ވޯޓު ކަރުދާސް ދައްކައިގެންނާއި ފޮޓޯ ނަގައިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބަށް ފުލުހުން ފެށި "އޮޕަރޭޝަން ބްލޫވޭވް" ގައި މިހާތަނަށް 10 މީހުން ފު؛ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް, އޭގެ ތެރެއިން ހަތް މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެންނެވެ. ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި، ވޯޓު ކަރުދާސް ދެއްކުމަކީ މަނާ ކަމެކެވެ.
ހެނދުނު 8:00 ގައި ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު, މިއަދު 12 ޖެހުމާ ހަމައަށް އެއްވެސް ވޯޓު ފޮއްޓެއް ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް ލ. ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮއްޓަށް ވޯޓުލާން ދިޔައިރު, ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގައި ކުރަހާފައިވާ ކަމަށް ބުނެ އެ ފޮށީގެ ވޯޓުލުން އިރުކޮޅަކަށް މެދުކަނޑާލި އެވެ.
ނަމަވެސް އެ ފޮށްޓަށް ވޯޓުލުން ހުއްޓައިލުމަށް ފަހު އާ ފޮށްޓެއް ބަހައްޓައިގެން ވޯޓުލާން ފަށަން އިލެކްޝަންސް ކޮމިޝަމުން ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު މި ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ. އަދި މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފަ އެވެ.














