ޕީއެންސީގެ ރައީސްއަކަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފި އެވެ.
މިރޭ ބޭއްވި ޕީއެންސީގެ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް އަކަށް ހަމަޖެއްސީ އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވެ. އަދި ޗެއާޕާސަން ކަމަށް ކަނޑައެޅީ، އެ ޕާޓީގެ ކުރީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެ ތިން ބޭފުޅުން ޕީއެންސީގެ އެންމެ އިސް ތިން މަގާމަށް ހަމަޖެއްސީ މިރޭ ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި 40 މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުއިއްޒު ޕީއެންސީއަށް ބަދަލުވެވަޑައިގަތީ، ރިޔާސީ ޓިކެޓު ހޯއްދެވުމަށްވެ. ފަރެސްމާތޮޑާގެ މެމްބަރު ހުސައިން ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީއެންސީ އަށް ބަދަލުވި ކަން އެ ދެ ޕާޓީން ވެސް ކުރިން އިއުލާނެއް ނުކުރެ އެވެ. އެކަން އެނގިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރިޔާސަތުން އެކަން އިއުލާނު ކުރުމުންނެވެ.
ތިން ހާސް މެމްބަރުންގެ ޕީއެންސީގެ ޓިކެޓުގައި މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވީ 54 ޕަސެންޓު ވޯޓުންނެވެ. އެއީ 129,159 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109,868 ވޯޓެވެ.














