ ޖަލްސާ ކުރިއަށް ނުގެންދިޔަ މައްސަލައިގައި އެމްޑީޕީން ދާދި ދެންމެއަކު އެންމެެ މަތީ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެދިފައި ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމުގެ ޖަލްސާ ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ޖަލްސާ ބޭއްވޭނެ ކަމަށާއި އެ މާއްދާގެ ދަށުން ޖަލްސާ މިއަދު ނުބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑަައެޅުމަށެވެ.
ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އެ މަޖިލީހުގެ ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ބުނެފައި ވަނީ، ނަޝީދު ވަކި ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރިޔާސަތުން ހުރަސްއަޅަމުންދާ ކަމަށާއި އެގޮތަށް ހުރަސްއަޅާ ނަމަ، މަޖިލީސް ޕެރެލައިޒްވާނެ ކަމަށެވެ.
"މިހާރު މަޖިލިސް އޮތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްފަހު. ނަމަވެސް، އެ މަސައްކަތް އެގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ރިޔާސަތުން އިސްވެ ހުރެ ހުރަސްއަޅަމުންދާހާ ހިނދަކު، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވިދާނެ އެއްވެސް މަގެއް ނެތް. ނަތީޖާއަކަށް ވާނީ، ރައްޔިތުންގެ މަޖިލީހެއް ވުޖޫދުގައި އޮވެމެ، މަޖިލިސް ހުއްޓުމަކަށް އައުމާއި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ގޮތަށް ބާރު ކެނޑުން،" އެ މައްސަލައިގައި ބުނެފައިވެ އެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކުރުމުން، އެހެން މީހަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ހަމަޖައްސައިގެން ނަމަވެސް ޖަލްސާ ކުރިއަށް ގެންދިޔުމަށް އެމްޑީޕީން މަޖިލީހުގެ އިދާރާއަށް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އެކަމަށް އެއްބަސްވެވަޑައިނުގެންނެވި ކަމަށް އެމްޑީޕީން ބުނެ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު އަދި ނައިބު ރައީސް އީވާ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ބުނީ އެކަމަނާ މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވީ ޑެންގޫ ހުމަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާއަށް ވެސް އީވާ ވަޑައެއްނުގަންނަވަ އެވެ.












