ރިޕޯޓުއޭޓީސީގެ އާ ކުންފުނި، މަގުސަދު ހާސިލުނުވާ ޕޭޕާ ކުންފުންޏަކަށް!

އޭޓީސީގެ އާ ކުންފުނި، މަގުސަދު ހާސިލުނުވާ ޕޭޕާ ކުންފުންޏަކަށް!

"އަޅުގަނޑުމެންނަށް އެނގުނީ މީޑިއާއިން. މީޑިއާ އިން ފެނިގެން އަޅުގަނޑުމެން އެބޭފުޅުންނާ ބައްދަލުކޮށް އެ މައުލޫމާތުތައް މިހާރު ވާނީ ހޯދާފަ. ކުންފުނީގެ ހިންގާ ގަވާއިދު ޕީސީބީ އިން މި ދަނީ ރިވިއުކުރަމުން. ކުންފުންޏަށް ބޭނުންވާ ހުއްދަތައް ސިވިލް އޭވިއޭޝަނުން ވެސް ވަނީ ދީފަ."

އޭޓީސީގެ އާ ކުންފުނި، މަގުސަދު ހާސިލުނުވާ ޕޭޕާ ކުންފުންޏަކަށް!

ޗިކާގޯ ކޮންވެންޝަންގައިވާ ގޮތަށް ރާއްޖޭގެ އެއާ ޓްރެފިކް ހިދުމަތުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގައި އެ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ދާދި ފަހުން އާ ކުންފުންޏެއް އުފައްދައި އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ގެ ހުރިހާ ޒިންމާއެއް އެ ކުންފުންޏަށް ބަދަލުކޮށްފަ އެވެ.

"މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން މި އާ ކުންފުނި އުފެއްދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއޭލް) ގެ ސަބްސިޑަރީއެއް ގޮތުގަ އެވެެ.

އިކޮނޮމިކް މިނިސްޓްރީގައި ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު 25، ގަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް އެހާ ވަގުތު ކުޑަތަންވެފައި އޮއްވާ އުފެއްދި މި ކުންފުނާ ގުޅޭ ގޮތުން އޭޓީސީ ދާއިރާގައި ގިނަ ދުވަސްވީ މުވައްޒަފުންނާ ދާއިރާގެ ބައެއް ފަންނީ ތަޖުރިބާކާރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކުންފުނި އުފެއްދި މަގުސަދު އޮތީ އޮޅިފަ އެވެ. އޭޓީސީގެ އާ ކުންފުނި އުފައްދާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އަވަސް އަރުވާލައިގެން ސީދާ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް އޭޓީސީ ކުންފުނީގެ ބައެއް މުވައްޒަފުން ތުހުމަތު ކުރެ އެވެ.

"ސިޔާސީ ނުފޫޒުން ވަކިބަޔަކަށް މަންފާ ހޯދައިދޭން އުފެއްދި ކުންފުންޏެއް"

ރާއްޖޭގެ އެއާ ޓްރެފިކް ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފަކު ބުނި ގޮތުގައި އާ ކުންފުނި އުފެއްދުމުގެ ފަހަތުގައި އޮތީ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަނެވެ. ސަރުކާރުން މި ކުންފުނި އުފެއްދީ އެއްވެސް ވަރަކަށް އެސެސްމެންޓެއް އަދި ސްޓަޑީއެއް ވެސް ނުހަދައި ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ބުންޏެވެ.

"ކުންފުނި އުފައްދާފަ އެތަން ހިންގަން ހަވާލުކުރީ އެހާ އެކްސްޕީރިއަންސް ހުރި ބޭފުޅަކާ އެއްވެސް ނޫން. އޭބޭފުޅުން އިސްކޮށް ތިބެގެން ގޮސް ސިޔާސީ މަންފާއެއްގައި ކުންފުނި އުފައްދަން އެދުނީ. ވަކި ބަޔަކު މެނޭޖްމަންޓުގައި ތިބެން،" ވަޒީފާއަށް އަަސަރެއްކޮށްފާނެތީ ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

އެގޮތަށް ގަބޫލު ކުރެވޭ ސަބަބުގެ އިތުރު ތަފުސީލު ވެސް އޭނާ ހިއްސާ ކުރި އެވެ.

