މިއަހަރުގެ ދެ ވަނަ ހަނދުކޭތަ މާދަމާރޭ ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ހުރިހާ ރަށެއްގެ ބޮޑެތި މިސްކިތްތަކުގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ހުރިހާ ރަށެއްގެ ބޮޑެތި މިސްކިތްތަކުގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލްތަކަށް އަންގާ ކަމަށެވެ.
މާދަމާރޭގެ ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ 1:15 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ކޭތަ ނަމާދުގެ ހުތުބާ މާދަމާ އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން ހަނދުކޭތަ ހިފަން ފަށާނީ ރޭގަނޑު 23:01 ގަ އެވެ. އަދި, ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމުން އަލިވެ 03:26 ގަ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާނީ 01:14 ގަ އެވެ.
ހަނދުކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ. ކޭތަ ހިފަނީ ހަނދުމަހުގެ މެދުތެރޭގަ އެވެ.

މިއަހަރުގެ ފުރަތަމަ ހަނދު ކޭތަ ހިފާފައި ވަނީ މޭ މަހުގެ ތެރޭގަ އެވެ.












