ލ. ގަން ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެއްގައި ސައިކަލު ދުއްވަން އިން މީހާ މަރުވެއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ލ ގަން ލިންކްރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:25 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ އާއި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އެކިވަރުގެ އަނިޔާ ވެފައިވާތީ ފަރުވާދިނުމަށް ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ އޭގެ ތެރެއިން ސައިކަލު ދުއްވި މީހާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރު 1:51 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އެއީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން 28 އަހަރުގެ މީހާއަށް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޮފިޝަލު ވިދާޅުވީ އެއީީ ކާރުދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. ނަމަވެސް ސައިކަލު ދުއްވި މީހާއަކީ ލައިސަންސް އޮތް މީހެއް ކަމަށް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.












