ފައިސާ ހޯދުމަށްޓަކައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން އެކްސްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުން އަންނަކަމަށެވެ. އެގޮތުން މިއީ ސައްހަ މެސެޖުތަކެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އަދި މިފަދަ މެސެޖު ލިބުނަސް، މެސެޖުގައި ވާ ލިންކަށް ނުފިއްތުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
ސްކޭމް މެސެޖުތަކާއި ކޯލުތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. މި ފަދަ މެސެޖުތަކާއި ކޯލުތަކަށް ހެއްލި ބައެއް ފަހަރު މީހުންނަށް އެކި ވަރުގެ ފައިސާގެ ގެއްލުން ވަނީ މީގެ ކުރިން ލިބިފަ އެވެ.
އެހެންވީމާ، މިފަދަ ގޮތްނޭނގޭ މެސެޖުތަކަށް ސަމާލުވެ، މިހާރު ދައުރުވަމުންދާ މެސެޖުތަކަށް ފަރުވާތެރިވާން ފުލުހުން އިލްތިމާސްކުރެ އެވެ.













