މުހިންމު މައްސަލަތަކާއި ގަރާރުތައް ނިމިގެން ދަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްލުމާއި އެ ވާހަކަ ނޫހުގެ ސުރުހީއަށް އެރުމާ ހަމައިންނެވެ.
ސަބަބަކީ މިއެވެ. މަޖިލީހުގެ ގަވާއިދުގައި ގަރާރަކުން ކުރާ ހަމަ އެކަނި ކަމަކީ މެމްބަރުން ދެކޭ ގޮތް ހާމަ ކުރުމެވެ. މައްސަލަ އާއި ގަރާރު ފާސްކުރި ނަމަވެސް، އަމަލު ކުރަންް ސަރުކާރަށް ލާޒިމު ކަމަކަށް ނުވެ އެވެ.
ކަން މިހެން އޮތަސް އިއްޔެ ފާސްކުރީ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު މައްސަލައަކާ ގުޅޭ ގަރާރެކެވެ. ދަރިމައިނުވުމުގެ މައްސަލަ އިތުރުވާތީ އެކަމަށް ބޭސްފަރުވާގެ ފުރުސަތު ފުޅާކޮށް، ފަސޭހަ ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ގަރާރެއް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި އަހަރުގެ އޭޕްރީލް މަހު އިޖުތިމާއީ ކޮމިޓީން ގަރާރު ފާސްކުރި ނަމަވެސް، މަޖިލީހުގެ ތަޅުމާ ހަމައަށް ރިޔާސަތުން ގަރާރު ގެންގޮސް، ފާސްކުރީ އިއްޔެ އެވެ.
ދަރިމައިނުވުމުގެ މައްސަލަ
ބޯހިމެނުންތަކުން ދައްކާ ގޮތުން ދިވެހި އަންހެނުން ދަރިމައިވުމުގެ ނިސްބަތް ހުރީ އާބާދީގެ ދެމެހެއްޓޭ މިންވަރަށް ވުރެ ދަށުގަ އެވެ. އާބާދީ ދެމެހެއްޓޭނެ މިންވަރެއްގެ ގޮތުގައި ބަލަނީ ވިހާ އުމުރުގެ ކޮންމެ އަންހެނަކަށް އެވްރެޖުކޮށް 2.1 ކުދިން ތިބުމެވެ. 1990 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ވިހާ އުމުރުގެ ކޮންމެ ދިވެހި އަންހެނަކު 6.4 ކުދިން ތިބި ނަމަވެސް، މިހާރު އެ މިންވަރު ވަނީ 1.7 އަށް ދަށްވެފަ އެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެކެވެ.
ދިވެހި އަންހެނުން ކުދިން ހޯދާ ނިސްބަތް
- 1990 – 6.4 ކުދިން
- 2000 – 2.4 ކުދިން
- 2006 – 2.2 ކުދިން
- 2004 – 2.4 ކުދިން
- 2022 – 1.7 ކުދިން
މީކާއީލްގެ ގަރާރާ ގުޅިގެން އިޖުތިމާއީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އައިޖީއެމްއެޗް ހޮސްޕިޓަލާ ހަވާލާދީ ބުނެފައި ވަނީ ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް އަންނަ 10 ނުވަތަ 15 މީހުންގެ ތެރެއިން އެކަކީ ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ހޯދާ ފަރާތްތަކެއް ކަމަށެވެ.
މި މައްސަލަ ބޮޑުވަމުން ދާއިރު، ވޭތުވެ މިދާ ތިން ދަހަރުގައި އާބާދީ އިތުރުވާ ނިސްބަތް ވެސް ވަނީ ވެއްޓިފަ އެވެ. އާބާދީ އިތުރުވާ މިންވަރު 1990 ގައި 3.43 ޕަސެންޓުގައި ހުރިއިރު، 2014 ގެ ބޯހިމެނުމުން ދެއްކީ އެ ނިސްބަތް 1.65 އަށް ވެއްޓިފައިވާ ކަމަށެވެ. އޭގެ އަށް އަހަރު ފަހުން، 2022 އަހަރު ބޯހިމެނިއިރު، ދިވެހިންގެ އާބާދީ އެވްރެޖުކޮށް އަހަރަކު އިތުރުވެފައި ވަނީ 1.5 ޕަސެންޓުގަ އެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެކެވެ.
