އެއްތަނުން އަނެއް ތަނަށް ޕާރުސަލް އުފުލައިދޭ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަށް އެތެރެކުރަން އުޅުނު 490 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެމެރިކާއިން ރާއްޖެއަށް ގެނައި މި ޕާރުސަލް ކަސްޓަމްސްއިން ބަލާ ފާސްކުރިއިރު ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރިއިރު، ފެނުނީ 'ހިކި ފަތް' ތަކެއް ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
"ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (Canabi - Dry Leaves) އަށް ވަނީ ޕޮޒިޓިވް ވެފަ"
ބެލެވޭ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 245،000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
ޖުމްލަ 490 ގްރާމުގެ މަސްތުވާތެކި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާއިރު މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ކަސްޓަމްސްއިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން މި ފަހަކަށް އައިސް ވަނީ އިތުރު ވެފަ އެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 23 ގައިވެސް ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވެ އެވެ.












