ދިރާގަށް 35 އަހަރު ފުރުނުއިރު، އެ ކުންފުނި އުފެދުނީއްސުރެ ވަޒީފާގައި އުޅެމުން އަންނަ 22 މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށްފި އެވެ.
ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބުރާސްފަތި ބޭއްވި ހަފުލާގައި އެ މުވައްޒަފުންނަށް ހާއްސަ އެވޯޑެއް ދިނެވެ.
އެ ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަން އިސްމާއީލް ވަހީދުގެ އިތުރުން، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑަޝިޕް ޓީމްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް "ލީޑިން ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާނީ އޮފް ދަ މޯލްޑިވްސް" ވަނީ އިފްތިތާހުކޮށްފަ އެވެ. މި ފޮތް އިފްތިތާހުކޮށް ދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދު އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.
ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުރި މި ފޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ފެންނާނެ އެވެ.