"އޭގެ ހެއްކަކީ ކުންފުނި އުފައްދަން ނިންމި އިރު އެއާ ޓްރެފިކް ކޮންޓްރޯލް، އިންޖިނިއަރިން ދެން އެރޯނޯޓިކަލް އިންފޮމޭޝަން، މި ތިން ސެކްޝަންގެ ހެޑުން ބައިވެރި ނުކޮށް މާ އެތެރެ އެތެރެއިން ލާފަ ދިޔައީ. މާ އެކްސްޕީއަރަންސް ބޭފުޅުން ތިއްބާ ކުންފުނީގައި އެ ބޭފުޅުން ބައިވެރިވެސް ނުކުރަން މަސައްކަތް ކުރި. ކުންފުނީގެ ބޯޑުގަ ވެސް އެމީހުން ނުހިމަނާ،" އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުން މި ކުންފުނި އުފެއްދީ ރިޔާސީ އިންތިހާބު ދުވަސްވަރު އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަނުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކަކާ ގުޅިގެންނެވެ.

"ތަންކޮޅެއް ޖޫނިއާ ސްޓާފުންތަކެއް ބޭނުންވީ މި ސަރަހައްދުގެ ގައުމުތަކާ އެއްވަރަށް މުސާރަ ގެންނަން. ސިންގަޕޫރާ، މިޑްލް އީސްޓާ މިތަންތަނާ އެއްވަރަށް މުސާރަ ބޮޑުކުރަން. އެމްއޭސީއެލްގެ ތެރޭގަ އޮވެގެން އެކަން ވާކަށް ނެތް. އެކަމަކު އަޅުގަނޑުމެން ކަންބޮޑުވަނީ ސިޔާސީ ކަންތައްގަނޑެއްގެ ތެރެއިން ކުންފުނި އުފެއްދީމަ. ސްޓަޑީއެއް ނަހަދާ އެއްވެސް ވަރަކަށް،" އޭނާ ބުންޏެވެ.

ބޮޑު ކުންފުންޏަކުން ކުޑަ ކުންފުންޏަކަށް، މުސާރަ ބޮޑުނުވާ މުވައްޒަފުންނަށް އޮތީ ގެއްލުން!

ވައިގެ ދަތުރުތައް މިހާތަނަށް މެނޭޖްކުރަމުން ދިޔައީ އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގެ ދަށުން، އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު އަދި ކޮންޓްރޯލް ޓަވަރުންނެވެ. އެތަނުގެ މުވައްޒަފުންނަކީ ސީދާ އެމްއޭސީއެލްގެ މުވައްޒަފުންނަށް ވާއިރު އެކުންފުނީގެ ހުރިހާ ސްޓާފް ބެނެފިޓެއް ވެސް އެ މުވައްޒަފުންނަށް އޭރު ލިބެ އެވެ.

ނަމަވެސް އާ ކުންފުންޏާއެކު އެ ބެނެފިޓްތައް ކެނޑިގެންދާއިރު މުސާރަ ބޮޑުވަނީ ހަމައެކަނި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ އެވެ. އެހެން ސެކްޝަންތަކުގެ މުވައްޒަފުންނަށް އޮތީ ގެއްލުމެވެ.

އެގޮތުން އެމްއޭސީއެލް އިން ދޭ އަހަރީ ބޯނަސް އާއި މުސާރައިގެ އެއްބައި ޑޮލަރުން ދިނުމާއި ސްޓާފް އިންޝުއަރެންސް ފަދަ އެތައް ބެނެފިޓަކުން އާ ކުންފުނީގެ މުވައްޒަފުން މަހުރޫމްވެ އެވެ.

އެއާޓްރެފިކް ކޮންޓްރޯލުގެ އެހެން މުވައްޒަފަކު ބުނިގޮތުގައި އާ ކުންފުންޏާއެކު އެއާ ޓްރެފިކް ކޮންޓްރޯލުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ އެ މުވައްޒަފުންގެ ރޭޓިން އަށް ބަލާފަ އެވެ. ނަމަވެސް އެ ރޭޓިން ލިބެނީ ހަމަ އެކަނި އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެހެން ސެކްޝަންތަކުގެ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާދެ އެވެ.

"ހަތަރު ރޭޓިން ހޯލްޑް ކުރާ މުވައްޒަފެއްގެ ރޭޓިން އަށް އެކަނި ވިއްސަކަށް ހާސް ރުފިޔާ ލިބޭނެ. އެއާ ޓްރެފިކް ސެންޓަރުގެ ތިބޭ ގިނަ ކުދިންނަކީ ހަތަރު ރޭޓިން ހޯލްޑް ކުރާ ކުދިން. އެވްރެޖްކޮށް އެ ސެންޓަރުގެ ސީނިއާ ލެވެލްގެ މުވައްޒަފަކަަށް 50،000ރ. އިން މަތިން މުސާރަ ލިބޭނެ،" އޭނާ ބުންޏެވެ.

