މި މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ހަމަލާ ދިނުމަށް ފަހު ރަހީނުކުރި މީހުންގެ ތެރެއިން އެމެރިކާގެ ދެ ރައްޔިތަކު ރޭ ދޫކޮށްލައި، އިތުރު މީހުން މިނިވަން ކުރުމުގެ އިޝާރާތެއް ކޮށްފި އެވެ.
މިނިވަންކުރި ދެމައިންނަކީ އިޒްރޭލަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅޭނިކޮށް އޮކްޓޯބަރު 7 ވަނަ ދުވަހު، ހަމާސްއިން އަތުލައިގަތް ޖުޑިތު ރާނަން، 59 އާއި އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅު ނަތާލީ ރާނަން އެވެ.
އެ ދެ މީހުން ދޫކޮށްލުމުން، ރައީސް ޖޯ ބައިޑަން ވިދާޅުވީ އެއީ އުފާވެރި ހަބަރެއް ކަމަށެވެ.
އާއިލާއިން ބުނެފައި ވަނީ ޖުޑިތު އާއި ނަތާލީގެ ހާލު ރަނގަޅު ކަމަށެވެ.

ޖުޑިތު އާއި ނަތާލީ

ހަމާސްއިން ބުނީ ގަތަރާއި މިސްރާ ގުޅިގެން އިތުރު މީހުން މިނިވަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ދެ މީހަކު މިނިވަންކޮށް އިތުރު މީހުން މިނިވަން ކުރާނެ ކަމުގެ އިޝާރާތެއް މިކުރީ ފަލަސްތީނަށް އެހީ ގެންދިޔުމުގެ ދޮރުތައް ބަންދުކޮށްފައި ވަނިކޮށް، އެކަމަށް މަގުފަހި ކުރުމަށް ކަމަށް ބެލެވެ އެވެ.
އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 4،137 މީހުން ވަނީ ޝަހީދުވެފައި ކަމަށެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެ އެެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ހަމަލާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންނާ ގުޅޭ ގޮތުން އޮފިޝަލުންނަށް 1،400 އިންކުއަރީ ލިބިފައިވާއިރު އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމްވެގެން 13،260 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ހަމާސްއިން ދޭ ހަމަލާތަކުގައި އިޒްރޭލުގެ 1400 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލު ސިފައިން ބުނެ އެވެ. އަދި 200 އަށް ވުރެ ގިނަ މީހުން ހަމާސްއިން ވަނީ ރަހީނުކޮށްފަ އެވެ.












