ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް އިން ދޭ "ސްޓާޓް-އަޕް" ގްރާންޓު ކާމިޔާބު ކުރި އިންސްޓަގްރާމް ބޭކާ "ހައްވަން ކޭކްސް" އިން ބޭކަރީ އެއް ހުޅުވައިފި އެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން މިދިޔަ އަހަރު ތައާރަފްކުރި ހާއްސަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މިއީ އަލަށް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ. ގްރާންޓު ތައާރަފްކޮށް މިދިޔަ އަހަރު ހަތަރު ވިޔަފާރިއެއް ހޮވައި ކޮންމެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާ ބޭންކުން ވަނީ ދީފަ އެވެ.

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓުގެ އެހީގައި މިއަދު ހުޅުވި ބޭކަރީ، "އައިނާސް ބައި ހައްވަން ކޭކްސް" --- ފޮޓޯ: ޝާބިން/އަދަދު
މިއަދު ހުޅުވި "އައިނާސް ބައި ހައްވަން ކޭކްސް" އަކީވެސް އެެ ގްރާންޓު ކާމިޔާބުކޮށް ލިބުނު ފަސް ލައްކަ ރުފިޔާގެ އެހީގައި ހުޅުވި ބޭކަރީ އެކެވެ. ބޭކަރީގެ އޯނަރު ހައްވާ ސޫޒަން އަކީ މީގެ ކުރިންވެސް އިންސްޓްގްރާމް ޕޭޖެއް ހަދައި އޯޑަރުތަކަށް ގޭގައި ކޭކު އަޅައި ދެމުން އައި ފަރާތެކެވެ.
ސޫޒަން ކިޔައިދިން ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ހޮބީއެއްގެ ގޮތުގައި ކޭކު އަޅަމުން އައިސް ފުލްޓައިމް ވިޔަފާރިއެއް ގޮތަށް އޭނާ ކޭކު އެޅުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. އަދި ވިޔަފާރި އިތުރަށް ފުޅާކޮށް އަމިއްލަ ބޭކަރީ އެއް ވުޖޫދަށް ގެނެވުނީ ބޭންކުގެ މި މާލީ އެހީތެރިކަމާއި އާއިލާގެ މިންނެތް އެއްބާރުލުމުން ކަމަށް އޭނާ ބުންޏެވެ.


"އައިނާސް ބައި ހައްވަން ކޭކްސް"ގެ އޯނަރު ސޫޒަން (ވ) އަދި އޭނާގެ އާައިލާގެ މެމްބަރުންތަކެއް ---- ފޮޓޯ: ޝާބިން/އަދަދު
"އަސްލު ބީއެމްއެލް އިން ދޭން ފެށި ގްރާންޓަކީ އަޅުގަނޑުމެން ފަދަ ކުދި ވިޔަފާރިކުރާ ފަރާތްތަކަށް ވަރަށް މުހިންމު އެއްޗެއް. އެ ފަދަ އެހީއަކާ ނުލާ މިހާ ހިސާބަކަށް ނާދެވުނީސް. އަދި އާއިލާގެ އެންމެންގެ އެހީއާ ނުލައި ވެސް މިހިސާބަށް ނާދެވުނީސް. ވަރަށް ބޮޑަށް ބީއެމްއެލްގެ އެހީ އާއި އާއިލާގެ އެއްބާރުލުމަށް ޝުކުރުވެރިވަން." ސޫޒަން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ސްޓާޓަޕް ގްރާންޓަކީ ކޮންމެ އަހަރަކުވެސް ވިޔަފާރިތަކަށް ދެމުންގެންދާނެ ގްރާންޓެކެވެ. އެގޮތުން މި އަހަރުވެސް ގްރާންޓަށް ހުޅުވާލި އެވެ. އަދި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ހޮވާލެވޭ ދެ ވިޔަފާރި ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ބޭންކުން ބުންޏެވެ.