އާބާދީ އިތުރުވާ ނިސްބަތް
- 1995 – 2.73 ޕަސެންޓު
- 2000 – 1.96 ޕަސެންޓު
- 2006 – 1.69 ޕަސެންޓު
- 2014 – 1.65 ޕަސެންޓު
- 2022 – 1.5 ޕަސެންޓު
މީކާއީލްގެ ގަރާރާ ގުޅިގެން އިޖުތިމާއީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އާސަންދަ ކުންފުންޏާ ހަވާލާދީ ބުނެފައި ވަނީ އާބާދީ މިހާރު ހުރި މިންވަރުގައި ނުހިފެހެއްޓިއްޖެ ނަމަ 2045 ވަނަ އަހަރު ނުވަތަ 2050 ވަނަ އަހަރާ ހަމައަށް ދާއިރު އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އުމުރުން ދުވަސްވީ މީހުން ގިނަވެ، މުޅި ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ވެސް އާސަންދައިން ލަފާކުރެ އެވެ.
ފަރުވާގެ ނިޒާމު ހަރުދަނާ ކުރުން
ދަރިމައިނުވުމުގެ މައްސަލަ އަށް ދާދި ފަހަކާ ޖެހެންދެން ރާއްޖޭން ފަރުވާތަކެއް ނުލިބެ އެވެ. އަދިވެސް ގިނަ ބަޔަކު ދަނީ އަމިއްލަ ގޮތުން ރާއްޖޭން ބޭރަށެވެ. މިހާރު ވެސް ސަރުކާރުގެ ހޮސްޕިޓަލްތަކުން ފަރުވާ ނުލިބެ އެވެ. ނަމަވެސް އަމިއްލަ ހޮސްޕިޓަލަކުން ދާދި ފަހުން ވަނީ ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ދޭން ފަށައިފަ އެވެ. ނަމަވެސް އެ ފަރުވާ އާސައިދައިން ކަވަރެއް ނުކުރެ އެވެ.
ފެބްރުއަރީ 28، 2015 ގައި ގެޒެޓުކޮށްފައިވާ ހުސްނުވާ އާސަންދަ ސްކީމުގެ ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާގެ ނ. ގައި ދަރިމައިނުވުމާ ގުޅޭ ފަރުވާ އާސަންދަ ސްކީމުން ލިބިނުދެވޭ ހިދުމަތެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.
ދަރިމައިނުވުމުގެ މައްސަލައިގައި ދިވެހި އާބާދީގެ ގިނަ ބަޔަކު ފަރުވާ ފަރުވާ ހޯދަން މަޖުބޫރުވެފައި ވާއިރު، މީކާއީލް ގަރާރު ހުށަހެޅުއްވީ އެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެގޮތުން މަޖިލީހުގެ އިއްޔެ ފާސްކުރި ގަރާރުގައި މައިގަނޑު ތިން ކަމެއް ހިމެނެ އެވެ. އެއީ ދަރިމައިނުވާ ސަބަބުތަކާ ގުޅޭ ގައުމީ ދިރާސާއެއް ހެދުމާއި ދަރިމައިނުވުމުގެ މައްސަލަ އަށް ދެވޭ ފަރުވާ އާސަންދައިގައި ހިމެނުން އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލުތަކުން، ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ދަރިމައިވުމުގެ ނިސްބަތް ދަށްވެ، އާބާދީ އިތުރުވާ މިންވަރު ވެސް ދަށްވަމުން ދާއިރު، ގައުމީ ފެންވަރެއްގައި މަޝްވަރާކޮށް މިކަމަށް ހައްލެއް ހޯދަންޖެހެ އެވެ.












