ދައުލަތުގެ ބައެއް މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަަލާދޭން ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ ނޫހަކުން ޖެހި ހަބަރެއް ދޮގުކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން ނުފަތުރަން ފުލުހުން މިރޭ ގޮވާލައިފި އެވެ.
ފުލުހުން ބުނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި މަގުސަދަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުން ކަމަށެވެ.
"މި މައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ހިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭ،" ފުލުހުން ބުނެފައިވެ އެވެ.
އޭގެ އިތުރުން ފުލުހުން ބުނީ ގައުމީ މަސްލަހަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.
"މި ބާވަތުގެ ދޮގު ޚަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭވައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ދެންނެވިން،" ފުލުހުން ބުނެފައިވެ އެވެ.

މިމައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން މިފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމަތެއް ކަމަށް ބުރަވެވޭ ފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.