ކުންފުނި ހިންގުމަށް ދެކޮޅު ނުޖެހޭ ވަރުގެ ބޮޑު ހަރަދެއް!

އެއާޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފައްދާފައިވާއިރު އެ ކުންފުންޏަށް އާމްދަނީ ހޯދަން އޮތީ އެންމެ މަގެކެވެ. އެއީ އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތް ފޯރުކޮށްދިނުމުން އެއާލައިންތަކުން ދައްކަންޖެހޭ ފައިސާ އެވެ.

ސީޕްލޭނެއްގެ ކޮންމެ ލޭންޑިން އަދި ޓޭކް އޮފް އަކަށް ޗާޖުކުރަނީ 12.5 ޑޮލަރެވެ. ޑޮމެސްޓިކް އެއާޕޯޓުތަކަށް ކުރާ ކޮންމެ ލޭންޑިން އެއް އަދި ޓޭކްއޮފަކަށް ޗާޖުކުރަނީ 25.5 ޑޮލަރެވެ. އަދި އެމްއޭސީއެލް އަށް އަންނަ އެއާލައިންތަކުން ވެސް އެއާ ނެވިގޭޝަން ފީއެއް ޗާޖުކުރެ އެވެ.

އޭޓީސީގައި ކުރީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމީދު ވިދާޅުވި ގޮތުގައި ކުންފުނީގެ ޕޭ ސްޓްރަކްޗާއާ އެއްގޮތައް މުވައްޒަފުންގެ މުސާރައަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު ކުންފުންޏަށް ލިބޭ އާމްދަނީން ދެކޮޅެއް ނުޖެހޭނެ އެވެ.

މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން އެމްއޭސީއެލްގެ ދަށުން އެއާ ޓްރެފިކް ސެކްޝަން ވަކިކުރުމުން އެ ހިދުމަތައް ބޭނުންކުރާ ހުރިހާ އެސެޓަކާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު ފަދަ ތަންތަނުގެ މެއިންޓެނަންސް އާއި ކަރަންޓު ބިލުތަކާއި އެހެނިހެން ކެޕިޓަލް ހަރަދުތަކަށް ވެސް އެ ކުންފުނިން ޒިންމާ ވާންޖެހޭ އިރު މުވައްޒަފުންގެ ތަމްރީނުތަކާއި އޭޓީސީ ހިދުމަތައް ބޭނުންކުރާ އިކުއިޕްމަންޓް ހޯދުމާއި މެއިންޓެއިން ކުރުމުގެ ހޭދަ ވެސް އެ ކުންފުނިން ކުރަންޖެހޭނެ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެއާ ޓްރެފިކް ހިދުމަތައް ވަކި ކުންފުންޏެއް އުފައްދަން އެމްއޭސީއެލް އިން ފުރަތަމަ ނިންމީ 2010 ވަނަ އަހަރެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ކުންފުންޏާ ބެހޭ ހުރިހާ ޑޮކިއުމަންޓެއް ވެސް ތައްޔާރުކޮށްފައި ހުއްޓާ އެކަން ހުއްޓުވާލީ ފިނޭންސް މިނިސްޓްރީ އިންނެވެ.

"ފިނޭންސް މިނިސްޓްރީން އެންގީ މާލީ ވަރަށް ބޮޑު ބުރައަކަށް ވާނެއޭ، އެހެންވެ ހުއްޓާލީ. ލިބޭ އާމްދަނީއަކުން ސަސްޓެއިން ނުކުރެވެންޏާ ކިހިނެންތޯ ކުންފުނި އުފައްދައިގެން ހިންގާނީ،" ހަމީދު ވިދާޅުވި އެވެ.

ކުންފުނި އުފެއްދިކަން ޕީސީބީއަށް ވެސް އެގުނީ ހަބަރުތަކުން

ސަރުކާރުގެ ހިއްސާ އޮންނަ ގޮތައް ކުންފުންޏެއްް އުފައްދާ ނަމަ، ނުވަތަ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏެއްގެ ދަށުން ސަބްސިޑަރީ ކުންފުންޏެއް އުފައްދާ ނަމަވެސް އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގަން ޖެހެ އެވެ.

