ޕެރިސް (ސެޕްޓެމްބަރު 12) - ފްރާންސްގެ ލިޔޯންގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް މަގާމުން ވަކިކުރަން ނިންމައިފި އެވެ.
ބްލޮންކް، 57، ލިޔޯންގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. މިދިޔަ ސީޒަނުގައި ބްލޮންކްގެ އިރުޝާދުގެ ދަށުން ކުޅެ، ލިޔޯން ލީގު ނިންމާލީ ހަތް ވަނައިގައި އޮވެ އެވެ. މި ފަހަރުގެ ސީޒަނުގައި ލިޔޯނުން ކުޅުނު ހަތަރު މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުން ކުޅުނު މެޗުން ޕީއެސްޖީ އަތުން ވަނީ 4-1 އިން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު ފްރެންޗް ލީގު ތާވަލުގެ އެންމެ ފުލަށް ލިޔޯން ވަނީ ވެއްޓިފަ އެވެ.
ނަތީޖާ ނެރުމުގައި ބްލޮންކް ފެއިލްވަމުންދާތީވެ، ލިޔޯން މެނޭޖްމަންޓުން ނިންމީ ބަދަލެއް ގެންނާށެވެ. އެ ގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބްލޮންކްއާ މަޝްވަރާ ކުރުމަށް ފަހު، ދެ ފަރާތް އެއްބަސްވެވުނު ގޮތަށް އޭނާ މަގާމުން ވަކިކުރި އެވެ.
އާ ކޯޗެއް ހަމަޖައްސަންދެން ލިޔޯންގެ ކޯޗެއްގެ ޒިންމާ އުފުލާނީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު، ޖީން ފްރަންކޯއި ވުލިއޭޒް އެވެ. ލިޔޯނުުން ވަނީ ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާއާ މަަޝްވަރާކޮށްފަ އެވެ. އެކަަމަކު، އަދި ޓީމަކާ ހަވާލުވާން ޕޮޓާ ބޭނުމެއް ނުވެ އެވެ. ލިޔޯނުން ދެން މަަސައްކަތް ކުރަމުން އަންނަނީ މިދިޔަ ޖެނުއަރީ މަހު ވެލެންސިއާ ކޯޗުކަން ދޫކޮށްލި އިޓަލީގެ ޖެނާރޯ ގަޓޫސޯއާ އެ ޓީމު ހަވާލުކުރުމަށެވެ.
ޕީއެސްޖީގެ ކޯޗުކަން 2016 ވަނަ އަަހަރު ދޫކޮށްލި ފަހުން ބްލޮންކް އެނބުރި ޔޫރަޕަށް އައިސް ފުރަތަަމަ ހަވާލުވީ ލިޔޯނާ އެވެ. އެކަމަކު، އެ ޓީމުގައި އެންމެ ރަނގަޅު މަސައްކަތެއް ނުކުރެވުނެވެ. ބްލޮންކް ވަނީ ގަތަރުގެ ކްލަބް، އަލް ރައްޔާނަށް ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްދީފަ އެވެ.












