ހުޅަނގު އައްސޭރީގައި އޮން ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް، ރާގިބް އަހުމަދު ހަލަފް އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
އޮނަރަރީ ކޮންސުލްގެ މަގާމުގެ ފަތްކޮޅު، ފޮރިން މިނިސްޓަރު ޝާހިދާ ރާގިބް ހަވާލުކުރެއްބވީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގަ އެވެ.
ރާއްޖެއާއި ފަލަސްތީނާ ދެމެދު މެދުކެނޑުމެއްނެތި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރަން އެ ބައްދަލުވުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ ދައުލަތާ އެކީގައި ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ފަލަސްތީނުގެ ކޮންސުލް އަށް ޝާހިދު ދެއްވި އެވެ.
ފަލަސްތީނުން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅުއްވާފައި މިވަނީ އެ ގައުމުގެ ބިންތަކަށް ވެރިވަގަނެފައިވާ އިޒްރޭލުގެ ދައުލަތުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ވޭތުވެދިޔަ 75 އަހަރު ހިންގަމުންދިޔަ ގަތުލުއާންމު ވަރުގަދަކޮށްފައިވާ ވަގުތެއްގަ އެވެ.
އެގޮތުން މި މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް މިހާތަނަށް ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރި އަދި ގާޒާގައި ފަލަސްތީނުގެ 6،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި 2،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ހަމަލާތަކުގެ އިތުރުން، އިޒްރޭލުން ވަނީ ގާޒާއަށް ދެމުންދިޔަ ފެނާއި ކަރަންޓު ކަނޑާލާ އެހީ ލިބޭނެ މަގުތައް އެކީހެން ބަންދުކޮށްފަ އެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ގާޒާއަށް އިންސާނީ އެހީ ހިފައިގެން މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް ވަދެފައިވަނީ 100 އަށްވުރެ މަދު އުޅަނދެވެ. އެއީ އާއްމު ހާލަތުގައި ދުވާލަކު ގާޒާއަށް ލިބޭ އެހީއަށްވުރެ މަދު އަދަދެކެވެ.
އެކި ޖަމާއަތްތައް މެދުވެރިވެގެން ދިވެހިންވެސް ވަނީ މި ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ގާޒާއަށް އެތައް މިލިއަން ރުފިޔާއެއްގެ އެހީ ފޮނުވާފަ އެވެ. ނަމަވެސް އިޒްރޭލުގެ އިންޒާރުތަކާއެކު ރަފާހުގައި އޮތް އެހީގެ ގިނަ ގާފިލާތައް ވަނީ މަޑުޖެހި ތޮއްޖެހިފަ އެވެ.













