އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުން ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުން, އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ. އެކަމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
އަދުހަމް އިސްތިއުފާ ދެއްވުމުން އެޗްއާރްސީއެމްގައި މިހާރު ތިއްބެވީ ހަތަރު މެންބަރުންނެވެ. އެއީ:
- ރައީސް މަރިޔަމް މުނާ
- މެންބަރު މުއުމިނާ ވަހީދު
- މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު
- މެންބަރު ސަމާއު އަހުމަދު ނަޖީބު
މެންބަރު މުއުމިނާ އާއި ޝިފާއަތު އެ ކޮމިޝަނަށް އައްޔަން ކުރީ 2020, ސެޕްޓެމްބަރު އަށެއްގަ އެވެ. އަދި ރައީސް މުނާ އައްޔަންކުރީ އެ އަހަރު ނޮވެމްބަރު 30ގަ އެވެ. މެންބަރު ސަމާއު އެ ކޮމިޝަނަށް އައްޔަން ކުރީ 2021, އޮކްޓޯބަރު ތިނެއްގަ އެވެ.
އެޗްއާރްސީއެމްގެ މެންބަރުންގެ މުއްދަތަކީ ކޮމިޝަނަށް އައްޔަން ކުރާ ދުވަހުން ފެށިގެން ފަސް އަހަރެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމުން ވަކިކުރާ މީހުން ފިޔަވައި އެހެން މީހުންނަށް އިތުރު އެއްފަހަރު ފަސް އަހަރުގެ މުއްދަތަކަށް ކޮމިޝަނަށް އައްޔަން ކުރެވިދާނެ ކަމަށް ގާނޫނޫގައި އޮވެ އެވެ.