އެ ކުންފުންޏެއްގެ ހިންގާ ގަވާއިދާއި ކުންފުނީގެ އެހެން މައުލޫމާތު އެ ބޯޑާ ހިއްސާ ކުރަންޖެހެ އެވެ. އަދި ކުންފުންޏެއްގެ މެންޑޭޓެއް ބޮޑު ބަދަލެއް އަންނަ ނަމަ ކޯޕަރޭޓް ގަވަނަންސް ކޯޑުން އެކަމަށް ހުއްދަ ވެސް ނަގަންޖެހެ އެވެ.

ޕީސީބީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޔަމީން ވިދާޅުވި ގޮތުގައި އޭޓީސީގެ އާ ކުންފުންޏެއް އުފެއްދިކަން އެ ބޯޑަށް އެގުނީ ނޫސްތަކުގައި އެ ވާހަކަ ޖެހުމުންނެވެ.

"އަޅުގަނޑުމެންނަށް އެނގުނީ މީޑިއާއިން. މީޑިއާ އިން ފެނިގެން އަޅުގަނޑުމެން އެބޭފުޅުންނާ ބައްދަލުކޮށް އެ މައުލޫމާތުތައް މިހާރު ވާނީ ހޯދާފަ. ކުންފުނީގެ ހިންގާ ގަވާއިދު ޕީސީބީ އިން މި ދަނީ ރިވިއުކުރަމުން. ކުންފުންޏަށް ބޭނުންވާ ހުއްދަތައް ސިވިލް އޭވިއޭޝަނުން ވެސް ވަނީ ދީފަ،" އޭނާ ވިދާޅުވި އެވެ.

އޭޓީސީގެ ކުރީޖެ ޖެނެރަލް މެނޭޖަރު ހަމީދު ފާހަގަކުރެއްވި ގޮތުގައި ކުންފުންޏެއް އުފެއްދުމާ ހަމަޔަށް ދާން ޖެހުނު އެއް ސަބަބަކީ ހިދުމަތުގެ އަގު ވަޒަން ކުރަންޖެހޭ ވަރަށް ނުކުރުވޭތީ އެވެ. ކުންފުނި އުފެއްދި ނަމަވެސް ކުންފުނި އެންމެ ރަނގަޅަށް ހިނގާނީ އެމްއޭސީއެލްގަ ތިބި ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާ ވެސް ހޯދައި، މަސައްކަތަށް ރަނގަޅު ޕްލޭންތަކެއް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގޮންޖެހުންތަކުގެ ތެރޭގައި ވެސް އާ އޭޓީސީ ކުންފުނި އުފެއްދުމުން ފެންނާނެ ރަނގަޅު ނަތީޖާތަކެއް ވެސް އެބަހުރި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެގޮތުން އެ ހިދުމަތައް ވަކި ކުންފުންޏެއް އުފެއްދުމުގެ ސަބަބުން އެ ކުންފުނީގެ މަސައްކަތް ސްޓްރީމްލައިންވެ، ޓްރެފިކް މެނޭޖްމަންޓްގެ އެފިޝަންސީ އިތުރުވެ، ރާއްޖޭގެ ވައިގެ ސަރަޙައްދުގައި މިހާރަށްވުރެ ރައްކާތެރިކަމާއެކު ދަތުރުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ.

އެހެންނަމަވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން ފަދަ ހަރުދަނާ ސްޓްރެޓެޖީތަކެއް ކަނޑައެޅުމަކީ ކަމާބެހޭ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އޭގެ އިތުރުން، އާ ކުންފުނީގެ ވަޔަބިލިޓީއާ މެދު އުފެދިފައިވާ ބިރުވެރިކަން ފިލުވައި، ދިގު މުއްދަތަކަށް އެ ކުންފުނީގެ ކާމިޔާބީ ކަށަވަރު ކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި މާލީ ޕްލޭނެއް އެކުލަވާލަން ޖެހެ އެވެ. ހަރުދަނާ ހިންގުންތެރިކަމެއް ނެތް ނަމަ ސަރުކާރަށް މި ކުންފުނި ވާނީ މާލީ ބޮޑު ބުރައަކަށެވެ. ޕާފޯމް ނުކުރެވި ކުންފުންޏެއް އުފެއްދުމުގެ މަގުސަދު އޮންނާނީ އޮޅިފަ އެވެ.

މުހައްމަދު ޖަމްޝަތު ވަހީދު

ޖާނަލިސްޓް

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox