ބަދަލުވާ ކޮންމެ ވެރިކަމަކާއެކު ވުޒާރާތަކާއި އިދާރާތަކުން އެތައް ބަޔަކަށް ސިޔާސީ މަގާމުތައް ދެ އެވެ. އެފަދަ ވަޒީފާތައް ދެނީ މީހާގެ ފެންވަރަށް ބަލައިގެންނެއް ނޫނެވެ. ވެރިކަމަށް އަންނަ ޕާޓީގައި މީހާގެ ހައިބަތާއި، ކެމްޕޭނުތަކުގައި ހަރަކާތްތެރި މިންވަރަށް ބަލައިގެންނެވެ.
އެފަދަ މަގާމުތައް ބަހާ ގޮތާ މެދު ގިނަ ބަޔަކު ޝަކުވާ ކުރާއިރު، މުއައްސަސާތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތައް ދެނީ ހައްގުވާ މީހުންނަށްތޯ ބެލުމުގެ ޝައުގުވެރިކަން ބޮޑެވެ. އެއީ އެފަދަ ވަޒީފާތަކަކީ ތައުލީމާއި، ތަޖުރިބާއަށް ބަލައި ހަމަހަމަކަމާ އިންސާފުގެ މަގުން ދޭން ޖެހޭ ވަޒީފާތަކެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެދާނެ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާއެކު އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ހަމައެއް ނެތި އެތައް ބަޔަކަށް ވަޒީފާތައް ބަހާލުމެވެ. އެކަމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް އޮތް ނަމަވެސް ފޫނުބެދޭހާ ގެއްލުން ބޮޑު ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަޒީފާތައް ދީފައިވާ މިންވަރު މިމަހުގެ ކުރީކޮޅު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ފެންނަން އެބަ އޮތެވެ.
ޕީސީބީގެ ރިޕޯޓުން ދައްކާ ގޮތުން 2018 ވަނަ އަހަރު ނިމިގެން ދިޔަ އިރު ކުންފުނިތަކުގައި ތިބީ 18,676 މުވައްޒަފުންނެވެ. އެ އަދަދު ބޮޑުތަނުން އިތުރުވެ މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް 32،576 މުވައްޒަފުން ތިބި ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.
ބަލަންޖެހޭ މައްސަލައެއް، ސަރުކާރަށް ބޮޑު ބުރައެއް
މިހާރު އޮތް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނަ ކުންފުންޏަކީ ފެނަކަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް އެކުންފުނީގައި 7,379 މުވައްޒަފުން ތިބި އިރު އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓު އިތުރުވުމެކެވެ. ދެހާސް އަށާރަ ވަނަ އަހަރު އެކުންފުނީގައި ތިބީ ޖުމްލަ 2,756 މުވައްޒަފުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ކުރީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހޭ މައްސަލަ އެވެ.
އެހެންވާން މެދުވެރިވާ އެއް ސަބަބަކީ ވެސް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބުން ކަމަށް އިލްޔާސް ފާހަގަކުރެއްވި އެވެ.
"ސަރުކާރަށް އާމްދަނީގެ ގޮތުގައި މަހަކު މި ލިބެނީ ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ. އެކަމަކު ސަރުކާރުގެ ޕޭޗެކަށް އެބަ އަރާ 1.4 ބިލިއަން ރުފިޔާ ވަރު. އޭގެ އިތުރުން ކުންފުނިތަކުގައި ގިނަ މީހުން ތިބީމަ ދެކޮޅު ނުޖެހޭތީ ކޮންމެ މަހަކު ކުންފުންޏަށް އެބަ ޖެހޭ ފައިސާ ދޭން،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސްގެ ވާހަކައަށް ބާރުދެއްވައި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވެސް ވިދާޅުވީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކީ އެކަށީގެންވާ އާމްދަނީ ލިބޭ ކުންފުނިތަކަށް ނުވާތީ، އެއްފަހަރާ ގިނަ ބަޔަކަށް ވަޒީފާ ދިނުމުން ގެއްލުން ބޮޑުވާނެ ކަމަށެވެ.
"ސަރުކާރުގެ ވަކި ސިޔާސީ އެޖެންޑާއެއް ހާސިލްކުރުމަށް މިގޮތަށް ވަޒީފާ ދިނުމަކީ ކުންފުނިތަކަށް ވަރަށް ގެއްލުން ބޮޑު ކަމެއް. ސަބްސިޑައިޒް ކުރަން ޖެހުމަކީ ގައުމުގެ އިގްތިސާދަށް، ރައްޔިތުންނަށް ލިބެން ހުރި އެހެން ހިދުމަތްތަކަށް ފުށޫއަރާ ކަމެއް،" ހަލީލް ވިދާޅުވި އެވެ.
މިފަދަ ވަޒީފާތައް އާންމުކޮށް ދެމުން އަންނަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުނިތަކަކުން ކަމަށާއި އެކަން އެގޮތަށް ކުރާނަމަ ދައުލަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި މިހުރީ ގާތްގަނޑަކަށް ދޮޅު ގުނަ އިތުރުވެފަ މުވައްޒަފުންގެ އަދަދު. އެއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް. މިކަން މި ފާހަގަ ކުރެވެނީވެސް ރާއްޖޭގެ އެކި އެކި ދިމަދިމާއަށް އަސާސީ ހިދުމަތް ދިނުމަށްޓަކާ އުފައްދާފައި ހުރި ކުންފުނިތަކުން،" އޭނާ ވިދާޅުވި އެވެ.
މަސައްކަތްތެރިކަން ދަށްވުން
ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ، އެމީހުންގެ ފަރާތުން ކުންފުންޏަށާއި ރައްޔިތުންނަށް ހިދުމަތެއް ލިބުމުގެ ބަދަލުގައި އަދާކުރާނެ ވަޒީފާގެ ޒިންމާތަކެއް ނޯންނަ ބަޔެކެވެ. އެމީހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ހާޒިރީ ފުރިހަމަކުރުން ކަމަށް އޮންނަނީ ވެފަ އެވެ.
"މިރަށު ފެނަކަ އޮފީހުގައި މަސައްކަތް ކުރާ ބައެއް މީހުން ހަމައެކަނި ގޮސް ފިންގާ ޖާހާލާފައި ދެން އުޅެނީ އުޅޭނެތާކު. ކުޑަ އިންޖީނުގެއެއް ހިންގަން އެބަ ތިބި 40 އަށްވުރެ ގިނަ މުވައްޒަފުން. އޭގެ ތެރެއިން ގިނައީ މަސައްކަތެއް ކުރަން ނޯންނަ މީހުން،" ކުޑަ އާބާދީއެއް އޮންނަ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހަކު ބުންޏެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީ ގަބޫލުފުޅު ކުރައްވާ ގޮތުގައި، ބޭނުންވާ އަދަދަށްވުރެ އިތުރަށް ވަޒީފާ ދިނުމަކީ ގޯހެކެވެ. ވަޒީފާ ދިނުމުގެ އުސޫލު ވެސް އޮންނަނީ އެފަދައިން ކަމަށް މަހުމޫދު ފާހަގަކުރެއްވި އެވެ.
"އެތަނަކަށް ބޭނުންވާ މުވައްޒަފުންނަށް ވުރެ އިތުރު އަދަދަކަށް އަސްލުގައި ވަޒީފާ ދީގެން ނުވާނެ. އަދި ޒިންމާ އަދާ ނުކުރާކަމަށް ވަންޏާ ވަޒީފާއިން ވަކިކުރަން ވެސް ޖެހޭ. އޭގެ އެންމެ މުހިންމު ކަމަކީ ވަޒީފާއަށް ގާބިލު މީހުންނަށް ވަޒީފާ ދިނުމާއި، ބޭނުންވާ އަދަދަށްވުރެ އިތުރަށް ވަޒީފާތައް ނުދިނުން،" މަހުމޫދު ވިދާޅުވި އެވެ.
މަހުމޫދުގެ ވާހަކައަށް ބާރުދެއްވައި ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ވެސް ފާހަގަކުރެއްވި އެއް ކަމަކީ ވަޒީފާގައި އަދާކުރާނެ ޒިންމާތައް ނޯންނަ ބަޔަކު ގިނަވަމުން ދިޔުމެވެ.
"އަޅުގަނޑުމެން ގޮސް ބަލާއިރު ފެންނަނީ 12 މީހުން ހިންގަން އޮންނަ އިންޖީނުގެއަށް އެބަ އޮވޭ 70 މީހުން 80 މީހުން ނަގާފަ. އެއީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭ ކަމެއް ނޫން. ސަރުކާރުގެ 100 ޕަސެންޓު ކުންފުނިތަކަށް ލިބޭ އެއްޗަކުން ގިނަ ފަހަރު ދެކޮޅު ނުޖެހޭ. ކޮންމެ މަހަކު ސަބްސިޑައިޒް ކޮށްގެން ކުންފުނި ހިންގަނީ،" އިލްޔާސް ވިދާޅުވި އެވެ.
އަމިއްލަ ވިޔަފާރިތަކާއި މަސްވެރިކަން ބަލިކަށިވުމުގެ އަސްލު
ދާދި ފަހަކާ ޖެހެންދެން ދިވެހި އިގްތިސާދަށް އެންމެ ބޮޑު މަންފާއެއް ލިބެމުން އައީ މަސްވެރިކަމުންނެވެ. ނަމަވެސް ނަވާރަސްތޭކައިގެ ފަހުކޮޅުން ފެށިގެން ޓޫރިޒަމް ފުޅާވެ އެންމެ ނަފާވާ ސިނާއަތަކަށް ޓޫރިޒަމް ވެގެން ދިޔަ އެވެ.
ރާއްޖޭގެ ވަޒީފާ އަދާކުރާ އާބާދީގެ ބޮޑު ބައެއް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރި ނަމަވެސް، މަސްވެރިކަން ފުޅާ ރަށްތައް މަދެއް ނޫނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކެމްޕޭނަށް އަތޮޅުތެރޭގެ ގިނަ ރައްތަކަށް ވަޑައިގެންނެވި އިލްޔާސް ވިދާޅުވީ، ކުރިއާ އަޅާ ބަލާއިރު ރާއްޖޭގައި މަސްވެރިކަމަށް އޮންނަ ތަރުހީބު ވަރަށް ބޮޑަށް ކުޑަވެއްޖެ ކަމަށެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ އިގްތިސާދަށް އެންމެ ނަފާވާ ސިނާއަތްތަކުގެ ދެވަނައިގައި މަސްވެރިކަން އޮތް އޮތުން މިހާރު ބަދަލުވެފައި ވާތީ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މި ފަސް އަހަރު ތެރޭގައި ފެނަކައަށް ފަސްހާސް މުވައްޒަފުން ވައްދައިފި. އެ ފަސްހާސް މުވައްޒަފުންގެ ތެރޭގައި ގިނައީ މަސްވެރިކަންކުރި މީހުންނާއި، އެހެން އަމިއްލަ މަސައްކަތްތައް ކުރި މީހުން. [މިގޮތަށް ވަޒީފާ ދިނީމަ] މަސްވެރިކަމަށް ދާނެ މީހަކު ނުވޭ," އިލްޔާސް ވިދާޅުވި އެވެ.
ލ. އަތޮޅުގައި މަސްވެރިކަން ކުރި ދޯންޏެއްގެ އޮޑިވެރިއެއްކަމަށްވާ މުހައްމަދު، 48، ގެ ވެސް ހުރީ މި ޝަކުވާތަކެވެ. ކުރިން ދޯނީގައި މަހަށް ދާނެ މީހުން ގިނަ ނަމަވެސް، މިދިޔަ ދެ އަހަރު ތެރޭގައި މީހުން ވަރަށް ބޮޑަށް މަދުވި އެވެ. އޭގެ ގިނަ ބަޔަކު ތިބީ އެކި ވަޒީފާތަކުގައި ކަމަށް ވެސް އޭނާ ބުނެ އެވެ.
"މިހާރަކު މަސްވެރިކަން ކުރާނެ މާ ގިނަ ބަޔަކު ނެތް. ދިހަވަރަކަށް މީހުން ދާން ތިބި އިރު، މަހަށް ދާނެ މީހަކު ނެތި، ނުފުރޭ ދުވަސްތައް ގިނަވާނީ. ދޯނި އެހެން ބަޔަކަށް ވިއްކާލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އެއީ،" މުހައްމަދު ހިއްސާކުރި އެވެ.
ހަމައެއް ނެތި އެއްފަހަރާ ގިނަ ބަޔަކަށް ވަޒީފާތައް ދިނުމަކީ، ދައުލަތުގެ ހަރަދު އިތުރުވެ ވަޒީފާ އަދާކުރާ މީހުންގެ މަސައްކަތްތެރިކަން ދަށްވާ ކަމެކެވެ. ދައުލަތަށް ކޮންމެ މަހަކު ލިބޭ އާމްދަނީއާ އެއްހަމަ އަދަދަކަށް މުވައްޒަފުންނަށް މުސާރަ ދޭން ޖެހުމަކީ މާލީ ބުރައެކެވެ. މިކަން ބަދަލުކޮށްގެން މެނުވީ އިގްތިސާދު ދާނީ ފަހަތަށެވެ. މަސްވެރިކަން ފަދަ މުހިންމު ދާއިރާތަށް ކުރިއެރުން އޮންނާނީ މަޑުޖެހިފަ އެވެ.












