ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ ރޭ 7:44 ހާއިރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 74 އަހަރު އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، ފަރުވާ ދެނީ އައިސީޔޫގައި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އެކްސިޑެންޓުވި މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު ޗައިނާ އެމްބަސީ ހުންނަ ސަރަހައްދުގައި ކަމަށެވެ. އެކްސިޑެންޓުވީ ކާރަކާއި ސައިކަލެއް ޖެހި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެނގިފައިވާ ގޮތުގައި އެއީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ އެެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.












