ރިޔާސީ އިންތިހާބާ ގުޅޭގޮތުން ހަދާފައި ހުރި ގާނޫނުތަކަށް ޒަމާނާ ގުޅޭ ބަދަލު ގެންނަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.
ރިޔާސީން އިންތިހާބިގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކުރެއްވުމަށް އެ ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކަކީ މީގެ 15 އަހަރު ކުރިން ހެދިފައިވާ ގާނޫނުތަކެއް ކަމަށެވެ. މި ގާނޫނުތަކަށް މުހިންމު އަދި ޒަމާނާ ގުޅޭ ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި އެ ބަދަލުތައް ގެންނަންޖެހޭނީ އިންތިހާބަކާ ކުރިމަތިވެފައި ނެތް ދުވަސްވަރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ގޮތުގައި އެކަމަށްޓަކައި ސިޔާސީ ޕާޓީތަކާއި، އެކަމާ ގުޅުންހުރި މުއައްސަސާތަކާ އެކީގައި އިލެކްޝަން ކޮމިޝަނުން ބައްދަލުވުންތައް ބާއްވައި މަޝްވަރާކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުތަކުގައި ހުރި ބައެއް ކަންކަމާއި ގުޅިގެން ހާއްސަކޮށް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ހުރި ބައެއް ކަންކަން މިހާރު ހުރީ ބައެއް ޤާނޫނުތަކަށް ވަދެފައި. އެހެންވީމަ އެކަމާއި ގުޅިގެން ކުރިން ވޯޓުލާ މީހުން ތަހައްމަލް ކުރަން ނުޖެހޭ ބައެއް ކަހަލަ ކަންކަން އެބަ ތަހައްމަލް ކުރަން ޖެހޭ،" ހަބީބް ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ މިއީ މިނިވަންކަމާއި އަމާންކަމާއެކު ބިރެވުވެރިކަމެއް އަދި ބިރުދެއްކުމެއް ވެސް ނެތި ބޭއްވުނު ވަރަށް ކާމިޔާބު އިންތިހާބެއް ކަމަށެވެ.
އޭގެ އިތުރުން، މީގެ ކުރީގެ އިންތިހާބުތައް ނިމިގެން ދިޔައިރު، އިންތިހާބު ނާކާމިޔާބުވުމުން އެ ކޮމިޝަނާމެދު އެކި ތުހުމަތުތައް ކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހަރު ދެއްކެވީ ޑިމޮކްރަސީގެ ފުރިހަމަ މިސާލެއް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.












