ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ޔުނިވާސިޓީ އަދި ކޮލެޖް ފުޓްސަލް މުބާރާތް ކަމުގައިވާ "އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓްސް ޔޫނިއަނުން ބާއްވާ މި ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ދޭ ހުރިހާ މުއައްސަސާއެއް އެއް ތަނަކަށް އެއްކޮށް ބާއްވާ ކުލަގަދަ މުބާރާތެކެވެ.
އެމުބާރާތުގެ މަގުސަދަކީ ޔުނިވާސިޓީންބޭރުގައި ޓީމްވޯކް ދަސްކޮށް، ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދީ، ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ސެޕްޓެމްބަރު 21، އިން ފެށިގެން އަންނަ އޮކްޓޯބަރު 6، ގެ ނިޔަލަށް ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ފިރިހެން އަދި އަންހެންޑިވިޝަންގެ 30 އަށް ވުރެ ގިނަ ޓީމު ބައިވެރިވެ އެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް އަބަދުވެސް އެއްބާރުލުންދެމުންނެވެ.










