ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮމެޓީއެއް އެކުލަވާލައްވައިފި އެވެ.
މިއަދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައިވާ ގޮތުގެ މަތިން ކުރައްވަން ޖެހޭ ކަންކަން ވީހާވެސް އޮމާންކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމެޓީއެއް އުފައްދަވާފައި ވެއެވެ. މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރު އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހު ޔަގީންކަން ދެއްވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓް ހޯއްދަވައިގެނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ. ސެޕްޓެމްބަރު 9، ގައި ބޭއްވި އެ އިންތިހާބުގެ ފުރަތަމަ ބުރު ވެސް ކާމިޔާބު ކުރެއްވީ މުއިއްޒެވެ.














