ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައުމުގެ ކޮޅުމަތި ދައްކާލިއިރު އެއީ ދަރިވަރެކެވެ. ޑިމޮކްރަސީއަކަށް ރާއްޖެ ބަދަލުވެ، ގިނަ ޕާޓީ އެކުލެވޭ އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވިއިރު ވެސް ގެންދެވީ ކިޔަވާ ވިދާޅުވަމުންނެވެ.
ސިޔާސީ މައިދާނަށް ބިސްމި ކިޔައި އެންމެ ފުރަތަމައިނުން ވެސް ނުކުންނެވީ 2011 ވަނަ އަހަރެވެ. އެކަމަކު، މިރޭ، އޭގެ އެންމެ 12 އަހަރު ފަހުން، އެމަނިކުފާނަކީ ދިވެހީންގެ އިންތިހާބީ ރައީސެވެ. ކުރިއަށް އޮތް ފަސް އަހަރު ދިވެހިރާއްޖޭގައި ހުންގާނުގައި ހިއްޕަވައިގެން ހުންނަވާނީ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ވާދަ ކުރެއްވި ޑރ. މުހައްމަދު މުއިއްޒެވެ.
މިއީ ކުރު މުއްދަތެއްގެ ތެރޭގައި ޑރ. މުއިއްޒު ހޯއްދެވި، އާދަޔާހިލާފު ބޮޑު ކާމިޔާބީއެކެވެ. އަންނަ ނޮވެމްބަރު 17، ގައި އެމަނިކުފާނު ވެވަޑައިގަންނަވާނީ ދެވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު ސިޔާސީ މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް 18 އަހަރު އޮތީ ފާއިތުވެފަ އެވެ.
އެއަށްފަހު ވެރިކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު އެމަނިކުފާނު އެންމެ ފުރަތަމަ ސިޔާސީ މައިދާނަށް ނުކުންނެވީ އޭގެ 23 އަހަރު ކުރިން 1989 ވަނަ އަހަރެވެ.
އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަނިކުފާނު ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވީ އޭގެ 20 އަހަރު ކުރިން 1993 ވަނަ އަހަރެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާތްގަނޑަކަށް 56 ޕަސެންޓް ވޯޓު ހޯއްދަވައިގެން އިންތިހާބީ ރައީސްގެ މަގާމަށް މުއިއްޒު ވަޑައިގެންނެވިއިރު، އެމަނިކުފާނު އެންމެ ފުރަތަމަ ސިޔާސީ މައިދާނަށް ނުކުންނެވީ، 2011 ވަނަ އަހަރު އަދާލަތު ޕާޓީގެ ތެރެއިންނެވެ.
އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޑރ. ވަހީދުގެ ސަރުކާރު އެކުލަވާލަމުންދިޔައިރު، ފެބްރުއަރީ 19، 2012 ގައި އެ ކެބިނެޓުގެ މަގާމެއް މުއިއްޒު ހޯއްދެވި އެވެ. ވަޑައިގެންނެވީ ހައުސިން މިނިސްޓަރުގެ މަގާމަށެވެ.
ރައީސް ވަހީދަށްފަހު ވެރިކަމަށް ވަޑައިގެންނެވި ޔާމީންގެ ކެބިނެޓު ފުރަތަމަ އެކުލަވައިލިއިރު ވެސް ޑރ. މުއިއްޒު ޖާގައެއް ހޯއްދެވި އެވެ. އެފަހަރު ވެސް އެމަނިކުފާނު ވަޑައިގެންނެވީ، ހަމަ ހައުސިން މިނިސްޓަރުގެ މަގާމަށެވެ. ނަމަވެސް އެ ކެބިނެޓުގައި މުއިއްޒު ހިމެނިވަޑައިގެންނެވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ސްލޮޓެއްގަ އެވެ. އެކަމަކު، ރަސްމީކޮށް މުއިއްޒު އެ ޕާޓީއާ ގުޅިވަޑައިގަތީ މެއި، 2014 ގަ އެވެ.
އެމްޑީއޭގައި ގާތްގަނޑަކަށް ހަތަރު އަހަރު މަސައްކަތް ކުރެއްވުމަށްފަހު، ސެޕްޓެމްބަރު 24، 2018 ގައި މުއިއްޒު އެ ޕާޓީ ދޫކުރައްވައި، އޭރު ވެރިކަން ކުރަމުންގެންދިޔަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއި ކުރެއްވި އެވެ.
ޕީޕީއެމްގައި ހުންނަވައި މުއިއްޒު، އެމަނިކުފާނު މި އިންތިހާބުގެ ކުރިން ވާދަ ކުރެއްވި ފުރަތަމަ އިންތިހާބުގައި 2021 ވަނަ އަހަރު ވާދަ ކުރެއްވި އެވެ. އެފަހަރު ވާދަ ކުރެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމުގެ މަގާމަށެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމުގައި މިވަގުތު ވެސް ހުންނެވި މުއިއްޒު އެ އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން، ވޯޓުލީ އާބާދީގެ 63 ޕަސެންޓު ހޯއްދަވައިގެންނެވެ. މުއިއްޒާއެކު މޭޔަރު ކަމަށް ވާދަ ކުރެއްވީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު އަނަސް އަބްދުއްސައްތާރެވެ.
އޭގެ ފަހުން ފަސް އަހަރު އިދިކޮޅު ޕާޓީގައި ހުންނެވުމަށްފަހު މިދިޔަ އޯގަސްޓް 3، ގައި ޕީޕީއެމްގެ 'ސިސްޓާ ޕާޓީ' ޕީއެންސީއަށް މުއިއްޒު ސޮއި ކުރެއްވި އެވެ. އެ ޕާޓީއަށް އެމަނިކުފާނު ސޮއި ކުރެއްވީ ޕީޕީއެމްގެ ބާނީ އަދި މިވަގުތު ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ޔާމީންއަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއްގައި، މި ހިނގާ އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ މަގާމަށް އެމަނިކުފާނު ވަޑައިގެންނެވީ ހަމަ އެ ދުވަހު ބޭއްވި އެތެރޭގެ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެ އިންތިހާބުގައި މުއިއްޒާއެކު ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ ވާދަ ކުރައްވައިގެންނެވެ. އެ އިންތިހާބުގައި މުއިއްޒު ކުރި ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ އެއްކޮށްލިި ސެނެޓުގެ 48 މެމްބަރުންގެ ތެރެއިން 25 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ.
މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮޅިއަކުން ގޮޅިއަކުން އަރުއްވައި، ސިޔާސީ ބަދަލުތަކަށް ރާއްޖެ ފެށުނު އިރުގެ އެ 'މަނާފުއް' އެންމެ ފަހުން މަންތިރި ވީ އެވެ. އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. 'އަދަދު' ޓީމުގެ ފަރާތުން ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ޓީމަށް މަރުހަބާ ދަންނަވަމެވެ.












